"ޖަރީމާތަކަށް" ރައީސް ޔާމީންގެ އިއުތިރާފް، ތަހުގީގު ކުރަން ޖެހޭ: މެމްބަރުން

ގާނޫނުތަކާ ޚިލާފަށް، އެތައް ބައެއްގެ ހައްގު ނިގުޅައިގަތުމަށް ރައީސް އަބްދުﷲ ޔާމީން ހިންގެވި "ޖަރީމާތަކު"ގެ ވާހަކަ ސިޔާސީ ޕޯޑިއަމްތަކުގައި އަމިއްލަފުޅަށް ވިދާޅުވެ، އިއުތިރާފްވެވަޑައިގަންނަވަމުން ގެންދަވާތީވެ އެ މައްސަލަތައް ފުލުހުން ތަހުގީގުކޮށް ފިޔަވަޅު އަޅައިދޭން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ 12 މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.


އެ މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ގޮނޑި ގެއްލުވާލުމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އިންތިޚާބުގައި ވާދަނުކުރެއްވޭ ގޮތް ހެއްދެވީ ތިމަންމަނިކުފާނު ކަމަށް ރައީސް ޔާމީން ވިދާޅުވުމަކީ "ޖަރީމާތަކެއް" ހިންގެވި ކަމަށް އެއްބަސްވެވަޑައިގަތުން ކަމަށެވެ. އެއާއެކު، ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން "މަރުވެއްޖެ ކަމަށް" އަދި އެ ވާހަކަ ފަހުން އެހެން ގޮތަކަށް ބަދަލުކުރައްވައި "އަދި ފެންނާނެ" ކަމަށް ވިދާޅުވުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ.

މި މައްސަލަތަކަކީ ވަގުތުން ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ މައްސަލަތަކެއް ކަމަށް މެމްބަރުން ވިދާޅުވި އެވެ.

މެމްބަރުންގެ ގޮނޑި ގެއްލުވާލި ކަމަށް ވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ އެކަން ކުރެއްވުމުގެ ގާނޫނީ ބާރާއި އިޚްތިޔާރެއް އެއްވެސް ގާނޫނަކުން ރައީސް ޔާމީނަށް ލިބިދީފައި ނުވާ ކަމަށެވެ. އެހެންކަމުން އެކަން ކުރެއްވީ ކޮން ހަމަޔަކާއި އިންސާފުންތޯ އަމީތު ސުވާލު ކުރެއްވި އެވެ.

"ރައީސް ޔާމީން ސާފުކޮށްދެއްވަން އެބަޖެހޭ، ގޮނޑި ގެއްލުވާލުމުގެ ބާރާއި އިޚްތިޔާރު ރައީސް ޔާމީނަށް ލިބިދީ ކޮން ގާނޫނެއްގެ ދަށުންތޯ،" އަމީތު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، މެމްބަރުން ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އަމީތު ވިދާޅުވި ގޮތުގައި މަޖިލީހަށް ރައްޔިތުން އިންތިޚާބުކޮށްފައި ތިބި މެމްބަރުންތަކެއް މަޖިލީހަށް ވެންނެވުމަށް ހުރަސްއަޅައި 60،000 ރައްޔިތުންގެ އަޑު ކަނޑުވާލުމަކީ އެއްވެސް ގާނޫނަކުން ރައީސް ޔާމީނަށް ލިބިދީފައި އޮތް ބާރެއް، ނޫނެވެ. އެއާއެކު ރައީސުލްޖުމްހޫރިއްޔާ އަކީ އެއްވެސް މިނިވަން މުއައްސަސާއަކަށް ނުފޫޒު ފޯރުއްވުމުގެ ބާރު ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށް ނޫނެވެ.

"60،000 ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަކީ އާދައިގެ މައްސަލައެއް ނޫން، ހަގީގަތުގައި ވަރަށް ބޮޑު ޖަރީމާއެއް،" އަމީތު ވިދާޅުވި އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައި ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުތަކަކީ ތަހުގީގަކާ ނުލައި ދޫކޮށްލެވޭނެ ވަރަށް ވުރެން މާ ސީރިއަސް ކަންކަން ކަމަށެވެ.

"އެމަނިކުފާނު އެ ވިދާޅުވަމުން ގެންދަވަނީ ދިވެހިރާއްޖޭގައި ބޮޑެތި ޖަރީމާތައް ހިންގެވި ވާހަކަ. ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް އަތް ބޭނި ވާހަކަ. ރާއްޖޭގެ ކޯޓުތަކަށް އަތް ބޭނި ވާހަކަ އެ ދަންނަވަނީ. އެހެންކަމުން އުފެދޭ ސުވާލަކީ އެ ކަންކަން ތަހުގީގު ނުކޮށް ތިބީ ދިވެހި ފުލުހުންނާއި ސިފައިންނަށް ކިހިނެއް ވެގެންތޯ؟" ލަތީފް ސުވާލު ކުރެއްވި އެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ ވިދާޅުވީ ރައީސް ޔާމީން، މެމްބަރުންގެ ހައްގުތައް ހިފަހައްޓަވައިގެން ހުންނަވައި އެމަނިކުފާނަކީ "އަމާނާތްތެރިއެއް" ކަމަށް ދައްކަން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށެވެ. އެކަމަކު އެމަނިކުފާނު ގާނޫނާ ޚިލާފަށް ހިންގެވި އަމަލުތައް ވެސް ފެންނަން ހުރި ކަމަށާއި ރައްޔިތުންނަށް ހަގީގަތް އޮޅުވައެއް ނުލެއްވޭނެ ކަމަށް ވިދާޅުވި އެވެ.

"12 މެމްބަރުންގެ ގޮނޑި ގެއްލުވާލި ކަމަށް ވިދާޅުވިއިރު، މެމްބަރުންގެ ގޮނޑިއެއް ނޫނޭ ގެއްލުވާލީ. އެތައް ހާސް ރައްޔިތުންގެ ހައްގުތަކޭ ގެއްލުވައިލީ،" މުސްތޮފާ ވިދާޅުވި އެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ، މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާކު ތިނަދޫގެ ގިނަ އަދަދެއްގެ ބަޔަކު އަނެއްކާވެސް އިދިކޮޅާ ގުޅިއްޖެ ކަމަށެވެ. މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން އޮޅިފައިވާ ވާހަކަތަކެއް ރައީސް ޔާމީން އަމިއްލަފުޅަށް އިއްޔެ ސާފުކޮށްދެއްވައި ރައްޔިތުންގެ ހައްގުތަކަށް އަރައިގެންނެވި ކަމަށް ވިދާޅުވެފައިވާ ކަމަށް ސައުދު ވިދާޅުވި އެވެ.

މެމްބަރުން ވިދާޅުވި ގޮތުގައި ރައީސް ޔާމީން އިއުތިރާފްވެވަޑައިގެންނެވި މައްސަލަތަކުގައި އެމަނިކުފާނާ ދެކޮޅަށް ތަހުގީގު ހިންގައި ޖަވާބުދާރީ ކުރުވޭނެ އެވެ. ބާކީ އޮތީ ދެ ހަފުތާއެއްހާ ދުވަސް ކަމަށާއި ހައްގު ނިގުޅައިގަނެފައިވާ އެންމެންނަށް މި މަހުގެ 23 ވަނަ ދުވަހުގެ ވޯޓާ އެކު އިންސާފު ލިބެން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.