ފްލެޓް އަޅަން ޓާޓާއަށް ދޭން ޖެހުނީ މަޖުބޫރުވެގެން: ނިހާން

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދަން ޖެހުނީ އެ ކުންފުންޏަށް ބަދަލުގައި 200 މިލިއަނަށްވުރެ ގިނަ ޑޮލަރު (ތިން ބިލިއަން ރުފިޔާ) ދޭން ޖެހިދާނެތީ މަޖުބޫރުވެގެން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.


އެމްޑީޕީގެ ސަރުކާރުގައި ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ހައުސިންގެ ޔުނިޓުތަކެއް އަޅަން ހަވާލުކުރި އެވެ. އޭގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކަން ޓާޓާ އަށް ދިނީ އޯޑިއޯން އާއި ނާދީ ހުރި ބިމެވެ. އެއްބަސްވުމުގެ ދަށުން، ރިސޯޓެއް ހަދަން ޅ. ޅޮއްސަލަފުށި ވެސް ޓާޓާ އަށް ދިނެވެ. ނަމަވެސް މަސައްކަތް ފަށަން ދިން މުއްދަތުގައި ނުފެށި ކަމަށް ބުނެ އެއްބަސްވުން ބާތިލުކުރަން ނިންމީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އެވެ.

އޯޑިއޯން ބިމުގައި މަސައްކަތް ފެށުމަށް ޓާޓާ އިން ތައްޔާރުވެފައި. --ފޮޓޯ/މިހާރު

ސަރުކާރުން އެއްބަސްވުން ބާތިލްކޮށްފައި ވާތީ ޓާޓާ އިން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 200 މިލިއަން ޑޮލަރު ހޯދަން އިންޑިއާގެ މުމްބާއީގެ އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅައިފަ އެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި މާލޭގެ ގާކޮއްޓާއި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި 500 ހައުސިން ޔުނިޓް އެޅުމަށް އެއްބަސްވުމެއްގައި ސޮއިކުރީ ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިން ވެސް ޓާޓާ އަށް ލިބޭ ގޮތަށް ކަމަށެވެ. އެހެންވެ، އެކަން ހުއްޓާލެވޭނެ ގޮތެއް ހޯދަން މި ސަރުކާރުން މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި، ޓާޓާ އިން "ފިލައިގެން ދިޔަ ފަހުން" ގާކޮއްޓާއި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި ފްލެޓު އެޅީ ދިވެހި ވިޔަފާރިވެރިއަކު ބޭންކަކުން ބޮޑު ލޯނެއް ނަގައިގެންނެވެ. އަދި އެއްބަސްވުމުގައިވާ ގޮތުން އާބިޓްރޭޝަން ކޯޓަކީ ބޮމްބޭ ހައި ކޯޓު ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ޓާޓާ ހައުސިން އިން އޯޑިއޯން ހުރިތަނުގައި އަޅާ މަތީ ފެންވަރުގެ އެޕާޓްމަންޓް ބިލްޑިންގެ ބިންގާ އިންޑިއާ ސަފީރު މިއަދު އަޅުއްވައިދެއްވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

"އެއްބަސްވުމުގައިވާ ގޮތުން އާބިޓްރޭޝަން ކޯޓަކީ ބޮމްބޭ ހައި ކޯޓު ކަމަށް ލިޔެފައި އޮތީމަ، ކޮންތާކަށްތޯ އަޅުގަނޑުމެން ދާނީ؟ މިއަދަކީ ފައިސާ ދައްކައި ނިންމަން ޖެހޭ ދުވަސް. އެ މީހުން އާބިޓްރޭޝަނަށް އެދިފައި އޮތީ 250 މިލިއަން ޑޮލަރު. މި ދެންނެވި ދެ ބިމާއި ޅ. ޅޮއްސަލަފުށީގައި ވިލާ އަޅަން ނުލިބިއްޖެނަމަ ދާ ގޮތަށް،" ޕީޕީއެމްގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ނިހާން ވިދާޅުވި އެވެ.

"އަނެއްކާ ދިވެހި ރައްޔިތުންގެ ރިޒާވްގައި ރައްކާކޮށްފައި ހުރި 788 މިލިއަން ޑޮލަރުގެ ތެރެއިން 250 މިލިއަން ޑޮލަރު ނަގާފައި އިންޑިއާ ކުންފުންޏަކަށް ދޭންވީ. މިއީ މިއަދު ގައުމަށް ހާލަތު ދިމާވި ގޮތް. އެ މަޖުބޫރީ ހާލަތަށްޓަކައި ސަރުކާރުން އެންމެ ފަހުން 250 މިލިއަން ޑޮލަރު ދޭން ބޭނުން ނުވީ."

ނިހާން ވިދާޅުވި ގޮތުގައި، ބޮމްބޭ ހައި ކޯޓަކުން ރާއްޖެ އަށް އިންސާފު ނުލިބޭނެ ކަމުގެ "100 ޕަސަންޓު ޔަގީންކަން" އެބައޮތެވެ. އެހެންވީމަ، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ވެސް އިދިކޮޅު ފަރާތްތަކުން، ކޮންމެ ބަޔަކަށް ވެސް ދީފާނެ ކަމަށް ވިދާޅުވުމުގެ ފުރުސަތު އޮތް ކަމަށް ނިހާން ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ޓާޓާއެކު ހެދި އެއްބަސްވުން އުވާލަން ޖެހުނީ އޯޑިއޯން އާއި ނާދީ ހުރި ބިން ބަދަލުކުރަން ހުށަހެޅުމުން އެކަން ގަބޫލުނުކުރުމުން ކަމަށެވެ. އަދި އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުން ކާމިޔާބު ނުވާނެކަން ޔަގީންވުމުން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ހުށަހަޅައި އެކަން ޓާޓާއިން ގަބޫލުކުރީ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

މި ފަހުން ދިވެހި ސަރުކާރަށް ވަނީ ބައިނަލްއަގުވާމީ ދެ އާބިޓްރޭޝަނެއް ނާކާމިޔާބުވެ، ބޮޑު އަދަދެއްގެ ބަދަލު ދޭން ޖެހިފަ އެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރާ އެކު ވީ އެއްބަސްވުން އުވާލުމުން 271 މިލިއަން ޑޮލަރާއި ބޯޑަ ކޮންޓްރޯލް ސިސްޓަމެއް ގާއިމުކުރަން މެލޭޝިއާގެ ނެކްސްބިޒާ އެކު ވީ އެއްބަސްވުން އުވާލުމުން ދޭން ޖެހުނު 15 މިލިއަން ޑޮލަރުގެ މައްސަލަ އެވެ. އެކަމަކު، ބަދަލުގެ ގޮތުގައި ސަރުކާރުން އަދި ފައިސާ ދިނީ ޖީއެމްއާރަށެވެ.