އެއް ބަޔަކު ކެތްތެރިކަމާ އެކު، އަނެއް ބަޔަކު ކިއު ފެޅުމުގައި!

ހައުސިން މިނިސްޓްރީގެ ބޭރުގައި ލިޔެކިޔުންތައް ހިފައިގެން ގޮނޑިއެއްގައި އިށީނދެގެން އިން އައިމިނަތު ޒުބައިދާ 49، ހުޅުމާލެ އިން ގޯއްޗެއް ބޭނުންވެގެން އެ ކިޔޫގައި ޖެހުނީ ފަތިހު 4:30 ގަ އެވެ. އެކަމަކު ކިއުގައި ތިބި މީހުންނަށް ނަންބަރު ބަހަން ހައުސިން މިނިސްޓްރީން ފެށިތަނާ އޭނާ އަށް ފެނުނީ ކިއު ތަރުތީބު އޮޅުވާލައި، ބަޔަކު ވަދެގަތް ތަނެވެ.


ގޮނޑިތަކުގައި ތިބި ގިނަ މީހުން ކިއުގައި ޖެހުނީ ފަތިހު އެވެ. އެމީހުންގެ ފަހަތުން ސިފައިންގެ ކަޅުތުއްކަލާ ކޮއްޓާ ހަމައަށް ދިގު ސަފެއް ދަމާލާފައި އޮތެވެ. ގިނައީ އަންހެނުންނެވެ. ބަޔަކު ކިއު ފަޅާލާފައި ވަން އިރު ނަސީބަކުން ޒުބައިދާ އަށް ނަންބަރެއް ލިބުނެވެ.

އެކަމަކު ކިއޫގައި ހަތަރު ފަސް ގަޑިއިރު ހޭދަކުރި އެތައް ބަޔަކު ތިއްބާ އެއަށް ނުބަލައި ކިއޫ ފަޅާލުމުން ޒުބައިދާ އަށް ގަބޫލުކުރެވުނީ އަދިވެސް މިކަހަލަ ކަންކަމުގައި ރީތި އުސޫލުތައް ގަބޫލުނުކުރާ މީހުން ގިނަ ކަމެވެ.

ހައުސިން މިނިސްޓްރީ ތެރޭގައި ކިއުގައި ތިބި މީހުންނަށް ނަންބަރު ދެނީ .---ފޮޓޯތައް: އަހުމަދު ނިޝާތު/މިހާރު

ކިއުގައި ތިބި ބައެއް މީހުންގެ ކަންބޮޑުވުމަކީ މިނިސްޓްރީގެ އިންތިޒާމުތައް ވެސް ދޯދިޔާވުމެވެ. ގިނަ ބަޔަކު މިނިސްޓްރީ އަށް ގޮސް، ތިބީ "ވާނުވާ" ނޭނގިފަ އެވެ. ކިއޫއަކީ ކޮބައި ކަމެއް ރަނގަޅަކަށް ނޭނގެ އެވެ. ފޯމް ބަލައިގަންނަ ތަނެއް ފާހަގައެއް ނުކުރެވެ އެވެ. އަދި ފޯމް ބަލައިގަތުން ލަސް ވާތީ ގިނަ ބައެއްގެ ނުރުހުން މިނިސްޓްރީ އަށް އަމާޒުވި އެވެ.

"އަޅުގަނޑު މިހާރު ކިއުގައި ހުންނަތާ ފަސް ގަޑިއިރު ވީ. ނަންބަރު ލިބުނަސް، އެކަކު އަނެކަކަށް ޒުވާބު ކުރާތީ ފޯމް ބަލައިގަތުން ކުރިއަކަށް ނުދޭ. މިނިސްޓްރީގެ މުވައްޒަފުން ވެސް އެހާ މަދު،" ހައުސިން މިނިސްޓްރީގެ ގޯތި ތެރޭގައި ފޯމް ހުށަހަޅަން ކިއުގައި ހުރި އަހުމަދު ފިރާޝް، 28، ބުންޏެވެ.

ހަމަނުޖެހުން ބޮޑުވުމާ އެކު ފޯމް ބަލައިގަތުން މެދުކަނޑާލި އެވެ. އަދި ނަންބަރު ދޫކުރުން ވެސް އެތައް އިރަކަށް ހުއްޓާލި އެވެ. ފަހުން، ނަންބަރު ދޫކުރަން ފެށީ ގިނަ އަދަދެއްގެ ފުލުހުން މިނިސްޓްރީގެ އޮފިޝަލުން ވަށާލައިގެން ތިބެގެންނެވެ. އޭރު ވެސް އާންމުންގެ ކަންބޮޑުވުން އިންތިހާ އަށް އޮތެވެ.

ހައުސިން މިނިސްޓްރީން ނިންމާފައި އޮތީ ކޮންމެ ދުވަހަކު ވެސް 500 ނަންބަރު ދޫ ކުރާ ގޮތަށެވެ. ކޮންމެ ނަންބަރަކަށް ފަސް ފޯމް ހުށަހެޅެ އެވެ. އެހެންކަމުން ކޮންމެ ދުވަހަކު ގިނަވެގެން 2500 ފޯމު ހުށައެޅޭނެ އެވެ.

ގޯއްޗެއްގެ އަގު ހަތަރު ލައްކަ ރުފިޔާއަށް ހަމަޖައްސައިގެން ފޯމު ބަލައިގަތުން މިދިޔަ ހަފްތާގައި ކުރިއަށް ގެންދަނިކޮށް އެކަން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެވެ. އޭސީސީން އަލުން ހުއްދަ ދިނީ އާ އުސޫލެއް އެކުލަވާލައި، އެ އުސޫލުތައް ހާމަކުރުމަށް ފަހު ގޯތި ވިއްކަން އިއުލާންކުރުމަށެވެ. އެކަމަކު އަލުން ފޯމު ބަލައިގަންނަން މިނިސްޓްރީން މި ފެށީ އެގޮތަށް އެކަން ކުރުމެއް ނެތި އެވެ.

ހުޅުމާލެ އިން ވިއްކާ ގޯއްޗަށް ހުށަހަޅަން މީހުން ހައުސިން މިނިސްޓްރީގައި. .---ފޮޓޯތައް: އަހުމަދު ނިޝާތު/މިހާރު

ހައުސިން މިނިސްޓްރީން ނިންމާފައި އޮތީ 1000 އަކަފޫޓުގެ 400 ގޯތި، އަކަފޫޓެއް 400ރ. ގެ ރޭޓުން ވިއްކާ ގޮތަށެވެ. އޭރުން ގޯއްޗެއްގެ އަގަކީ ހަތަރު ލައްކަ ރުފިޔާ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި މިނިސްޓްރީގެ ދައުރަކީ އިޖުތިމާއީ ބޯހިޔާވަހި ކަމުގެ ދަށުން ގޯތި ލިބޭ މީހުން ކަނޑައެޅުން ކަމަށެވެ. ގޯތި ލިބޭ މީހުން ކަނޑައަޅާނީ ޝަރުތު ފުރިހަމަވާ މީހުން ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޒުބައިދާ ގަބޫލުކުރާ ގޮތުގައި އޭނާއަކީ އޭގެ ތެރެއިން އެކެކެވެ. އޭނާގެ ހަތް ކުދިންނާއި ފިރިމީހާ ދިރިއުޅެމުން އަންނަނީ ވަރަށް ނިކަމެތި ހާލުގައި ތިން ކޮޓަރީގެ "ކުޑަ ތަންކޮޅެއްގައި" ކަމަށް ބުންޏެވެ. އެހެންވެ އޭނާ އަށް ވުރެ ގޯތި ހައްގުވާ އިތުރު މީހަކު މާލޭގައި ނުހުންނާނެ ކަމަށް ވެސް ގަބޫލުކުރެ އެވެ.

"އެއް ކުއްޖެއް، އަނެއް ކުއްޖެއްގެ ގައިމަތީގައި ކަހަލަ ގޮތަކަށް ތިބެ ނިދަން ޖެހެނީ. މަތި މައްޗަށް އެނދު ޖަހައިގެން. ހަމަ ނޭވާ ލެވޭ ވަރުގެ ތަންކޮޅެއްގައި ނޫން މިއުޅެނީ. އަޅުގަނޑުމެން ބޭނުމީ މިއަށް ވުރެ މާ އުފާވެރި ދިރިއުޅުމެއް. ހިތްހަމަޖެހުމާ އެކީގައި އުޅެން،" ޒުބައިދާ ބުންޏެވެ.

އެކަމަކު ކިއުގައި ހުރި މީހަކު ބުނީ މި ސަރުކާރުން އިންސާފުވެރިކަމާ އެކު އެކަން ކުރިއަށް ގެންދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. ޔަގީންކަން ނެތަސް ކިއުގައި ޖެހުނީ ގޯއްޗެއް ލިބޭނެ ކަމުގެ އުންމީދުގައި ކަމަށް އޭނާ ބުންޏެވެ.

ގޯއްޗަށް ފޯމް ހުށަހަޅަން ކިއޫގައި ތިބި މީހުން މިއަދު އަވީގައި.---ފޮޓޯތައް: އަހުމަދު ނިޝާތު/މިހާރު

"މި ސަރުކާރުން އޮތީ ގޯތި ލިބޭނެ ކަމުގެ ދާއިމީ ލިޔުމެއް ދޭނެ ކަމުގެ ޔަގީންކަން ދީފައި. އެހެންވީމަ އެ ނޫން ގޮތަކަށް ބަދަލުވެދާނެ ކަމަކަށް ގަބޫލެއް ނުކުރަން. ބަދަލުވިޔަސް، ފޯމް ލާފައި ތިބި މީހުންނަށް ކޮންމެވެސް ކަހަލަ ފަހި ގޮތްތަކެއް [ދެން އަންނަ ސަރުކާރަކުން] ހަމަޖައްސައި ދެއްވަން ވާނެ،" ކިއުގައި ހުރި އެހެން މީހަކު ބުންޏެވެ.

ގޯތި ވިއްކާ މައްސަލަ އޭސީސީން ހުއްޓުވައި އަލުން ފޯމް ހުށަހަޅަން އެންގުމުގެ ބިރު އޮވެދާނެތޯ ސުވާލު ކުރުމުން އައިމިނަތު އަލީ، 55، ބުނީ ރައްޔިތުންނަށް ތަކުލީފެއް އުފުލަން ޖެހޭ ވަރުގެ ބުރައެއް އޭސީސީން ނުޖައްސާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ.

"އަޅުގަނޑަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ފެށިގެން ފްލެޓަށާއި ގޯއްޗަށް އެދި ފޯމް ހުށަހަޅަމުން އައި މީހެއް. އެކަމަކު، މިހާތަނަށް އައިއިރު، އަޅުގަނޑުގެ އާއިލާގެ އެއްވެސް މެމްބަރަކަށް ފްލެޓެއް ވެސް، ގޯއްޗެއް ވެސް ނެތް ލިބިފައެއް. އެހެންވީމަ އޭސީސީން ވެސް އަމަލު ކުރާ ނަމަ، އެކަން ކުރަން ވާނީ ރައްޔިތުންގެ ވިންދާ އެއްގޮތްވާ ގޮތުގެ މަތިން އިންސާފުވެރިކަމާ އެކު،" އައިމިނަތު ބުންޏެވެ.

ގޯއްޗަށް ޝަރުތު ހަމަވާ ކޮންމެ މީހަކަށް 100 މާކްސް ލިބި، އެ ހުރިހާ އެންމެންގެ މެދުގައި ގުރުއަތުން ނަގާ ގޮތަށް އޮތީ ހަމަޖައްސައިފަ އެވެ. ގުރުއަތުލުން ބާއްވާނީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.