ރައީސް ޔާމީން އިދިކޮޅަށް: ތިއީ ކަންކަމަށް އެއްބަސް ނުވެވޭ ކޮކްޓެއިލް ކޯލިޝަނެއް!

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އިދިކޮޅުން ހަދާފައިވާ ކޯލިޝަނަކީ ކަންކަމަށް އެއްބަސް ނުވެވޭ "ކޮކްޓެއިލް ކޯލިޝަނެއް" ކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް ރައީސް އަބްދުﷲ ޔާމީން މިއަދު ރ. ހުޅުދުއްފާރުގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ. މިއީ އިދިކޮޅު ކޯލިޝަނަކީ، "ކޮކްޓެއިލް ކޯލިޝަން" އެއްގެ ގޮތުގައި ރައީސް ޔާމީން ސިފަ ކުރެއްވި ފުރަތަމަ ފަހަރެވެ.


ރ. އަތޮޅާއި ނ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ހުޅުދުއްފާރު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެންމެ ބޮޑެތި އުސޫލީ މައްސަލަތަކުގައި އިދިކޮޅު ކޯލިޝަނަށް އެއްބަސްވެވިފައި ނުވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި އޮންނަންވީ ކޮން ޒާތެއްގެ ވެރިކަމަކާ ދޭތެރޭގައި ހުރިހާ ޕާޓީތަކުން އެއްބަސްވެވިފައި ނުވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީން އެކަމަށް ވެސް ފާޑު ވިދާޅުވި އެވެ.

އެމަނިކުފާނު އެގޮތަށް ވިދާޅުވި އިރު، އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ބަރުލަމާނީ ނިޒާމަކަށް ވެރިކަން ހިންގަން ހުށަހަޅާފައިވަނިކޮށް، ރިޔާސީ ނިޒާމެއްގެ ތެރެއިން ސަރުކާރު ހިންގާ ގޮތަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގެ ބޭފުޅުން އެކުލަވައިލި މެނިފެސްޓޯގައި ވަނީ ހިމަނައިފަ އެވެ. ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ވެސް ތާއީދު ކުރަނީ ރިޔާސީ ނިޒާމަކަށެވެ. އިދިކޮޅު ފަރާތްތައް ގުޅިގެން، ރިޔާސީ އިންތިޚާބަށް ނުކުމެފައިވާއިރު، ކޯލިޝަންގެ މެނިފެސްޓޯ އަދި އިއުލާނެއް ނުކުރެ އެވެ.

"މިއިން ކޮންމެ ބޭފުޅަކު އުންމީދު ކުރައްވަމުން ގެންދެވީ ވަކި ވެރިކަމަކަށް. ކޮންމެ ޕާޓީއެއް ވަކިން އަންނަން،" - ރައީސް
ރައީސް ޔާމީނާއި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން މިއަދު ހުޅުދުއްފާރުގައި.

ކޯލިޝަން ގުޅިގެން މަސައްކަތް ނުކުރެވޭނެ ކަމުގެ މިސާލު ދައްކަވައި ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ކޯލިޝަނަށް ރިޔާސީ ކެންޑިޑޭޓަކަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ރަނިންމޭޓަކަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ކަނޑައެޅުނީ ވެސް ވަރަށް ފަހުން ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަންގައި ތިއްބެވީ މީގެ ކުރިން އެކުވާން ތިބި ބައެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއިން ކޮންމެ ބޭފުޅަކު އުންމީދު ކުރައްވަމުން ގެންދެވީ ވަކި ވެރިކަމަކަށް. ކޮންމެ ޕާޓީއެއް ވަކިން އަންނަން،" އިދިކޮޅު ސިޔާސީ ލީޑަރުންނަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ގޮނޑުދޮށްތައް ހިމާޔަތް ކުރަން ޖެހޭނީ "ރޮކް ބޯލްޑަ" ޖަހައިގެން ކަމަށް އިދިކޮޅު ބޭފުޅުން ގަބޫލު ކުރައްވަ އެވެ. އަދި އިމާރާތްތައް ބިނާ ކުރަން ޖެހޭ ކަމާއި އެ ތަންތަނަކީ ސިމެންތީގެ ތަރައްގީކަން "މަޖުބޫރީ ހާލަތުގައި" އިދިކޮޅު ބޭފުޅުން ގަބޫލު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ ވައުދުތަކުގެ ތެރެއިން އުމުރުން 65 އަހަރުން މަތީ މީހުންނަށް ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު އުވާލަން އެމްޑީޕީން އެއްބަސް ނުވާ ކަމަށެވެ. އެ ވާހަކަ ކޯލިޝަންގެ މެނިފެސްޓޯގައި ލިޔަން ދެކޮޅު ހެދި ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ދެއްކެވި ވާހަކައިގެ ޚުލާސާއެއް:

- ހުޅުދުއްފާރުގައި ނިމިދިޔަ ސަރުކާރުތަކުން ހިންގީ މިލިއަނެއްހާ ރުފިޔާގެ މަޝްރޫއު.

- މި ސަރުކާރުން 71 މިލިއަން ރުފިޔާގެ ބޮޑެތި މަޝްރޫއުތަކެއް ހިންގިން.

- ހުޅުދުއްފާރުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށްދީ، ސްކޫލްގެ ޖާގަ އިތުރުކޮށްދޭނަން.

- އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ގާއިމު ކުރާނަން.

- ކުންފުނިތަކުގެ ބޯޑުގައި ތިބޭ އަންހެނުންގެ އަދަދަކީ 50 ޕަސަންޓަށް ހަދާނަން.

- މަޖިލިހުގެ ގިނަ ގޮނޑިތަކުގައި އަންހެން ބޭފުޅުން ތިއްބަވާ ތަން ދެކެން ބޭނުން.

އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް ގޮވާލާ ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރަށް އިޝާރާތް ކުރައްވައި، ރައީސް ޔާމީން މިއަދު ވިދާޅުވީ އެ އަމުރު އައީމަ، ރާއްޖެ ހަލަބޮލިވެ، ވެރިކަން ބަދަލުވެގެން ދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އުންމީދު ކުރި ކަމަށެވެ.

އަދި ކުރީގެ ރައީސް މައުމޫނާއި ގާސިމާއި އަދާލަތު ޕާޓީން އެމްޑީޕީ ކޮޅަށް ނާރައިފިނަމަ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ނެތް ކަން ގިނަ ބަޔަކު ގަބޫލު ކުރި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ކޯލިޝަން "ކޮކްޓެއިލް" އަކަށް ވަނީ މި ހުރިހާ ބޭފުޅުންނާ އެކީގަ އެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރަށް ފަހު، ގަޑުބަޑުވި ނަމަ، އެމްޑީޕީ "ލީޑް ކުރަން" އިދިކޮޅު އެހެން ބޭފުޅުން އެއްބަސްވެ ވަޑައިނުގަންނަވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.