އިންތިޚާބުގެ ނަތީޖާ ބަދަލުކުރަން އުޅުމަކީ މޮޔަ ވިސްނުމެއް: ގާސިމް

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަދަލުކުރަން އުޅުމަކީ މޮޔަ ވިސްނުމެއް ކަމަށާއި ވެރިކަން ކުރާ ޕީޕީއެމުން އިންތިޚާބު ބާތިލްކުރަން އުޅުނަސް އެކަން ކާމިޔާބު ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.


ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލާފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އާ ދެކޮޅަށް ޕީޕީއެމުން ވަނީ ސިލްސިލާ މުޒާހަރާތަކެއް ފަށައިފަ އެވެ. އަދި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާކުރުން މަޑުޖައްސާލަން ޕީޕީއެމުން ވަނީ ގޮވާލައިފަ އެވެ.

ޕީޕީއެމްގެ ބައެއް މެމްބަރުން ގަބޫލުކުރާ ގޮތުގައި، އިންތިޚާބުގެ ނަތީޖާ ބާތިލް ކުރުމަށް ފަހު، ދެ ފުށް ފެންނަ އިންތިޚާބަކަށް ދާން ޖެހެ އެވެ. ޕީޕީއެމްގެ މެމްބަރުންގެ ވާހަކަތަކުން ދޭހަވަނީ އެ އިންތިޚާބު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ދާން އުޅޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން އިބޫ އަށް ލިބިވަޑައިގެންނެވީ 134،705 ވޯޓެވެ. ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ.

ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން، "މިހާރު"ން ކުރި ސުވާލެއްގެ ޖަވާބުގައި ގާސިމް ވިދާޅުވީ އިންތިޚާބު ބާތިލްކުރަން ކޯޓަށް ދާން އުޅޭ ކަމަށް ބުނެ، އަޑު އެރުވުމަކުން ވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

"އިންތިޚާބުގެ ނަތީޖާ ބަދަލެއް ނުވާނެ. އެއީ ރާއްޖެއަށް އައި ހުރިހާ އޮބްޒާވަރުން އެއްބަސްވެވަޑައިގެންނެވި މިއަށްވުރެ ރީތި އަމާން ސުލްހަވެރިކަމާއެކު ދިޔަ އިންތިޚާބެއް ނެތްކަން. ދިވެހި ރައްޔިތުން ވަނީ ބަލައިގެންފައި،" އަހަރެއްހާ ދުވަހު ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގެންނެވި ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ވެރިއަކަށް ހުންނަވާ ބޭފުޅަކު އިސްކޮށް ހުންނަވައިގެން ކޯޓަށް މައްސަލަ ހުށަހަޅަން އުޅުމަކީ ވަރަށް ލަދުވެތި ކަމެކެވެ. އާންމު ގޮތެއްގައި ދުނިޔޭގެ ގައުމުތަކުގައި އިންތިޚާބު ބާތިލްކުރަން ހުށަހަޅަނީ އިދިކޮޅު ފަރާތްތަކުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ނާކާމިޔާބު ވެވަޑައިގެންނެވީ 38،653 ވޯޓުގެ ތަފާތުންނެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 29،000 އަށް ވުރެ ގިނަ މީހުން ވޯޓު ނުލާ ތިބި އިރު، އެމީހުންގެ ވޯޓު ރައީސް ޔާމީނަށް ދިން ކަމުގައިވިޔަސް، އިބޫ އަށް ވުރެ ކުރި ނުހޯއްދެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަދިވެސް 10،000 ވޯޓުގެ ތަފާތު އެބައޮތް. އެހެންވެ، މިހެން އޮތް ކަމެއްގައި އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުވެރިން ރިޔާސީ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާއިރު، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިކޮޅަށް ވޯޓު ދިނީ ހަގީގަތް ގަބޫލުކޮށްގެން. ދެން ކޮންތާކުންތޯ ނަތީޖާ ބަދަލު ކުރަނީ؟" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ރައީސް ޔާމީނަށް އޮތް އެންމެ ރީތި ގޮތަކީ ސުލްހަވެރިކަމާއި އަމާނާތްތެރިކަމާއެކު، ވެރިކަމުގެ ބާރުތައް އިބޫއާ ހަވާލު ކުރެއްވުމެވެ. އަދި އެކަން ނުކުރައްވައި، އިތުރު ގޮތްތަކެއް ހައްދަވަން އުޅުއްވިޔަސް، އެއީ ވާނެ ކަމެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް ބަދަލު ގެންނަން އުޅުމަކީ ދިވެހި އެއްވެސް ރައްޔިތަކު ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްފިނަމަ، ރައްޔިތުން ބަނޑަށް ޖެހި، އެކި ގައުމުތަކުން ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމެއް ނޫން. އެއީ ސިފައިންގެ މުއައްސަސާ ކަމަށްވިޔަސް، ފުލުހުންގެ މުއައްސަސާ ކަމަށްވިޔަސް، ޖުޑިޝަރީ ވިޔަސް. އެހެންވީމަ އެ ހިސާބަށް ދާން ކާކުތޯ ދޫކޮށްލަނީ؟ އެކަކު ވެސް ނުކުރާނެ،" ގާސިމް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ތިބޭނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށާއި އަންނަ މަހުގެ 11 ވަނަ ދުވަހަކީ އިންތިޚާބީ ރައީސް އިބޫ ހުވާ ކުރައްވާނެ ދުވަސް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަދި މިދިޔަ ފެބްރުއަރީ މަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ޖަމީލް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށް ދިޔައީ ގާނޫނީ އިމުގެ ތެރެއިންނެވެ.

ރައީސް ޔާމީންގެ މައްޗަށް އިބޫ ކުރި ހޯއްދެވީ އާދަޔާ ހިލާފު ބޮޑު އަޣުލަބިއްޔަތަކުން ކަމަށާއި ދުނިޔޭގައި އިންތިޚާބު ބާތިލްކުރާ ވާހަކަ ދައްކަނީ އިދިކޮޅުގައި ތިބޭ މީހުން ކަމަށް ޖަމީލް ވިދާޅުވި އެވެ.

"ސަރުކާރެއްގައި ތިބެގެން އަމިއްލަ އަށް އިންތިޚާބު ބާއްވައި އެބައެއްގެ އެކްޓިވިސްޓުންނާއެކީގައި އެބައެއްގެ ފުރިހަމަ ބާރުގެ ދަށުގައި ބާއްވައިގެން އަލަށް އެ ވާހަކަ އަޅުގަނޑު އަޑު މި އެހީ. އަޅުގަނޑަށް ހިއެއް ނުވޭ އެއީ މާ ހަމަޖެހޭ ވާހަކައެއް ހެން،" ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ، ޕީޕީއެމުން ދައްކަމުން އަންނަ ވާހަކައަށް ރައްދު ދެއްވައި ޖަމީލް ވިދާޅުވި އެވެ.