ސިނާންގެ ގޮނޑީގެ މައްސަލަ ހުކުމަކާ ހިސާބަށް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރުކަމުގެ ގޮނޑި އަބްދުﷲ ސިނާނަށް ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައި ހުކުމް ކުރަން ސުޕްރީމް ކޯޓުން ތައްޔާރުވެއްޖެ އެވެ.


އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސިނާން ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ މި މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން އޮންނާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.

ޕީޕީއެމް ދޫކޮށް، ސަރުކާރާ ދެކޮޅަށް މަސައްކަތްކުރައްވަން ފެއްޓެވި ސިނާންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ޖުލައި 13، 2017 ގައި އެ ކޯޓުން ނިންމި ނިންމުމަށް ރިއާޔަތްކޮށެވެ.

ސިނާން: އޭނާގެ ވަކީލުން ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުން ޖުލައި 13، 2017 ގައި ކުރި ހުކުމްގެ ކުރިން އޭނާ ވަނީ ޕީޕީއެމުން ވަކިވެފައި. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ސިނާންގެ ވަކީލް މަސްތޫރު ހުސްނީ ވިދާޅުވީ ޕީޕީއެމުން ވަކިވުމަށް އެދި ޖުލައި 10، 2017 ގައި އެ ޕާޓީއަށް ސިޓީ ފޮނުވި ކަމަށެވެ. އަދި އެ ދުވަހު ޕީޕީއެމަށް ފޮނުވި ސިޓީ އެ ޕާޓީން ބަލައިގެންފައިވާ ކަމަށް ވެސް މަސްތޫރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ ދަފްތަރުން ސިނާންގެ ނަން އުނިކޮށް ދިނުމަށް އިލެކްޝަނަށް ސިޓީ ފޮނުވީ ވެސް ހަމަ އެ ދުވަހު އެވެ.

އެހެންކަމުން، ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ސިނާން ޕާޓީން ވަކިވެފައި ވާތީ އާއި ސުޕްރީމް ކޯޓުން ޖުލައި 16، 2017 ގައި ނެރުނު އަމުރުގައި މާޒީވެ ދިޔަ ކަންކަމުގެ މައްޗަށް ރުޖޫއަ ނުވާނެ ކަން ބަޔާންކޮށްފައިވާތީ ސިނާންގެ ގޮނޑި ގެއްލެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން މަސްތޫރު އެދިވަޑައިގެންފައި ވަނީ ސިނާނަކީ މިހާރު ވެސް މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި ކަނޑައަޅުއްވައި ދެއްވުމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަކީލް ވިދާޅުވީ ސިނާން ޕީޕީއެމުން ވަކިވުމަށް އެދި ޖުލައި 10، 2017 ގައި ސިޓީ ފޮނުވުމުން، ސިޔާސީ ޕާޓީގެ ގާނޫނާއި ގަވައިދުގެ ތެރެއިން ޕާޓީން ވަކިވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދި ސިނާނަށް ކޮމިޝަނުން ޖަވާބުދީފައި ވާނެ ކަމަށެވެ.

ވަކީލް ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ ސުލޫކީ ކޮމިޓީގެ ނިންމުމަކާ ގުޅިގެން އެ ޕާޓީން ވަކި ކުރަން އެދި ޕާޓީން ސިޓީ ފޮނުވާފައި ވަނީ ޖުލައި 20، 2017 ގަ އެވެ. އަދި ހަމަ އެ ދުވަހު، ޕީޕީއެމްގެ ދަފްތަރުން ސިނާން އުނިކޮށްފައިވާނެ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީގެ ގާނޫނާއި ގަވައިދުތަކުން މިސާލު ނަންގަވައި ކޮމިޝަންގެ ވަކީލް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ މެމްބަރުކަމުން ވަކިވާ ނަމަ، ނުވަތަ ވަކި ކުރާނަމަ، އެމީހަކު ވަކިވި ކަމަށް ބަލާނީ އީސީން ބަލަހައްޓަމުން އަންނަ ދަފްތަރުން އުނިކުރުމުން ކަމަށެވެ. އެހެންވެ، ވަކީލް އެދިވަޑައިގެންފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގެ ފަހުން، ސިނާންގެ ނަން އުނިކޮށްފައިވާތީ، އޭނާއަކީ މެމްބަރެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ކުރީގެ ސޮލިސިޓާ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވައިދުގައި 20 ވަނަ މާއްދާގައި ޕާޓީގެ މެމްބަރުކަމުން ވަކިވާނެ ހާލަތްތަކުގެ ތެރޭގައި ޕާޓީން ވަކިވާން އެދުން ހިމަނާފައި ވާތީ އިތުރަށް މިކަމުގައި ސުވާލު އުފެދޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ މެމްބަރެއް ޕާޓީން ވަކިކުރުމުގެ ބާރު ވެސް ދީފައި އޮތީ އެ ޕާޓީއަށެވެ. އެއީ އިލެކްޝަންސް ކޮމިޝަނަށް ލިބޭ ބާރެއް ނޫން ކަމަށް ރިފްއަތު ވިދާޅުވި އެވެ. އެހެންވެ، މިކަމުގައި ތަފާތު ގޮތްގޮތަށް މާނަކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވީ ސިނާން، ޕީޕީއެމުން ވަކިވާން އެދި ހުށަހެޅީ ގާނޫނާއި ގަވައިދުގެ ދަށުން، ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއުތަކެއް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.

ސިނާންގެ އަޑުއެހުންތައް ނިންމާލި އިރު، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައެޅި މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލައިފަ އެވެ.

އަބުޅޯ އާއި ސިނާންގެ އިތުރުން، ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ، ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ، ހަނިމާދޫ ދާއިރާގެ ހުސެއިން ޝަހުދީ، ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހް އަދި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ ގޮނޑިއާ މެދު ހިލާފު އުފެދުމާ ގުޅިގެން އެ މައްސަލަތައް ވެސް އޮތީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.