ގުރައިދޫ ރައްޔިތުން ތިބީ ރައީސް ޔާމީނާއެކު: ހުސެއިން މަނިކު

ތ. ގުރައިދޫ ރައްޔިތުން ތިބީ ރައީސް އަބްދުﷲ ޔާމީނާ އެކު ކަމަށް ވިދާޅުވެ، އެ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މަނިކު ދޮންމަނިކު އިދިކޮޅު ފަރާތްތަކަށް މިއަދު ރައްދު ދެއްވައިފި އެވެ.


ހުސެއިން މަނިކު އެގޮތަށް ވިދާޅުވީ، މި މަހުގެ ކުރީކޮޅު، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގުރައިދު އަށް ވަޑައިގަތުމުން، އެ ރަށުގެ ރައްޔިތުން އޭނާ އަށް ހޫނު މަރުހަބާއެއް ދަންނަވާފައި ވަނިކޮށެވެ. ގުރައިދޫ ބައެއް މީހުން ބުނި ގޮތުގައި، މިއީ ސަރުކާރާ އިދިކޮޅު ކެންޑިޑޭޓަކު ގުރައިދޫ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބަޔަކު ނުކުތް ފުރަތަމަ ފަހަރެވެ.

ގުރައިދޫގައި ހުންނަވައި، އިބޫ ވިދާޅުވީ ގުރައިދު އަށް އައިސްފައިވާ ބަދަލާ އެކު ރިޔާސީ އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރެއްވޭނެ ކަން ޔަގީން ކުރެވިއްޖެ ކަމަށެވެ. ނަމަވެސް، ހުސެއިން މަނިކު މިއަދު ވިދާޅުވީ، ގުރައިދު އަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައި ނަމަވެސް، މެޖޯރިޓީ ހޯދާނީ ޕީޕީއެމުން ކަމަށެވެ.

ރައީސް ޔާމީން މިއަދު ގުރައިދު އަށް ވަޑައިގަތުމުން، އެ ރަށު ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ--.، ފޮޓޯ: ރައީސް އޮފީސް

ވެރިކަން ކުރާ ޕީޕީއެމުން ގުރައިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ހުސެއިން މަނިކު ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރުގެ ތެރޭގައި ގުރައިދޫ އަށް ތަރައްގީ އައިސްފައިވާ ކަމަށެވެ. ރައީސް ޔާމީން ވެރިކަމުގައި ހުންނަވާނަމަ، ކަންކަން ނިމިގެން ދާނީ ރައްޔިތުން ހިތް އެދޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސްގެ ހިތްޕުޅުގައި ގުރައިދޫއާ ދޭތެރޭ އޮތީ ވަރަށް ސާފު ހިތްޕުޅެއް،" ހުސެއިން މަނިކު ވިދާޅުވި އެވެ.

"ގުރައިދޫ (ރައްޔިތުންނަކީ) ރައީސަށް ސަޕޯޓު ކުރާ، ރައީސްގެ ފަހަތްޕުޅުގައި ތިބޭ ބައެއް."

ރައީސް ޔާމީން، ގުރައިދޫގައި މިއަދު ބޭއްވެވި ކެމްޕެއިން ޖަލްސާގައި އެ ދާއިރާގެ މެމްބަރު ހުސެއިން މަނިިކު ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ހުސެއިން މަނިކު ވިދާޅުވި ގޮތުގައި، ކެމްޕެއިނަށް ރައީސް ޔާމީން ގުރައިދު އަށް އެންމެ ފުރަތަމަ ވަޑައިގަންނަވާ ގޮތަށް އޮތީ އަންނަ މަހުގެ 15 ހިސާބުގަ އެވެ. އެކަމަކު، ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އިއްޔެ ގުޅުއްވާފައި މިއަދު ގުރައިދު އަށް ވަޑައިގަންނަވަން ރައީސް ނިންމެވުމާއެކު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރަށް ތައްޔާރު ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަބްދުއްރަހީމް ކައިރިން އެހީން ކޮންއިރަކުހޭ ގުރައިދު އަށް (ރައީސް) ވަޑައިގަންނަވަނީ. ބުނީ 15 ހިސާބުގައި ކަމަށް. އެކަމަކު، އެއް މިނިޓު ފަހުން ފޯނު ކަނޑާލާފައި ބުނީ ރައީސް ނިންމަވައިފިއޭ ވަޑައިގަތުމަށް. އަޅުގަނޑު ހަމަ އުފަލުން ނެތް ގޮތެއް. އަޅުގަނޑު ހުރީ ފުރަން ގޮސް އެއާޕޯޓުގައި. އެކަމަކު، އަޅުގަނޑު ދަތުރު ކުރުކޮށްލާފައި އައީ ގުރައިދު އަށް،" ހުސެއިން މަނިކު ވިދާޅުވި އެވެ.

ގުރައިދޫގައި ހިންގި ތަރައްގީގެ ބައެއް މަޝްރޫއުތަކުން މިސާލު ނަންގަވައި އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މިއަށްވުރެ މާ ރަނގަޅު ފުރުސަތުތަކެއް ގުރައިދޫގެ ރައްޔިތުންނަށް ލިބިގެން ދާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ގުރައިދޫގެ ރައްޔިތުންގެ މި ވަގުތު އެންމެ ބޭނުންވަނީ ބަނދަރަކާއި މަލްޓި ޕާޕަސް ހޯލެކެވެ.

މި ދެ މަޝްރޫއަކީ ދެ އަހަރުގެ ބަޖެޓުގައި ޖަހައިގެން ވެސް ނުކުރެވުނު ކަމެއް ކަން ހުސެއިން މަނިކު ފާހަގަކުރެއްވި އެވެ. އެހެންވެ، ވީހާވެސް އަވަހަކަށް އެ ދެ ކަންކަން ފުރިހަމަ ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ހުސެއިން މަނިކު ވިދާޅުވި އެވެ.