ފަރެސްމާތޮޑާ އެއާޕޯޓު ނިންމައިދޭނީ އިދިކޮޅު ވެރިކަމުގައި: އިބޫ

އިދިކޮޅު ވެރިކަމެއްގައި ގދ، ފަރެސްމާތޮޑާގައި އެއާޕޯޓު އަޅައި ނިންމައި ވަރަށް އަވަހަށް ހިދުމަތަށް ހުޅުވައިލާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.


ގއ. އަދި ގދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ގދ. ފަރެސްމާތޮޑާ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ގައުމެއް ތަރައްގީވުމަށް އެންމެ ބޮޑަށް ބޭނުންވަނީ ދަތުރުފަތުރުގެ ނިޒާމު ކަމަށެވެ. ދަތުރުފަތުރުގެ ނިޒާމާ ނުލައި ރާއްޖެ ތަރައްގީ ނުވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ މިއަދު ފަރެސްމާތޮޑާގައި. އޭނާ އަށް މަރުހަބާ ދަންނަވަން ގިނަ އަދަދެއްގެ ބަޔަކު ނުކުތް. - ފޮޓޯ: އެމްޑީޕީ

ފަރެސްމާތޮޑާގައި އެއާޕޯޓު އެޅުމަކީ ރައީސް އަބްދުﷲ ޔާމީންގެ ވައުދެކެވެ. ފަރެސްމާތޮޑާގައި އެއާޕޯޓު އަޅާ ބިން ހިއްކަން 2.5 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) އަށް ގަލްފް ކޮބްލާ ޓެންސާ ކުންފުންޏާ ހަވާލު ކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެ މަސައްކަތުގެ ދަށުން، މިހާރު ކުރިއަށް ދަނީ ބިން ހިއްކުމުގެ މަސައްކަތެވެ.

ރައީސް ޔާމީންގެ ވާހަކަފުޅަކުން މިސާލު ނަންގަވައި އިބޫ ވިދާޅުވީ ފަރެސްމާތޮޑާގެ އެއާޕޯޓު ނިންމާފައި ނޫނީ 2018ގެ ރިޔާސީ އިންތިހާބުގެ ވޯޓު ހޯދަން ވަޑައިނުގަންނަވާނެ ކަމަށް ރައީސް ޔާމީން ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު، އެ ވައުދު ފުރިހަމަ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު، އަދި ކިރިޔާ މި އަހަރުގެ ވޯޓާ އެކީގައި އެ ތަނަށް ކޮންނަ ބޯޓެއް ގެނެސް، މަސައްކަތް ފަށައިގެން ކުރި އަށް ދާ ތަން ފެނިގެން ދަނީ،" ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި، އިދިކޮޅު ވެރިކަމެއްގައި އެއާޕޯޓުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންގޮސް، ވަރަށް އަވަހަށް އެއާޕޯޓުގެ ހިދުމަތް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ އެވެ.

އިބޫ މިއަދު ގދ. ފަރެސްމާތޮޑާ އަށް ވަޑައިގަތުމުން، އެ ރަށު އަންހެނަކު މަރުހަބާ ދަންނަވަނީ. އިބޫ އަށް މަރުހަބާ ދަންނަވަން ގިނަ ބަޔަކު ނުކުތް. - ފޮޓޯ: އެމްޑީޕީ

ފަރެސްމާތޮޑާގެ އެއާޕޯޓު ހަދަނީ، ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ އަތުން ސަރުކާރަށް ނެގި ހަތަރު މިިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ)ގެ ލޯނަކުންނެވެ. އިންޓްރެސްޓަކާ ނުލައި ދިން އެ ލޯނު ދައްކަން ސަރުކާރަކަށް ވަކި މުއްދަތެއް ނެތެވެ.

އިބޫ ވިދާޅުވި ގޮތުގައި ސަރުކާރެއްގެ އެންމެ ބޮޑު ބޭނުމަކީ އަސާސީ ހިދުމަތްތައް ފޯރުކޮށްދީ، އާއިލާއާ އެކު އުޅެވޭނެ ގޮތް ފަހި ކޮށްދިނުމެވެ. އަދި ރައްޔިތުން ޓެކުހާއި އިމްޕޯޓު ޑިއުޓީ ދައްކަނީ އަސާސީ ހިދުމަތްތައް ބޭނުންވެގެން ކަމަށާއި މިއަދު އެކަން ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ 18 ބިލިއަނަށް އަރައިގެން ދިޔަ އިރު، ރަނގަޅު ތައުލީމީ ނިޒާމަކާއި ސިއްހީ ނިޒާމެއް ގާއިމުކޮށް ނުދެވުނު ކަމަށެވެ. އަދި ދައުލަތަށް ލިބޭ ފައިސާ ހަރަދު ކުރަނީ ސިޔާސީ ބޭފުޅުންނަށް މުސާރަ ދިނުމަށާއި ދަރަނި އަދާ ކުރުމަށް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ވަނީ ދައުލަތުގެ ބަޖެޓުން ފޭދިގެންދާ ފައިސާތައް އިދިކޮޅު ވެރިކަމެއްގައި މަދުކޮށް، ކޮރަޕްޝަނާއި ވައްކަމުގެ ދޮރުތަން ބަންދުކޮށް، ރައްޔިތުން ބޭނުންވާ ހިދުމަތްތައް ހޯދައިދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.

އިބޫ ފަރެސްމާތޮޑާ އަށް ކުރެއްވި ދަތުރުގައި އިދިކޮޅު ވެރިކަމެއްގައި ގެންގުޅޭނެ ބައެއް ސިޔާސަތުތައް ހާމަކުރެއްވި އެވެ. އެގޮތުން، ފަރެސްމާތޮޑާ ސްކޫލް ޒަމާނީ ފެންވަރަކަށް ހަދައި، މަސްވެރިން ބާނާ މަހަށް ވަގުތުން އަގު ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މަސްވެރިންނަށް ބޭންކް މެދުވެރިކޮށް ލޯނު ލިބޭނެ ގޮތް ފަހިކޮށް ދެއްވުމަށް ވެސް އިބޫ ވައުދުވެވަޑައިގެންނެވި އެވެ.

އިބޫ ގއ. އަދި ގދ. އަތޮޅަށް ކުރައްވާ ދަތުރުގައި މިއަދު ފަރެސްމާތޮޑާ އަށް ވަޑައިގަތުމުން، އެ ރަށު ގިނަ ބަޔަކު ނުކުމެ، އޭނާ އަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ. އިބޫގެ މި ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގަތީ ގދ. ވާދު އަށެވެ. އިބޫގެ ތިން ވަނަ މަންޒިލަކީ ގދ. ފިޔޯރީ އެވެ. އެ އަށް ފަހު، ގދ. ތިނަދު އަށް ވަޑައިގެން، އެ ރަށުގައި މި ރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.