އެމްޑީޕީން މަޖިލީހުގެ 87 ގޮނޑިއަށް ވާދަކުރަން ވިސްނަނީ

ސަރުކާރުގެ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އަންނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާއަކަށް ވާދަކުރަން މަޝްވަރާކޮށްފި އެވެ.


މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބަށް، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ.

އެގޮތުން، މައުމޫނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވަނީ މަޖިލިހުގެ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ކުރިއަށް ދަނީ. -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއެއްގެ ގޮނޑިތައް ހޯދުމާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރަކު ނަން ނުޖަހާ ގޮތަށް "މިހާރު" އަށް ވިދާޅުވީ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަށް އެމްޑީޕީން ވާދަ ކުރުމަކީ އެ ޕާޓީން ގެންގުޅޭ ވިސްނުމެއް ކަމަށެވެ. އެކަމަށް އެމްޑީޕީ މެމްބަރުން ޝައުގުވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީން އަބަދުވެސް ވިސްނުން ގެންގުޅޭ ކަމެއް ހުރިހާ ގޮނޑިއަށް ވާދަ ކުރުމަކީ. އެކަމަކު ހަތަރު ލީޑަރުންގެ މެދުގައި އެއްބަސްވުމެއް އޮތް ކަން ހަނދާނުން ފޮހެވުނީކީ ނޫން. ކަމެއް ކުރަން އަދި ވިސްނުން ގެންގުޅުމަކީ އެގޮތަކަށް އަމަލު ކުރުމެއް ވެސް ނޫން،" މެމްބަރު ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ކުރިއަށް ދަނީ. -- ފޮޓޯ: އެމްޑީޕީ

މެމްބަރު ވިދާޅުވީ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރެއްވުމުގެ ވިސްނުން ގައުމީ މަޖިލީހުގެ މެމްބަރުން ގެންގުޅެމުންދާ ކަމަށެވެ. އަދި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ގިނަ މެމްބަރުންތަކެއް އެކަމަށް އެދި ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައްދަލުވުމުގައި ވަކި ގޮތެއް އަދި ނިންމާފައި ނުވޭ. މެމްބަރުންގެ ހިޔާލު ބެލުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް އެއީ،" ގައުމީ މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.

އެމްޑީޕީން މަޖިލީހުގެ 87 ގޮނޑިއަށް ވާދަކުރުމުގެ ވިސްނުން ގެންގުޅޭއިރު، ނަޝީދު މިދިޔަ އަންގާރަ ދުވަހު ވިދާޅުވީ މަޖިލިހުގެ އިންތިޚާބަށް، ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކަށް ގޮނޑިތައް ބަހާނެ ގޮތަކާ މެދު ގޮތެއް ނިމިފައި ނުވާ ކަމަށެވެ. ނަޝީދު ވިދާޅުވީ، އާ ގާނޫނުއަސާސީ ވުޖޫދަށް އައި ފަހުން އެމްޑީޕީން މަޖިލިހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރިއިރު، އެ ޕާޓީގެ މެމްބަރުން ވެސް ބޭނުމީ އެގޮތް ކަމަށެވެ.

ނަޝީދު އައްޑު އަށް ދާދި ފަހުން ކުރެއްވި ދަތުރުފުޅުގައި ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ފެށި ދަތުރު އަދި ނިމިފައި ނުވާއިރު، ސަލާމަތުގެ އައްސޭރި އަކަށް ދެވޭނީ މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއަށް ވޯޓު ދީގެން ކަމަށެވެ.

އެމަނިކުފާނު އެހެން ވިދާޅުވިއިރު، އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެކި ދާއިރާތަކަށް އެމްޑީޕީގެ މެމްބަރުން ވަނީ ކެމްޕެއިން ފަށައިފަ އެވެ.

ނަމަވެސް، މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން ފެނިވަޑައިގަންނަވަނީ އެމްޑީޕީގައި ބާއްވާ ޕްރައިމަރީ އަކުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.