ބްރިޖާ ގުޅިފައިވާ ރިންގް ރޯޑް ހުޅުވާލައިފި

ސިނަމާލެ ބްރިޖާ ގުޅޭ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހެދި ބައި މިރޭ ހުޅުވާލައިފި އެވެ.


ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ރިންގް ރޯޑް ހަދާފައިވަނީ މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލް ކުރިމަތިން ފެށިގެން މާފަންނު އިންޑަސްޓްރިއަލް ވިލެޖާ ހަމައަށެވެ. ވެހިކަލްތައް ދުއްވޭ ގޮތަށް އެ ސަރަހައްދު މިރޭ ހުޅުވާލިޔަސް، އެ މަގުގެ އެއްވެސް ސަރަހައްދެއްގައި ޕާކް ކުރުމަކީ މަނާ ކަމެކެވެ. އެގޮތުން، ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ކަޅުތުއްކަލާ ކޮއްޓާ ހިސާބަށް މަގުގެ އެއްވެސް ތަނެއްގައި ޕާކް ކުރުން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މަނާކޮށްފަ އެވެ.

ބްރިޖާ ގުޅޭ މަގުތައް މިރޭ 8:30 ވާން އުޅެނިކޮށް ހުޅުވައިލި ނަމަވެސް ޕޭވްމަންޓާ ގުޅޭ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށް އެބަދެ އެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހެދި ބައި މިރޭ އާންމު ދަތުރުތަކަށް ހުޅުވާލާފައި. ފޮޓޯ: އަހްމަދު ނިޝާތު/މިހާރު

ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށްޓަކައި އެ މަގު ހަދާފައިވަނީ ހަތަރު ލޭން ހިމެނޭ ގޮތަށް، 12 މީޓަރަށް ފުޅާކޮށެވެ. އެ މަގު މިރޭ ހުޅުވާލިޔަސް، މަގުތަކުގައި ޓްރެފިކް ނިޝާންތައް ކުރެހުމާއި ބައެއް ސަރަހައްދުގެ ޕޭވްމަންޓްގެ ބައެއް މަސައްކަތްތައް އަދިވެސް ދަނީ ކުރަމުންނެވެ.

އެ މަގު ހަދަމުންދާތީ އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލުތައް ވެސް އުވާލައި، މިހާރު ވަނީ ކުރިން އޮތް ޓްރެފިކް ފްލޯ ހަމަޖައްސައިފަ އެވެ. އެގޮތުން ކުރިއެކޭ ވެސް އެއްގޮތަށް، ބޮޑުތަކުރުފާނު މަގުގެ ކުރަނގި ގޯޅިއާ ހަމައިން ފިލިގަސް މަގާ ހަމައަށް ހުޅަނގުން އިރަށް ދުއްވާ ގޮތަށް ހަމަޖައްސައި، އަދި ފިލިގަސް މަގު ވެސް ކުރިއެކޭ އެއްގޮތަށް އުތުރުން ދެކުނަށް ދުއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މީގެ އިތުރުން ފިލިގަސް މަގުން ފެށިގެން ބޮޑުތަކުރުފާނު މަގާ ހަމައަށް އެއްކޮޅަށް، ފިލިގަސް މަގުން ވަދެވޭ ގޮތަށް ހަމަޖެއްސުމުގެ އިތުރުން ނަސަންދުރައިގެ އިރުން ބޮޑުތަކުރުފާނު މަގަށް ނިކުމެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.