އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ކ. ގާފަރާއި ކ. ދިއްފުށީގެ ބިން ހިއްކައި ގޯތި ދޫކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ގާފަރާއި ދިއްފުށީގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ ދެ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވެފައި އޮތް މައްސަލައަކީ ބޯހިޔާވަހިކަން ނުލިބުމުގެ މައްސަލަ ކަމަށެވެ.
އެހެންވެ، ބޯހިޔާވަހިކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން، ގާފަރާއި ދިއްފުށީގެ ބިން ހިއްކައި، ގެދޮރު ހެދުމަށް ބޭނުންވާ ލޯން، ކުޑަ އިންޓްރަސްޓެއްގައި ލިބޭނެ މަގުފަހިކޮށް ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި މަހަކު، 5000ރ. ލޯނަށް ދައްކަން ޖެހޭ ގޮތް ވެސް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން، ދިއްފުއްޓާއި ގާފަރުގައި އިދިކޮޅު ވެރިކަމެއްގައި ގެންގުޅޭނެ ބައެއް ސިޔާސަތުތައް ހާމަކޮށްދެއްވައިފަ އެވެ. އޭގެ ތެރޭގައި އަސާސީ ހިދުމަތް ގާއިމު ކުރުން ހިމެނެ އެވެ. ހާއްސަކޮށް، ގާފަރުގައި ދޯނި އެހެލާ ސަރަހައްދެއް ގާއިމުކޮށް ދެއްވާނެ ކަމަށް އިބޫ ވައުދުވެވަޑައިގެންނެވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި، ރައްޔިތުން ސަރުކާރަށް ޓެކްސް ދައްކާއިރު، 18 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބެ އެވެ.
"އެވަރުގެ އާމްދަނީއެއް ލިބޭނަމަ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ލިބެން ޖެހޭނެ ކަމަށް ގަބޫލު ކުރަނީ،" ގާފަރުގެ ގިނަ އަދަދެއްގެ ބަޔަކާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވި އެވެ.
ދިއްފުށީގައި ހުންނަވައި އިބޫ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްތަކުން ވެސް ފެންނަނީ އުންމީދީ މަންޒަރުތަކެއް ކަމަށާއި އަންނަން އުޅޭ ބޮޑު ބަދަލަށް ރައްޔިތުން ތައްޔާރަށް ތިބި ކަމަށެވެ. އަދި އަމާންކަމާއި ހަމަޖެހުމާއި ވައްކަމާއި ކޮރަޕްޝަން ނައްތާލުމާ އިންސާފު ގާއިމު ކުރުމަށް ދަތުރު ފެށޭ ދުވަހަކީ 23 ސެޕްޓެމްބަރު ކަމަށާއި އިންތިހާބު އިދިކޮޅު ކޯލިޝަނަށް ބޮޑު ތަނުން ކާމިޔާބު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިބޫ މިއަދު ގާފަރަށާއި ދިއްފުއްޓަށް ވަޑައިގަތުމުން، އޭނާ އަށް ދެ ރަށުން ވެސް ހޫނު މަރުހަބާއެއް ދެންނެވި އެވެ. ހާއްސަކޮށް، ދިއްފުށިން އިބޫ އަށް ދެންނެވީ ޑޮލަރުގެ މަރުހަބާއެކެވެ. އެރަށުގެ ބައެއް މީހުން ވަނީ ޑޮލަރުން ހަދާފައި އޮތް މާފަތިތަކެއް އިބޫގެ ކަރުގައި އަޅުވައިފަ އެވެ.