ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅާލުމުގެ އިތުރުން އިބޫގެ ގިނަ ވައުދުތަކެއް

ގއ. ވިލިނގިއްޔާއި މިފްކޯގެ މަސް ކާރުޚާނާ ހިންގާ ގއ. ކޫއްޑޫ ބްރިޖަކުން ގުޅާލުމުގެ ވައުދާ އެކު، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ވިލިނގިއްޔަށް ބޮޑެތި ވައުދުތަކެއް ވެވަޑައިގެންފި އެވެ.


ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރައްވަމުން ގެންދަވާ ދަތުރުގައި، ވިލިނގިލީ ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ ރައްޔިތުންގެ ވިސްނުމަކަށް ވާންވީ އެއް ތަނުން އަނެއް ތަނަށް ގުޅުވާލެވޭނެ ގޮތެއް ކަމަށެވެ. ވިލިނގިއްޔާއި ކޫއްޑޫ ގުޅާލަން މާ ބޮޑު ހަރަދެއް ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ގއ. ވިލިނގިލީގައި ރޭ ބޭއްވި ޖަލްސާ. މި ޖަލްސާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވި. - ފޮޓޯ: އެމްޑީޕީ

މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖު އެޅުމަށް ދާ ހަރަދު ބެލި އިރު، އެކަމަށް ހަރަދު ވަނީ 78 މިލިއަން ޑޮލަރު ކަމަށް އިބޫ ވިދާޅުވި އެވެ. އެކަމަކު، އެ ބްރިޖު އަޅާ ނިންމިއިރު، އެކަމަށް 300 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ހަރަދު ކޮށްފައިވާތީ އިބޫ ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.

ގއ. އަތޮޅު ތަރައްގީ ކުރުމުގެ ވިސްނުން ހުރި ކަން ފާހަގަ ކުރައްވައި، އިބޫ ވިދާޅުވީ ގއ. އަތޮޅުން، ރާއްޖެ އިން ބޭރަށް ދެވޭނެ ގޮތް ފަހިވެފައި އޮންނަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެ އަތޮޅުގައި ބައިނަލްއަގުވާމީ އެއާޕޯޓެއް ތަރައްގީ ކުރުމަށް ވެސް ވައުދުވެވަޑައިގެންނެވި އެވެ.

އިބޫ މިރޭ ގއ. ވިލިނގިލީގެ ޖަލްސާގައި. - ފޮޓޯ: އެމްޑީޕީ

މީގެ އިތުރުން، މި ސަރަހައްދުން ބާނާ މަސް ހަމައެކަނި ފިނިކޮށްގެން ބޭރު ކުރުމުގެ ބަދަލުގައި ޕްރޮސެސް ކުރެވޭނެ ކޭނިން ފެކްޓަރީއެއް ގާއިމުވެގެން ދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ވެރިކަމެއްގައި ވިލިނގިލި ހިމެނޭ ގޮތަށް ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ސޯޝަލް ހައުސިން ހޯދުމަށްޓަކައި ދޫކުރާ ލުއި ލޯން ވިލިނގިލި ރައްޔިތުންނަށް ވެސް ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިބޫ ވިދާޅުވި އެވެ.

"(ލޯނު ދޭ) އިންޓްރަސްޓް ރޭޓް ހަ ޕަސަންޓަށްވުރެ ބޮޑެއް ނުވާނެ. އަދި މަހުން މަހަށް ދައްކަން ޖެހޭ ފައިސާ 5000ރ. ގައި ހިފެހެއްޓޭނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ އިއްޔެ ވިލިނގިއްޔަށް ވަޑައިގަތުމުން، އޭނާ އަށް މަރުހަބާ ދަންނަވަން އެތައް ސަތޭކަ ބަޔަކު ބަނދަރު މައްޗަށް ނުކުތެވެ. އިބޫއާ ސަލާމް ކުރަން މީހުން އެތުރިގެން ތިބި ސަފު ބަނދަރު ސަރަހައްދުން ފެށިގެން ބޮޑު ސަރަހައްދަކަށް ފެތުރިފައި އޮތެވެ. އެކަމަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވީ ހުވަދު އަތޮޅުން އިދިކޮޅު ކޯލިޝަނަށް ބޮޑު އަޣުލަބިއްޔަތެއް އޮތް ކަން ހާމަވެފައިވާ ކަމަށެވެ.