ޚަބަރު / ރައްޔިތުންގެ މަޖިލިސް

އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން މަޖިލީހުން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގައި ރިޔާޒާއި (ވ) މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަމާޒުކޮށް ހެދި، އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތަކުން މިރޭ ފާސްކޮށްފި އެވެ.

މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުން ވަކިވާނެ ކަމަށް ކަނޑައަޅައި މަޖިލީހުން ހެދި އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެމްބަރުންގެ ތެރެއިން 37 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމާ ދެކޮޅަށް 17 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ފަސް މެމްބަރަކު އިންނެވި އެވެ.

ވިލުފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި ބިލް ދިރާސާ ކުރި ހަތް މެމްބަރުންގެ ކޮމިޓީގެ އިއްތިފާގުން އިއްޔެ ނިންމާފައި ވަނީ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، ބިލް އުވައިލުމަށެވެ. ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވެސް ތާއީދު ކުރެއްވީ ގާނޫނު އުވައިލުމަށެވެ.

އިދިކޮޅު މެމްބަރުން ގަބޫލު ކުރެއްވި ގޮތުގައި، އެންޓި ޑިފެކްޝަން ގާނޫނެއް މަޖިލީހުން ފާސް ކުރީ ވަކި މެމްބަރުންތަކަކަށް އަމާޒުކޮށް އެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ނުބައި ނިޔަތެއް އޮވެގެންނެވެ. އެކަމަކު، ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވީ އެންޓި ޑިފެކްޝަން ގާނުނު އުވައިލަން ތާއީދު ނުކުރައްވާ ކަމަށެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނާއި (ކ) ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މަޖިލީހުގެ ގޯތިތެރޭގައި ސަމާސާ ކުރައްވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ހަތް މެމްބަރުންގެ ވަގުތީ ރިޕޯޓަށް ބަހުސް ކުރައްވަމުން ވިލިމާލެ ދާއިރާގެ މެމްބަރު، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ޕީޕީއެމުން 2013 ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލިއިރު، މެނިފެސްޓޯގައި މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހެއްގެ ގޮތުގައި ހަދަން ވައުދުވި ކަމަށެވެ. އަދި އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމަށް ތާއީދު ނުކުރައްވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ އެންޓި ޑިފެކްޝަން ނަމުގައި ގާނޫނެއް އޮތުމަށް ރައްޔިތުން އެދޭ ކަމަށެވެ. އެ ގާނޫނު އުވައިލުމަކީ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރާ ޕާޓީތަކަށް ހަރާންކޯރުވާން ދެވޭ ފުރުސަތެއް ކަމަށް ފަލާހު ވިދާޅުވި އެވެ.

އެންޓި ޑިފެކްޝަން ގާނޫނަކީ ގާނޫނުއަސާސީއާ ހިލާފަށް ހެދި ގާނޫނެއް ކަމަށް ބައެއް މެމްބަރުން ވިދާޅުވިއިރު، އެ ގާނޫނަކީ ގާނޫނުއަސާސީއާ ހިލާފު ގާނޫނެއް ނޫން ކަން ކޯޓުތަކުގެ ހުކުމުން އެނގެން އޮންނަ ކަމަށް ފަލާހު ވިދާޅުވި އެވެ. އެންޓި ޑިފެކްޝަން ގާނޫނު ބަދަލުތަކަކާއެކު އޮތުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު މިހާރު އޮތް ގޮތާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ. މަޖިލީހަށް އިންތިހާބުވާ ޕާޓީ ދޫކޮށް، އެހެން ޕާޓީއަކަށް ދިއުމަކީ ރައްޔިތުން އެއްގޮތަކަށް ވެސް ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ޝަރީފް ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު، ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް

"މަޖިލީހުގެ މެމްބަރުންނާ ދިމާލަށް ތަފާތު ފާޑު ކިއުންތައް އަމާޒުވަނީ މި ދެންނެވި ސަބަބުތަކަށްޓަކައި. ދުނިޔޭގެ އެހެން ގައުމުތަކުގައި ޕާޓީ ބަދަލުކުރާނަމަ، ގޮނޑި ދޫކޮށްލުމަށް ފަހު، އަލުން ކުރިމަތިލަނީ. މަގުބޫލު ސަބަބުތަކަށްޓަކައި ޕާޓީ ބަދަލުކުރަން ޖެހޭ ހާލަތްތައް އަންނާނެ. އެހެން ކަމަށްވާނަމަ، ރައްޔިތުންނާ ކުރިމަތިލައިގެން މަޖިލިހަށް އަލުން އިންތިހާބުވެވަޑައިގަތުމުގެ ހިތްވަރާއި ކެރިފޯރުންތެރިކަން ހުންނާނެ،" މިހާރު އަމަލު ކުރަމުން އަންނަ އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން ތާއީދު ކުރައްވާ ޝަރީފް ވިދާޅުވި އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދަމަހައްޓަން ހެދި ގާނޫނެއް ކަމަށެވެ. އަދި އެންޓި ޑިފެކްޝަން ގާނޫނު ހެދި މީހުން "ފިލައި ރައްކާވެފައިވާ" ކަމަށްވެސް ލަތީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، މަޖިލިސް "ސާފު ކުރުމަށްފަހު" އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށަށް އެތަން ވަނީ ގެނެސްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ބަންޑާރަ ނައިބު ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކާ ގުޅިގެންނެވެ. އެ ހުކުމުގައި އެންޓި ޑިފެކްޝަން ގާނޫނެއް ހަދަން މަޖިލީހަށް ލާޒިމް ވެސް ކުރި އެވެ.

އެންޓި ޑިފެކްޝަން ގާނޫނު މަޖިލީހުން ފާސްކޮށް، ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވާފައި ވަނިކޮށް އެ ގާނޫނާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން، އެއީ ބާތިލް ގާނޫނެއްގެ ގޮތުގައި ކަނޑައަޅަން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. އެކަމަކު، ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނީ އެންޓި ޑިފެކްޝަން ގާނޫނަކީ ސައްހަ ގާނޫނެއްގެ ގޮތުގަ އެވެ.

13 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 3%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުދައްރިސް

02 November 2018

ރައްޔިތުން ހޮވާ، ރައްޔިތުންގެ ނަމުގައި ތިބޭ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ފާސްކުރާ ބިލްތަކަށްދޭ ވޯޓް ނީލަމުގައި ވިއްކުމުގެ ހުއްދަ ހޯދީ. މިކަން ހުއްޓުމަކަށް ގެނައުމަށްޓަކައި ޔާމީންގެ ވެރިކަމުގައި ފާސްކުރި ބިލު އެއީ ޔާމީނަށް ކުރެއްވި ވަރަށް ހަރުދަނާ ނިންމުމެއް.

The name is already taken The name is available. Register?

‫ނާޑުވާ

04 November 2018

މުދައްރިސްގެ ތިވާހަކަ ދެކޮޅެއް ނުޖެހެޔެއް ނޫންތޯ! ދެން ދަރިވަރުންނަށް ވާނީ ކިހިނެއް. ރައްޔިތުން ހޮވާ ރައްޔިތުންގެ ނަމުގައޭ ބުނިހިސާބުން އެބަ އިނގޭ ދޯ ޕާޓީ އަށްވުރެ ރައްޔިތުންކަން މުހިއްމު ވާނީ. ރައްޔިތުން ބޭނުންވާގޮތަށް ވޯޓް ދީގެން ޕާޓީ އިން ހިތްހަމަ ނުޖެހި ކަނޑާލީމަ ތިޔަ ބުނާ ރައްޔިތުންގެ ނަމުގަ ހުރި މެމްބަރުގެ ގޮނޑި ގެއްލުނީމަ ކޮންތާކުތޯ މި ޖެހުނީ?

The name is already taken The name is available. Register?

މާކެޓް

02 November 2018

ޓްރާންސްފަރ މާކެޓް އެޓް ފުލް ސްވިންގ!

The name is already taken The name is available. Register?

ނުބުއްވަތު

02 November 2018

ޔާމީނުގެ އެއް އަނިޔާ ފިލާދިޔައީ އަނިވެރިޔަކަށް ތެދުމަގު ނުދައްކަވާނެ

The name is already taken The name is available. Register?

ލަންކާ

01 November 2018

މިއީ ރައްޔިތުންގެ ޙައްޤަކަށް އަރައިގަތުން

The name is already taken The name is available. Register?

ކިބަޅި

02 November 2018

ބައެއް މެމްބަރުން ނަށް ލިބޭ މުސާރައަކީ ދާއިރާގެ ރައްޔިތުން ނަށް ލިބޭ އެއްޗެކެވެ. މި ބުނީ ފިސާރި ގިނަ ވާހަކައެވެ.

The name is already taken The name is available. Register?

ލަންކާ

01 November 2018

ރައްޔިތުން މިކަމާ ދެކޮޅަށް ތެދުވަންޖެހޭ. މުޒާހަރާ ކުރަންޖެހޭނީ ހަމައެކަނި ޕާޓީ ފަރާތުންނެއް ނޫން.

The name is already taken The name is available. Register?

އުދުހޭ

01 November 2018

ޔާމީނަށް ހެޔޮވަރަށް ފެހި ކަނޑިކި ޔާމީނު ބަދަލުވީމާ ޖެހޭނީ މިޖެހެނީ އެއްލާލަން.

The name is already taken The name is available. Register?

ވޯޓް ވިއްކާ

01 November 2018

ރައްޔިތުން ވޯޓް ވިއްކުން ހުއްދަ ތޯއެވެ؟ ފުރަތަމަ އެކަން ހުއްޓާ ބަލަ..ރައްޔިތުން ނަށް ނެތޭ މިވާހަކަ ދެއްކޭ ކަށް ދޯ؟

The name is already taken The name is available. Register?

ބޮލުން ކުޅޭ

01 November 2018

މި ކަމުގައި ވެސް އެއްމެ މަކަރު ހެދީ ޕީޕީއެމްގެ މެމްބަރުން ނެވެ.މިބިލަށް ވޯޓް ދިނުމުގައި ޕީޕީއެމްގެ ޕީޖީ ގްރޫޕުން ފްރީ ލައިން ވިޕް ނެރެފައި ކޯޜަމް ހަމަކުރަން ފްލޯގައި ތިބެފައި ބިލް ފާސް ވާ މިންވަރަށް އެހެން ޕާޓީ ތަކުގެ މެމްބަރުން ހަމަ ވުމުން، ނިލުމެގެން ގޮސް ކުޑަ ދޮށުގައި ތިބި ކަމަކު ކަލޯމެން ތި ހެދި އެތި އެންމެން ވެސް ދަނެއެވެ.ޔާމީނަށް ވެސް ތި ކުޅުނު ކުޅި އެގޭނެ އެވެ

The name is already taken The name is available. Register?

ހޭބަލި

02 November 2018

ނޫނެކޭ: 17 ޕޕމ ޢަބްދުއްރަޙީމު، ޚަލީލު، ރިފާއު، ނިހާނު، ޝިޔާމު، އާރިފު، ޢަލީ މުޙައްމަދު، އަސްމާ، މުފީދު، ފަލާޙު، ރިޒާ، ޖަމީލު، ޖައުފަރު، މުޙައްމަދު ޢަލީ، ޝާހިދު، މުއާޒު މޑއ http://www.majlis.gov.mv/di/download/vote_thafseel/Anti-Defection-gaanoon-uvaalumuge-bill-faakurumah.pdf މުޙައްމަދު އިސްމާޢީލު

The name is already taken The name is available. Register?

joone

01 November 2018

މިޢީ ރައްޔިތުން ބޭނުން ވެގެން ހެދި ޤާނޫނެއް ނޫނެވެ. މި ޤާނޫނު ހެދި ތަނުން މި ޤާނޫނު އުވާލުމުން އެ ނިމުނީ އެވެ.މި ކަމާ ރައްޔިތުން ނާއި ކީކީ ތޯއެވެ؟

The name is already taken The name is available. Register?

ކައްކާ

01 November 2018

މިއީ ޔާމީނުގެ ޚުދިމުޚްތާރު ވެރިކަން ދަމަހައްޓަން ހެދި އެއްޗެކެވެ.މި އެތި ހެދި ބޭނުން މިހާރު ނިމިއްޖެއެވެ. މީއްޗަށް ޤާނޫނެކޭ ވެސް ނުކިޔޭނެއެވެ.މީތި އުފެފުނު ގޮތާ ފާސް ކުރި ގޮތަށް ބަލާއިރު މީއްޗަށް ޤާނޫނެއްގެ ދަރަޖަ ވެސް ނުދެވެއެވެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454