ނަޝީދުގެ ސައުދީ ދަތުރުފުޅަށް އެތައް ބައެއްގެ ފާޑުކިޔުން

އިސްތަންބޫލުގައި ހުންނަ ސައޫދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަނުމަށް ފަހު، ވީނުވީއެއް ނޭނގި ގެއްލިފައިވާ ސައޫދީގެ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީގެ ހަބަރެއް ނުވާތާ ދެ ހަފުތާވީ އިރު، ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރާ ގިނަ ބަޔަކު ސައޫދީ އަށް ގޮވާލަމުންދަނީ ޖަވާބުދާރީ ވުމަށެވެ. އެކަކު ފިޔަވަ އެވެ. އެއީ ޑިމޮކްރަސީގެ ޗެމްޕިއަނެއް ގޮތުގައި މަޝްހޫރުވެފައިވާ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.


ކޮންސިއުލޭޓްގެ ތެރޭގައި ޖަމާލް މަރާލައި، އޭނާގެ ހަށިގަނޑު ކީހަކުން ކުދިކޮށް، ނައްތާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ އިރު ރައީސް ނަޝީދު މިހާތަނަށް އެކަމާ އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ. އޭގެ ބަދަލުގައި، ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ދައުވަތަކަށް ރައީސް ނަޝީދު މިހާރު ވަޑައިގެން ހުންނެވީ ސައޫދީގެ ވެރިރަށް ރިޔާޒްގަ އެވެ. މިކަމާ ގުޅިގެން، އިސްލާހަށް މަސައްކަތް ކުރާ އަދި ހައްގުތައް ކުރިއެރުވުމަށް ގޮވައިލާ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެ މަނިކުފާނަށް އަމާޒުވެފަ އެވެ.

"އެއްވެސް އެއްޗެކޭ ވިދާޅުނުވެ، އެ ގައުމުގެ ވެރިންގެ ދައުވަތަކަށް [އެ ގައުމަށް] ދަތުރެއް ކުރެއްވުމަކީ، ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ ހައްގުގެ ޗެމްޕިއަނެއް ކޮށްގެންވާނެ ކަމެއް ނޫން،" ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ، ޕޮލިޓިކަލް ސައިންސްވެރިއެއް ކަމަށްވާ އާޒިމް ޒާހިރު ވިދާޅުވި އެވެ.

"ނަމަވެސް ހީރޯއިންނަކީ ވެސް ވެއްޓޭ ބައެއް. އަންގް ސަން ސޫކީ އަކީ އޭގެ މިސާލެއް."

ނަޝީދު ސައޫދީ އަށް ވަޑައިގަތުމުން ބައެއް މީހުން އެކަން މާނަކޮށްފައިވަނީ އެއީ ޖަމާލުގެ މައްސަލައިގައި ސައޫދީ އަށް ނަޝީދު ދެއްވި އެއްބާރުލުމެއްގެ ގޮތުގަ އެވެ. އެ ގޮތުން އައިޝާ ހުސައިން ރަޝީދު ޓުވިޓާގައި ބުނެފައި ވަނީ އެއީ އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ ހިޔާލާ ދެކޮޅު އަމަލެއް ކަމަށެވެ.

"ގައުމާއި ގައުމުން ބޭރުގައި ސައޫދީ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނާ މެދު ހިންގާ ލާއިންސާނީ އަމަލުތަކަށް ސަރުކާރު އަދި އިދިކޮޅު ފަރާތްތަކުން ވެސް ސަޕޯޓް ކުރޭ،" އޭނާ ބުނެފައިވެ އެވެ.

އާއިޝާގެ ޓުވީޓް

ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ އެވޯޑެއް ލިބިފައިވާ ރާއްޖޭގެ ނޫސްވެރިއެއް ކަމަށްވާ މާރިޔަތު މުހައްމަދު ވެސް، ޖަމާލްގެ މައްސަލައިގައި ވަނީ ނަޝީދަށް ފާޑުކިޔައިފަ އެވެ. އޭނާ ބުނެފައި ވަނީ މި ދަނޑިވަޅުގައި ރަސްގެފާނުގެ އެރުވި ދައުވަތު ނަޝީދު ގަބޫލު ކުރެއްވުމުން އެކަމާ މާޔޫސްވާ ކަމަށެވެ.

މާރިޔަތުގެ ޓުވީޓް

އެންމެ ގިނަ ބަޔަކު ފާޑުކިޔަމުން ދަނީ ޖަމާލްގެ މައްސަލައިގައި ނަޝީދު އަދި އިދިކޮޅު ފަރާތްތަކުން ވެސް އެއްޗެކޭ ވިދާޅުނުވާތީ އެވެ. އެގޮތުން ކުރިން ވާހަކަ ދެއްކެވި އާޒިމް ވިދާޅުވީ އިންސާނީ ހައްގުތަކާ ގުޅޭ އެފަދަ ކަންކަމުގައި ދެކޭ ގޮތް ހާމަ ކުރުމަކީ އިދިކޮޅު ފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ.

"އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަދި އިދިކޮޅު ފަރާތްތަކުގެ ޒިންމާއެއް އެއީ މިފަދަ ކަންކަމުގައި އެއްޗެކޭ ބުނުން،" އާޒިމް ވިދާޅުވި އެވެ. "އެމްޑީޕީގެ ލީޑަރުގެ ދަތުރަކަށްވެފައި، މި ކަމުގައި އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ވެސް އެއްޗެކޭ ވިދާޅުނުވުމަކީ ސުވާލު އުފެދޭ ކަމެއް."

ކުރީގެ ފޮރިން މިނިސްޓަރު ނަސީމްގެ ޓުވީޓް

ރާއްޖެ ފަދަ ކުޑަ ގައުމަކުން ސައޫދީ ސަރުކާރާ ދެކޮޅަށް ފާޅުގައި ނުނިކުތުން އެއީ މައްސަލައެއް ނޫން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. ނަމަވެސް އިންސާނީ ހައްގުތަކާ އެއްކޮޅަށް ރާއްޖެ ފަދަ ގައުމަކަށް ވެސް އަޑުއުފުލޭނެ ކަމަށް އޭނާ ވިދާޅުވެ އެވެ.

"ރާއްޖޭގެ ހާރިޖީ ސިޔާސަތު ވާންޖެހޭނީ ދޭދޭ ގައުމުތަކާ ގުޅުން ބާއްވާ އެހެން ނަމަވެސް އިންސާނީ ހައްގުތައް ކުރިއަރުވާ ސިޔާސަތަކަށް. ކަންބޮޑުވަނީ ކޮންމެހެން ސައޫދީ އަރަބިއްޔާ އަށް ފާޅުގައި ފާޑުނުކިޔުމެއް ނޫން. އެންމެ ކުޑަމިނުން ޖަމާލުގެ މައްސަލަ ބައިނަލްއަގްވާމީ ފެންވަރެއްގައި އިންސާފުވެރިކޮށް ބެލުމަށް ގޮވާލެވެންވާނެ،" އޭނާ ވިދާޅުވި އެވެ. "މައްސަލައަކީ [ޖަމާލުގެ މައްސަލައިގައި] ސައޫދީ އަށް ތާއީދު ކުރާކަން ދޭހަވާ ފަދަ ކަންކަން ސަރުކާރު އަދި އިދިކޮޅު ފަރާތްތަކުން ވެސް ކުރުން."

ނަޝީދުގެ ސައޫދީ ދަތުރުގެ ސަބަބުން އެ މަނިކުފާނުގެ "ބައިނަލްއަގްވާމީ އިމޭޖް" ކަޅުވުމަކީ ގާތް ކަމެކެވެ. ނަމަވެސް މިހާތަނަށް މި ހަބަރު ދުނިޔޭގެ ނޫސްތަކަށް އަރާފައިވާ ކަމެއް ނޭނގެ އެވެ. އަދި ދަތުރުގެ ވާހަކަ ނަޝީދު ޓުވީޓު ކުރައްވައިފައެއް ވެސް ނުވެ އެވެ.

"ނަޝީދުގެ ފަރާތްޕުޅުން އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ސައޫދީގެ ވެރިންނާ ވާހަކަ ނުދައްކަވައިފި ނަމަ، ޔަގީނުން ވެސް، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތައް މާޔޫސްވާނެ. [ނަޝީދަކީ] އަނެއް އަންގް ސަން ސޫކީ ބާވައޭ ހިތަށް އަރާނީ،" އާޒިމް ވިދާޅުވި އެވެ.