30 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓު ކޮމިޓީން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓަށް ބަދަލުތަކެއް ގެނެސް، ބަޖެޓު ކޮމިޓީން ދެންމެ ފާސްކޮށްފި އެވެ. ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ގެނައި ބަދަލާއެކު ބަޖެޓުގެ ޖުމްލަ ވަނީ 30.2 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.


ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް 29.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި ނަމަވެސް، ކޮމިޓީ މަރުހަލާގައި ބަޖެޓަށް ބަދަލު ގެނައިއިރު ބައެއް އިދާރާތަކަށް ބަޖެޓު ބޮޑުކޮށްދީ، ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން މަޝްރޫއުތަކެއް ހިމެނި އެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ސަރުކާރުގެ ފުރަތަމަ އަހަރު ހިނގާނެ ކަމަށް ލަފާކޮށް، ހުށަހެޅި ފުރަތަމަ ބަޖެޓުވެސްމެ އެވެ.

ބަޖެޓު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅީ އާމްދާނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަލައިފަ އެވެ. އެކަމަކު، ކޮމިޓީން ދިރާސާ ކުރިއިރު، މިހާރު ލަފާކޮށްފައިވާ 23 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް، 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރި އެވެ.

ބަޖެޓުގައި އަލަށް ހިމެނި ބައެއް ކަންކަން:

- ޕީއެސްއައިޕީގެ ބަޖެޓަށް 452 މިލިއަން ރުފިޔާ އިތުރު ކުރި.

- ފޮރިން މިނިސްޓްރީގެ ބަޖެޓަށް 25 މިލިއަން ރުފިޔާ.

- ޖުޑިޝަރީގެ ބަޖެޓަށް 37 މިލިއަން ރުފިޔާ. - ހަޔާ އެޑިއުކޭޝަންގެ ބަޖެޓަށް 50 މިލިއަން ރުފިޔާ.

- ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް 31 މިލިއަން ރުފިޔާ. - ފެމިލީ ޕްރޮޓެކްޝަން އެޖެންސީ އަށް ދެ މިލިއަން ރުފިޔާ.

- ރައީސުލްޖުމްހޫރިއްޔާ ކަންކޮށްފައިވާ ފަރާތްތަކަށް އިނާޔަތް ދޭން 1 މިލިއަން ރުފިޔާ.

އަންނަ އަހަރު 23 ބިލިއަން ރުފިޔާ އަށް ވުރެ އިތުރަށް، 300 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ކޮމިޓީން ލަފާ ކުރިއިރު، ބަޖެޓްގައި އަލަށް ހިމެނި ހަރަދުތައް ހިނގާނީ އެ ފައިސާގެ ތެރެއިންނެވެ. އެކަމަކު މިހާރު ބަޖެޓަށް އެކި ގޮތްގޮތުން އަލަށް ހިމެނި ހަރަދުތަކުގެ ސަބަބުން ޑެފިސިޓް މައްޗަށް ހިނގައިދާނެ ކަމަށް ބެލެވެ އެވެ. ބަޖެޓު ހުށަހެޅި އިރު، ބަޖެޓު ޑެފިސިޓްއަކީ 3.7 ބިލިއަން ރުފިޔާ އެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ބަޖެޓު ރިޕޯޓު އަންނަ އާދިއްތަ ދުވަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާނެ ކަމަށެވެ. ކޮމިޓީ ރިޕޯޓަށް ބަހުސް ކުރެއްވުމަށް ކޮންމެ މެމްބަރަކަށް ހަތް މިނިޓުގެ ފުރުސަތެއް ދޭން ވަނީ ނިންމައިފަ އެވެ.

ކޮމިޓީން ބަޖެޓު ފާސް ކުރީ މެމްބަރުން ހުށަހެޅުއްވި ބައެއް ރިކޮމަންޑޭޝަންތަކާ ވެސް އެކުގަ އެވެ.

އެގޮތުން، ބަޖެޓު ކޮމިޓީން ފާސް ކުރި މުހިންމު ބައެއް ރިކޮމަންޑޭޝަންތަކުގެ ތެރޭގައި އިންކަމް ޓެކްސް ނަގަން ކުރަން ޖެހޭ މަސައްކަތްތައް ކުރުމާއި ޑޮމެސްޓިކް އެއާޕޯޓުތަކުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމާއި އޮފީސްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އޮޑިޓެއް ހެދުމާއި ބޮޑެތި މަޝްރޫއުތައް ދިޔައީ ގާނޫނާ އެއްގޮތަށްތޯ ބަލަން އޮޑިޓެއް ހެދުން ފަދަ ރިކޮމަންޑޭޝަންތައް ހިމެނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި އަހަރަށް ފާސް ކުރީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ އެމަނިކުފާނުގެ ސަރުކާރުގެ ފަސް އަހަރުގެ މުއްދަތުގައި ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ.

ބަޖެޓު ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމުގައި ފާސް ކުރާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.