ބިލު އޮތީ ފުލުހުންނާއި އޭސީސީގެ ބާރު ހަނިވާ ގޮތަށް: ފިލްޒާ

"ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް" އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނަށް ގާނޫނުއަސާސީން ލިބޭ ބާރުތައް ހަނިވާ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތުމަތު ފިލްޒާ ވިދާޅުވެއްޖެ އެވެ.


ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަން، ތަހުގީގީ ދެ އިދާރާއަކަށް ހަދައި ބޮޑެތި ބާރުތަކެއް ދިނުމަށް މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިނެވެ. މި ބިލް މަޖިލީހަށް ބަލައިގަނެ، ބިލް ދިރާސާ ކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދަނީ ކުރަމުންނެވެ.

މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅި ބިލުގައި ހުރި މައްސަލަތައް ފާހަގަ ކުރައްވައި، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ފޮނުއްވި ސިޓީއެއްގައި ފިލްޒާ ވިދާޅުވީ ބިލު އޮތީ، ރައީސްގެ ދެ ގަރާރުގައި ކަނޑައެޅުއްވި މަސްއޫލިއްޔަތުގެ ދާއިރާ އަށް ވުރެ، ދެ ކޮމިޝަންތަކުގެ މަސްއޫލިއްޔަތު މާ ފުޅާކޮށް ކަމަށެވެ.

ފިލްޒާ ވިދާޅުވި ގޮތުގައި، ބިލްގައި ބުނާ މުއްދަތުގެ ތެރޭގައި ހިންގާފައި ހުރި ކޮރަޕްޝަނާއި މަރުތަކުގެ މައްސަލަތަކުގެ މައްޗަށް ކޮމިޝަންތައް ބާރު ހިނގާނެ ކަމަށް ބުނެފައި އޮތުމުން، ކޮމިޝަނުން ކަނޑަނާޅާ ހިނދަކު، ފުލުހުންނާއި އޭސީސީ އަށް މައްސަލަތަކެއް ނުބެލޭނެ އެވެ.

ގާނޫނުއަސާސީން ފުލުހުންނާއި އޭސީސީ އަށް ބޮޑެތި ބާރުތަކެއް ދީފައި އޮންނައިރު، އެ ބާރުތައް ހަނިވާ ގޮތަށް، ރައީސް ގާނޫނުއަސާސީން ލިބިދީފައިވާ ބާރެއްގެ ދަށުން ވިޔަސް، އުފައްދާ ކޮމިޝަނަކަށް ގާނޫނަކުން ބާރު ދެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ފިލްޒާގެ ސިޓީގައިވެ އެވެ.

ފިލްޒާ ވިދާޅުވީ ތަހުގީގީ އިދާރާތަކަށް ޖިނާއީ އިޖުރާއާތުގެ ގާނޫނުން ލިބިގެންވާ ބާރުތަކަށް ވުރެ ބޮޑަށް ދެ ކޮމިޝަނުން މައްސަލަތައް ތަހުގީގުކޮށް ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް މައްސަލަތައް ފޮނުވުމާއި ތުހުމަތު ކުރެވޭ ތުހުމަތު ކުރެވޭ މީހުންގެ ބޭންކް އެކައުންޓާ ބެހޭ މައުލޫމާތު ހޯދުމާއި އެކައުންޓް ފްރީޒްކުރުމަށް ބޭންކުތަކަށް އެންގުމާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ މުދާ ނުވަތަ ފައިސާ ހިފެހެއްޓުމާއި ރާއްޖެ އިން ބޭރަށް ގެންދިއުން މަނާ ކުރުން ފަދަ ކަންކަން ބިލްގައި ހިމެނޭ ކަމަށެވެ.

ފިލްޒާ ވިދާޅުވި ގޮތުގައި ބިލް ވާން ވާނީ ކޮމިޝަނެއް އުފައްދާ ބިލެއްގެ ބަދަލުގައި މަސްއޫލިއްޔަތު އަދާ ކުރުމަށް ބޭނުންވާ ބާރުތަކާއި އިޖުރާއަތްތައް އެކަށެއެޅޭ ބިލެއް ގޮތުގަ އެވެ.

ދެ ކޮމިޝަނުން ކުރުމަށް ތަސައްވަރުކޮށްފައިވާ މަސައްކަތުގެ ދާއިރާއަކީ، ރައީސް ނެރުއްވި ގަރާރުގައި ކަނޑައަޅާފައިވާ ދާއިރާއަށް ވުރެ ފުޅާ ދާއިރާއެއް ކަމުން އެ ދެ ކޮމިޝަނަށް ރައީސްގެ ގަރާރުން ހަވާލު ކުރެވުނު މަސައްކަތް ނިމުނު ކަމުގައި ވީނަމަވެސް، ގާނޫނުން މަތިކޮށްފައިވާ މަސައްކަތުގެ ދާއިރާ ނުނިމެނީސް އެ ދެ ކޮމިޝަން އުވައިލުމުގެ ބާރު ނުވަތަ މަސައްކަތުގެ ދާއިރާ އަށް ބަދަލު ގެނައުމުގެ ބާރު ރައީސް އަށް ލިބިގެން ނުވާ ކަން ފާހަގަ ކުރެވޭ ކަމަށް ފިލްޒާ ވިދާޅުވި އެވެ. އެހެން ކަމުން އެއީ ގާނޫނުއަސާސީގެ ދަށުން ރައީސް އަށް ލިބިދީފައިވާ ބާރުތައް ހަނި ކުރެވޭނެ ކަމެއް ކަމަށް ވެސް ފިލްޒާ ވިދާޅުވި އެވެ.

ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމުގެ ބިލެއް މަޖިލީހަށް ވެއްދިއިރު، ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ކޮމިޝަނަކާއި މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކޮމިޓީއެއް އުފައްދަވައި، މެމްބަރުން ވެސް އައްޔަން ކުރައްވައިފަ އެވެ.

ބިލްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ ތަހުގީގުނުކޮށް، ދޫކޮށްލާފައި ހުރި އަދި އެކަށީގެންވާ މިންވަރަށް ތަހުގީގުނުކޮށް ދޫކޮށްލާފައިވާ މަރުގެ މައްސަލަތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް އަލުން ތަހުގީގުކޮށް އެ ކަންކަމުގެ ހަގީގަތް ހޯދައި، ޒިންމާވާން ޖެހޭ މީހުން ޖަވާބުދާރީ ކުރުވުމެވެ.

މީގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލަތައް ފާހަގަކޮށް، އެކި ފަރާތްތަކުގެ އިހުމާލާއި ފަރުވާ ކުޑަކުރުމުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާގެ މައްސަލަތައް ބަލައި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް ހަޅަން ޖެހޭ ފިޔަވަޅުތައް އެޅުމެވެ.

އަލަށް އެކުލަވައިލި ދެ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ ޖިނާއީ ކުށް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ތަހުގީގީ އިދާރާއެއް ކަމަށް ބިލްގައިވެ އެވެ.

އެކަމަކު ދެ ކޮމިޝަނަށް ލިބޭ ބާރުތަކަށް އަމަލު ކުރާނީ ކޮން އުސޫލުތަކަކާއި ހަމަތަކުން ކަމެއް ބިލްގެ އެއްވެސް މާއްދާއެއްގައި ބަޔާންކޮށްފައި ނުވާ ކަމަށް ވެސް ފިލްޒާ ވިދާޅުވި އެވެ.