އިހަވަންދިއްޕޮޅު ތަރައްގީ ނުކުރަން އެމްޑީޕީން ވަނީ ބަޔަކަށް ވައުދުވެފައި: ސައީދު

އިދިކޮޅު އިއްތިހާދަށް ވެރިކަން ލިބުނަސް، އިހަވަންދިއްޕޮޅު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ ހިތްވަރެއް އެމްޑީޕީގައި ނުހުންނާނެ ކަމަށާއި އެ ޕާޓީން ވަނީ އިހަވަންދިއްޕޮޅު ތަރައްގީ ނުކުރަން ބަޔަކަށް ވައުދުވެފައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.


"މިހާރު" ގައި ޝާއިއު ކުރި ޚަބަރެއްގެ ސްކްރީން ޝޮޓާއެކު، ސައީދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ އިހަވަންދިއްޕޮޅު ތަރައްގީކުރުމަށް، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވައުދުވެ ވަޑައިގަތުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.

"އިހަވަންދިއްޕޮޅު ތަރައްގީ ކުރައްވާނީ ހަމަ ރައީސް ޔާމީން،" ސައީދު ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅު ތަރައްގީ ނުކުރަން އެމްޑީޕީން ބަޔަކަށް ވައުދު ވެފައިވާ ކަމަށް ވިދާޅުވިޔަސް އެއީ ކޮން ބައެއް ކަމަށް ސައީދު ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވެފައި ވަނީ މި ވައުދު ފުރިހަމަކުރުމުގެ ހިތްވަރެއް އެމްޑީޕީގެ ނުހުންނާނެ ކަމަށެވެ.

ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިހަވަންދިއްޕޮޅުގައި ފަށާނެ ކަމަށް އިއުލާން ކުރި "އައިހަވަން" މަޝްރޫގެ އަމަލީ އެއްވެސް މަސައްކަތެއް ދައުރު ހަމަވާއިރު ވެސް ކޮށްފައި ނެތުމުން، އެ ސަރަހައްދުގެ މީހުންނާއި އިދިކޮޅު އިއްތިހާދުގެ ބޭފުޅުން ސަރުކާރަށް ފާޑު ކިޔަ އެވެ.

ސައީދު މިއަދު ކުރެއްވި ޓުވީޓު.

މި ފާޑު ކިޔުންތަކަށް ރައްދު ދެއްވައި ސައީދު "މިހާރު" އަށް ވިދާޅުވީ ރާއްޖެ ބޮއިކޮޓްކޮށް، އިންވެސްޓްމަންޓް ނާންނަން ގޮވާ ބަޔަކަށް މަޝްރޫއުތައް ނުހިންގޭނެ ކަމަށެވެ. އަދި އިހަވަންދިއްޕޮޅު ތަރައްގީ ކުރުމުގެ ގާބިލްކަން ހުރީ މި ސަރުކާރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހއ. ހޯރަފުށީގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ އިހަވަންދިއްޕޮޅަކީ ގުދުރަތީ ގޮތުން ވަރަށް މުހިންމު ސަރަހައްދެއް ކަމަށާއި އޭގެ ބޭނުން ވަރަށް ފަސޭހައިން ކުރެވެން އެބަ އޮތް ކަމަށެވެ. ދިރާސާތައް ކުރުމަށް ފަހު، ޓޫރިޒަމާއި ޓްރާންޝިޕް ބަނދަރުތައް ފަދަ އިގްތިސާދީ މަޝްރޫތައް އިހަވަންދިއްޕޮޅުގައި، އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ގާއިމުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓް އިބޫ ހއ. އިހަވަންދު އަށް ވަޑައިގަތުމުން މަރުހަބާ ކިޔުމަށް އެއްވެ ތިބި މީހުންގެ ތެރެއިން ކުޑަކުއްޖަކު އުރާލައިގެން.-- ފޮޓޯ: އެމްޑީޕީ

މިދިޔަ ޖުލައި މަހުގެ 17 ގައި ހއ. ހޯރަފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާފިނޮޅުގައި އަޅާ އެއާޕޯޓަކީ އައިހަވަންގެ މަޝްރޫއުގެ ބައެއް ކަމަށެވެ. އެ މަޝްރޫއުގެ ދަށުން ގިނަ އަދަދެއްގެ ބިންތަކެއް ހިއްކަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކި ފަރާތްތަކުގެ ފިއްތުންތައް ކުރިމަތި ކުރާތީ ބޮޑެތި ބައެއް މަޝްރޫއުތައް ރާއްޖޭގައި ހިންގަން ދަތިތަކެއް ހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އައިހަވަން އަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރަކާ އެކު، ބަނދަރުގެ ވިޔަފާރި އަށް ބޭނުންވާ އިތުރު ދާއިރާތަކެއް ހިމެނޭ ބޮޑު މަޝްރޫއެކެވެ. އެ ތަނުގައި މުދާ އުފެއްދުމާއި ބަންދުކުރުމާއި ޕްރޮސެސްކުރުމާއި ގުދަންކުރުމުގެ އިތުރަށް، ބައިނަލްއަގުވާމީ ކްރޫޒް ފެސިލިޓީ އާއި އެއާޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައް ވެސް ހިމެނެ އެވެ. އައިހެވަން މަޝްރޫއުގެ މާސްޓަ ޕްލޭން ހެދުމުގެ މަސައްކަތާއި ފީސިބިލީ ސްޓަޑީ ނިމިފައިވާ ކަން ރައީސް ޔާމީން މީގެ ކުރިން ވިދާޅުވެފައިވެ އެވެ.