ބޭރުގެ އަސްކަރީ ބަނދަރެއް ހަދަން ފުރުސަތެއް ނުދޭނަން: ޝާހިދު

ރާއްޖޭގައި ބޭރު ގައުމެއްގެ އަސްކަރީ ބަނދަރެއް ހަދަން މިހާރުގެ ސަރުކާރުން އެއްވެސް ގައުމަކަށް ފުރުސަތު ނުދޭނެ ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.


އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ސްޓްރެޓީޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ އަސްކަރީ ބަނދަރެއް ނުވަތަ އަސްކަރީ އެހެން ވަސީލަތެއް ގާއިމްކުރަން ބޭރު ގައުމަކަށް ފުރުސަތު ދިނުމުގެ ނިޔަތެއް ސަރުކާރުގެ ނެތް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ ބައިނަލްއަގުވާމީ ހަމަނުޖެހުންތަކުގެ ތެރޭގައި ތާށިވާކަށް. އަޅުގަނޑުމެންގެ އެބަހުރި މާ އަވަހަށް އެޑްރެސް ކުރަން ޖެހޭ މައްސަލަތައް. އަޅުގަނޑުމެން ބޭނުންވޭ ތަރައްގީ އަށް އެޑްރެސްކުރަން، އަޅުގަނޑުމެންގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތިތަކަށް،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ބޯހިޔާވަހިކަމާއި ސިއްހަތާއި ތައުލީމު ފަދަ އެތައް ކަމަކަށް އިސްކަން ދޭން ޖެހިފައިވާ ކަމަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސަމާލުކަން ދޭނީ އެ ކަންތައްތަކަށް ކަމަށެވެ.

ރާއްޖޭގައި ޗައިނާގެ އަސްކަރީ މަރުކަޒެއް ހަދަން މަސައްކަތް ކުރާ ކަމަށް އިންޑިއާ އިން ތުހުމަތު ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ އަށް އެ ފުރުސަތު ދޭން އުޅުނު ކަމަށް އިންޑިއާގެ ނޫސްތަކުން އޭރު އަޑު ފެތުރި އެވެ.

ރާއްޖެ އަށް ޗައިނާ އިން ލޯނުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައި ވާތީ އެ ލޯނުތައް ނުދެއްކުމުގެ ސަބަބުން ޗައިނާ އަށް ބަނދަރެއް ދޫކޮށްލަން ޖެހުން ފަދަ ކަމަކުން ސަލާމަތް ވާނީ ކިހިނެއްތޯ އެސްއެންއައި އިން ޝާހިދާ ސުވާލު ކުރި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ އެފަދަ ގޮތެއް މެދުވެރިވުމުގެ ފުރުސަތު އޮތްކަން ސަރުކާރަށް އެނގޭ ކަމަށާއި އެފަދަ ކަމެއް ވިޔަ ނުދޭނެ ކަމަށެވެ.

"އަޅުގަނޑުމެން އެކަން ހުއްޓުވާނަން. އެކަމުން ސަލާމަތްވާނެ މަގެއް އަޅުގަނޑުމެން ހޯދާނަން. (އެކަމުގައި) ޗައިނާ ސަރުކާރާ ވާހަކަ ދައްކަން ޖެހިއްޖެ ނަމަ އަޅުގަނޑުމެން ވާހަކަ ދައްކާނަން،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ދެން ވިދާޅުވީ ޗައިނާ ސަރުކާރުން ރާއްޖެއާ މެދު އެފަދަ ގޮތަކަށް ކަންތައް ކުރަން ޗައިނާ ސަރުކާރުން މަސައްކަތް ނުކުރާނެ ކަމުގެ އިތުބާރު އެބަ އޮތް ކަމަށެވެ.

ރާއްޖެ އަށް އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރު އޮޕަރޭޓްކުރަން އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބޭ ތިބުމަކީ ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ހަރަކާތްތެރިވުމަށް ކުރާ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އެ ތުހުމަތުތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން ޝާހިދު ވިދާޅުވީ އިންޑިއާ އިން ރާއްޖޭގެ ޕައިލެޓުން ތަމްރީނުކޮށް، ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަކީ ދެ ގައުމު ގުޅިގެން ކުރާ ކަމަކަށް ބަދަލުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.