ކޮލަމާފުށި ޖަލްސާގެ ކުރީ ގޮނޑިބަރި، ހައްޔަރުކުރި މީހުންނަށް ހާއްސަކޮށްފައި

އިދިކޮޅު ކޯލިޝަނުން ގއ. ކޮލަމާފުށީގައި މިއަދު ބޭއްވި ޖަލްސާގެ ކުރީ ގޮނޑިބަރި، ވެރިކަން ކުރާ ޕީޕީއެމްގެ ޖަގަހައަށް ގެއްލުން ދިން ކަމަށް ބުނެ ހައްޔަރު ކުރި 18 މީހުންނަށް ހާއްސަކޮށްފި އެވެ.


ކޮލަމާފުށީގެ ޕީޕީއެމް ޖަގަހަ އަށް ބޮޑެތި ގެއްލުންތަކެއް ދިން ކަމަށް ބުނެ އެ ރަށުން ހައްޔަރު ކުރި 18 މީހުންގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށް ތަހުގީގު ކުރަމުންދާ އިރު، އެ މީހުން ބަންދުގައި ބައިތިއްބާ މުއްދަތު 15 ދުވަހަށް ވަނީ އިތުރުކޮށްފަ އެވެ. އެހެންވެ، ޖަލްސާގައި އެމީހުންނަކަށް ބައިވެރިއެއް ނުވެވުނެވެ.

ޕީޕީއެމްގެ ޖަގަހައަށް ހަމަލާދީގެން ކޮލަމާފުށިން ހައްޔަރު ކުރި މީހުން--- ފޮޓޯ: އެމްޑީޕީ

ގިނަ އަދަދެއްގެ ބަޔަކާއެކު، ކޮލަމާފުށީގައި ބޭއްވި ޖަލްސާގެ ފުރަތަމަ ބަރީގައި ހުސް ގޮނޑިތަކެއް ހުރިއިރު، ގޮނޑިމަތީގައި ހުރީ ހައްޔަރު ކުރި މީހުންގެ ނަމާއި ފޮޓޯ ޖަހާފައި ހުރި ޕޯސްޓަރުތަކެވެ.

އޭގެ ފަހުން ދެވަނަ ބަރީގައި ތިއްބެވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކޯލިޝަންގެ އެކިއެކި ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނެވެ.

ކޮލަމާފުށީގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އިބޫ ވިދާޅުވީ 18 މީހުން ވެސް ހައްޔަރުކުރީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ މުޅިން ހިލާފަށް ކަމަށެވެ. އެ 18 މީހުންނަކީ ސިޔާސީ ކުށްވެރިން ނޫން ކަމަށް ވިދާޅުވެ، އިބޫ ވަނީ އެ ހުރިހާ އެންމެން ދޫކޮށްލުމަށް ސަލާމަތީ ބާރުތަކަށް ގޮވާލައްވައިފަ އެވެ.

ކޮލަމާފުށީގައި މިއަދު ބޭއްވި ޖަލްސާގެ ކުރީ ސަފު ގޮނޑިތައް ހުސްކޮށް. އެ ގޮނޑިތައް ހާއްސަކޮށްފައިވަނީ ކޮލަމާފުށިން ހައްޔަރު ކުރި ހުރިހާ އެންމެންނަށް.

"އެ ދުވަހުގެ ހާދިސާ ހިނގަމުން ދިޔައިރު، މޫދުގައި ތިބި މީހުންނާއި ކުލަލާން ތިއްބާ ހައްޔަރު ކުރި މީހުން އެބަތިބި،" މިދިޔަ ހަފުތާގައި ކޮލަމާފުށީގައި ހިނގި ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ވަކި މީހަކު ބުނާ ގޮތަކަށް ސަލާމަތީ ބާރުތަކުން ކަންތައް ކޮށްގެން ނުވާނެ ކަމަށާއި ސަލާމަތީ ބާރުތަކުން ހިމާޔަތް ކުރަން ޖެހޭނީ ގާނޫނުއަސާސީ އާއި ގާނޫނުތައް ކަމަށެވެ.

ކޮލަމާފުށީގައި ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހަމައެކަނި އެމްޑީޕީ މީހުން ހައްޔަރުކޮށް އަދަބު ދެމުން ގެންދާތީ އެ ޕާޓީން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެއީ ފުލުހުންގެ ތެރެ އަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ކަމަށް އެ ޕާޓީން ބުނެ އެވެ.