ބޮޑު ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް ސޮއިކުރެއްވި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަ ކުރުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް މެމްބަރުން ހިމެނިވަޑައިގެންފި އެވެ.


އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް މިއަދު ހުށަހެޅީ 51 މެމްބަރުންގެ ސޮޔާ އެކު އެވެ. އަދި ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވީ 49 މެމްބަރެކެވެ. މިއީ މަސީހް ވަކި ކުރަން މަޖިލީހަށް ހުށަހެޅި ތިން ވަނަ ފަހަރެވެ.

މަސީހް ވަކި ކުރަން މަޖިލީހަށް ހުށަހެޅި ގަރާރުގައި ޕީޕީއެމް/އެމްޑީއޭގެ 15 މެމްބަރުން އަދި ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ޕީޕީއެމް/އެމްޑީއޭގެ 13 މެމްބަރަކު ވަނީ ސޮއި ކުރައްވައިފަ އެވެ. އަދި ދެ ގަރާރުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އަމިއްލަ މެމްބަރުން ސޮއިކުރެއްވި އެވެ.

މަސީހް ވަކި ކުރުމަށް މަޖިލިހަށް ހުށަހެޅުމަށް ސޮއިކުރެއްވި މެމްބަރުން.

ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއި ނުކުރައްވަނީ، މަސީހުގެ މައްސަލަގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން ދާންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު އައްސަދާއި މަނަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އުމަރު ހުސެއިނެވެ. އަދި ބާކީ ތިއްބެވި ހުރިހާ މެމްބަރުން ވަނީ ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ވެސް ސޮއި ކުރައްވައިފަ އެވެ.

އެގޮތުން، މަސީހް ވަކި ކުރަން ފެންނަ ކަމަށް ސޮއި ކުރެއްވީ އައްސަދާއި އުމަރުގެ އިތުރުން ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ ހުސެއިން މުހައްމަދު ލަތީފާއި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމާއި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު އާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި މާވަށު ދާއިރާގެ މެމްބަރު އަޒްހާން ފަހުމީ އާއި ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު ހިމެނެ އެވެ.

މީގެ ތެރެއިން، އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދަކީ މަސީހް ވަކި ކުރަން ދެ ވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅި 45 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އެކަމަކު، އެ ނިންމުން ބަދަލު ކުރައްވައި އަހުމަދު ރަޝީދު ވަނީ މަސީހާ ދެކޮޅަށް ކުރެއްވި ސޮއި އަނބުރާ ގެންދަވައިފަ އެވެ.

ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވި މެމްބަރުން.

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ޕީޕީއެމުން ވަކި ކުރި މައްސަލަ އިތުރަށް ބަލަމުން އަންނާތީ އޭނާ މަޖިލީހުގެ މެމްބަރު ކަމުން ވަކިވި ކަމަށް ކަނޑައަޅައި، އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ފޮނުވި ސިޓީ ބާތިލް ކުރުމާ ގުޅިގެން ފަޒާދަކީ މިހާރު ވެސް މެމްބަރެކެވެ.

މީގެތެރެއިން، އައްސަދާއި ހުސެއިން މުހައްމަދު ލަތީފާއި ރިޔާޒާއި އަހުމަދު ރަޝީދާއި ޝުޖާއުއަކީ ރައީސް ޔާމީންގެ އަރިސް މެމްބަރުންނެވެ. އަދި މުބީނާއި ޔާމީނާއި މުއާޒަކީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އަރިހުގައި ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި މެމްބަރުންނެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި އިސްލާހީ މަސައްކަތް ކުރުމުގައި އާއި މަޖިލީހުގެ މަސައްކަތްތައް ފަށަން ބޭނުންވާ މެމްބަރުން އެބަތިއްބެވި ކަމަށެވެ. އަދި ގަރާރުތަކުގައި ސޮއިކުރެއްވި މެމްބަރުންގެ އިތުރުން، ސޮއި ނުކުރައްވާ ޕީޕީއެމްގެ މެމްބަރުން ވެސް ތިއްބެވީ އިދިކޮޅު ފަރާތްތަކާ އެކީގައި މަސައްކަތް ކުރަން ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ، މަޖިލީހުގެ ތެރޭގައި މަސައްކަތް ކުރަމުން ދާއިރު، އަޅުގަނޑުމެންގެ މެމްބަރުންގެ އަދަދު 60 އަށްވުރެ މަތީގައި ތިބޭނެ،" ރިޔާޒް ވިދާޅުވި އެވެ.