އިދިކޮޅު އިއްތިހާދަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެ ނަމަ، އދ. މާމިގިލީގައި ހުރި ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެ، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މާމިގިއްޔަށް ވައުދުތަކެއް ވެވަޑައިގެންފި އެވެ.
އިދިކޮޅު ކޯލިޝަނުން އދ. މާމިގިލީގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި އިބޫ ވިދާޅުވީ ސަރަހައްދުގައި ހަތްހާހެއްހާ މީހުންގެ އާބާދީއެއް އޮންނައިރު، ރަނގަޅު ސިއްހީ ފަރުވާއެއް ނުލިބޭ ކަމަށެވެ. އެކަމަކު، މެދު ރާއްޖެ ތެރޭގެ މީހުން ސިއްހީ ހޯދުމަށް އަންނަނީ މާމިގިއްޔަށް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ވެރިކަމެއްގައި އެތަނަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް، އެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރާނަން،" ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އުފަން ރަށުގައި ހުންނަވައި އިބޫ ވިދާޅުވީ ސަރަހައްދުގެ ގިނަ މީހުން ވަޒީފާ އަދާކޮށް، ފައިސާގެ މުއާމަލާތް ކުރާއިރު، ބޭންކިންގެ ހިދުމަތް ލިބެން ނެތުމުން، މާމިގިލީގައި ބޭންކިންގެ ހިދުމަތް ހަމަޖެހިގެންދާނެ މަގު ވެސް ފަހިކޮށްދެއްވާނެ ކަމަށެވެ.
މީގެއިތުރުން، މާމިގިލި ސްކޫލަށް ބޭނުންވާ ތަރައްގީ ގެނެސް، މަގުތައް ރަނގަޅު ފެންވަރެއްގައި ހަދާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އދ. އަތޮޅުގައި މޮޅަށް ފުޓްބޯޅަ ކުޅޭ ކުޅުންތެރިންތަކެއް ތިބި ކަން ފާހަގަކުރައްވައި އިބޫ ވަނީ މާމިގިލީގައި ރަނގަޅު ފުޓްބޯޅަ ދަނޑެއް ހައްދަވައި ދެއްވުމަށް ވެސް ވައުދުވެވަޑައިގެންފަ އެވެ.
މިއަދު އިރުއޮއްސެނިކޮށް އިބޫ މާމިގިއްޔަށް ވަޑައިގަތުމާ އެކު އޭނާ އަށް މަރުހަބާ ދަންނަވަން އެތައް ސަތޭކަ ބަޔަކު ބަނދަރުމައްޗަށް ނުކުތެވެ. އަދި އެ ހުރިހާ އެންމެންނާ އިބޫ ސަލާމް ކުރައްވަން ސާޅީހަކަށް މިނިޓަށްވުރެ ގިނަ އިރު ހޭދަ ކުރެއްވި އެވެ.
އިބޫ އަށް ގިނަ ބަޔަކު މަރުހަބާ ދެންނެވުމާ ގުޅިގެން، އޭނާ ވިދާޅުވީ އދ. އަތޮޅާއި އއ. އަތޮޅުން ވެސް އިދިކޮޅު ކޯލިޝަނަށް ބޮޑު ތާއީދެއް އެބައޮތް ކަމަށެވެ. އަދި ދެ އަތޮޅުން ފެންނަ މަންޒަރު ވަރަށް "ސާފު" ކަމަށާއި ރިޔާސީ އިންތިހާބު ކޯލިޝަނަށް ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބަށް 10 ދުވަހަށްވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވީ، ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެފައި ކަމަށެވެ. އެހެންވެ، ވިސްނުންތެރިކަމާއި މަސައްކަތް ކުރުމަށާއި ވީހާވެސް ހެނދުނު ވޯޓުލައި ނިންމުމަށް ފަހު، ނަތީޖާ ނުލިބެނީސް ގެއަށް ވަޑައިނުގަތުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. އިބޫ ވިދާޅުވި ގޮތުގައި އެ ދުވަހު ގެއަށް ވަންނަން ވާނީ ނަތީޖާ ހޯދުމަށް ފަހު އެވެ.