ވަގުފް ބިނާ ކުއްޔަށް ދީފައި ވަނީ ގެއްލުންވާ ގޮތަށް: އޮޑިޓަ ޖެނެރަލް

މިސްކިތްތަކަށް ހަރަދު ކުރަން އުފައްދާފައިވާ ވަގުުފް ފަންޑުންނާއި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ބިނާކޮށްފައިވާ ވަގުފް ބިނާ "ދާރުލް އީމާން" ކުއްޔަށް ދީފައި ވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.


އިސްލާމިކް މިނިސްޓްރީގެ 2017 އަހަރުގެ މާލީ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ދާރުލް އީމާންގެ ނުވަ ފަންގިފިލާ ކުއްޔަށް ދީފައިވާ ގޮތުން، ދައުލަތަށް އަހަރަކު 108،000ރ.ގެ ގެއްލުމެއް ވާނެ ކަމަށެވެ. އަދި އެ އިމާރާތުގެ ފަންގިފިލާތައް ކުއްޔަށް ދީފައިވާ މުއްދަތަށް ބަލާއިރު އެކަމުގެ ސަބަބުން ދައުލަތަށް 540،000ރ.ގެ ގެއްލުމެއް ވާނެ ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.

ރިޕޯޓުގައިވާ ގޮތުން ވަގުފް ބިނާ އިން 2017 ވަނަ އަހަރުގެ ކުލީގެ ގޮތުގައި އިސްލާމިކް މިނިސްޓްރީ އަށް ލިބެންޖެހޭ 10.4 މިލިޔަން ރުފިޔާ އޮތީ ނުލިބި އެވެ. އަދި އެ ފައިސާ ހޯދަން ކުރަން ޖެހޭ މަސައްކަތް އެ މިނިސްޓްރީން ކޮށްފައި ނުވާކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

ނަމަވެސް އޮޑިޓްގެ މަސައްކަތް ކުރަން ފެށި ފަހުން އޭގެ ތެރެއިން ބައެއް ފައިސާ މިނިސްޓްރީ އަށް ވަނީ ލިބިފަ އެވެ. އެކަމަކު ނުދައްކާ ހުރި ފައިސާގެ ޖުމްލަ އޭރު ވެސް 6.3 މިލިޔަން ރުފިޔާ އަށް ވުރެ ގިނަ ކަމަށް އެ ރިޕޯޓްގައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ވަގުފް ބިނާގެ ފަންގިފިލާތައް ތިން ފަރާތަކަށް ކުއްޔަށް ދޫކުރި އިރު އެންމެ އަގު ހެޔޮކޮށް ދޫކޮށްފައި ވަނީ އޯޝަން ބަރަކާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ.

ރިޕޯޓުގައިވާ ގޮތުން ވަގުފް ބިނާގެ ފަންގިފިލާތައް ފުރަަތަމަ ކުއްޔަށް ދިނީ އެއްބަސްވުމެއްގައި ސޮއި ވެސް ނުކޮށެވެ. އެ ގޮތުން 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަގުފް ބިނާގެ 10 ފަންގިފިލާގެ ތެރެއިން ނުވަ ފަންގިިފިލައެއް މިނިސްޓްރީ އޮފް ފިނޭންސަށާއި އައިލެންޑް އޭވިއޭޝަނަށް ދިނީ އެއްބަސްވުމެއް ނެތި އެވެ. އެ އަށް ފަހު 2017 ވަނަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު އެއްބަސްވުމެއް ހެދީ 2016 ވަނަ އަހަރުގެ ތާރީހެއްގަ އެވެ.

ވަގުފް ބިނާގެ އިތުރުން ވެސް އިސްލާމިކް މިނިސްޓްރީގެ މާލީ އޮޑިޓްގައި މައްްސަލަަތަކެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ޒަކާތު ފަންޑުން މުސާރަ ދޭ ގޮތަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒަށް ވެއްދި މުވައްޒަފުންނަށް ސިވިލް ސާވިސް މުވައްޒަފުންނަށް ވުރެ ބޮޑު މުސާރައެއް ދީފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. ފާހަގަކޮށްފައިވާ އަނެއް މައްސަލައަކީ ބައެއް މަސައްކަތްތައް އިއުލާނު ނުކޮށް އެކި ފަރާތްތަކާ ހަވާލުކޮށްފައި ވުމެވެ.

މި ހުރިހާ ކަމެއް ހިނގި އިރު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވީ ޑރ. އަހްމަދު ޒިޔާދު ބާގިރެވެ.