މުހިއްމު ބިލްތަކަށް ވޯޓަށް ނާހައި މެމްބަރުން ޗުއްޓީއަށް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުހިއްމު ބިލްތަކަކަށް ވޯޓަށް އެހުމަށް އެޖެންޑާކޮށްފައި ވަނިކޮށް، ގާނޫނީ އަދަދަށް މެންބަރުން މަޖިލީހުގެ ޖަލްސާގައި ވަޑައިގެން ނެތުމުން، އެ ބިލްތަކަށް ވޯޓަށް ނާހައި، މަޖިލީހުގެ މެމްބަރުން ޗުއްޓީ އަށް ވަޑައިގެންނެވި ކަން ރިޔާސަތުން އިއުލާންކޮށްފި އެވެ.


ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ މިއަދުގެ ޖަލްސާއަކީ ދައުރުގެ އެންމެ ފަހު ޖަލްސާ ކަމަށެވެ. އެހެންވެ، މެމްބަރުން މިހާރު ވަނީ ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގެންފަ އެވެ. އަދި އާ ދައުރުގެ ޖަލްސާތައް އަލުން ފަށާނީ އަންނަ ފެބްރުއަރީ މަހުގެ ކުރީކޮޅެވެ.

މަޖިލީހުގެ ޖަލްސާގައި ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު ފާސް ކުރުމަށާއި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ބާ ކައުންސިލެއް އުފެއްދުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅި ބިލަށް ވޯޓަށް އެހުމަށް އޮތީ އެޖެންޑާކޮށްފަ އެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާ މިއަދު ކުރިއަށް ދަނީ. --- ފޮޓޯ: ރޮޒެއިނާ

މަޖިލީހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ ތިން ބިލަކީ ރައްޔިތުން އެ މައްޗަށް އަމަލުކުރަން ލާޒިމްކުރާ ބިލްތަކެއް ކަމަށެވެ.

އެހެންވެ، ބިލްތަކަށް ވޯޓަށް އެހޭނީ ގާނޫނުއަސާސީގައި ބުނާ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައި ކަމަށާއި އެ އަދަދަށް މަޖިލީހުގެ ތަޅުމުގައި މެމްބަރުން ވަޑައިގެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގައި އެވަގުތު ހާޒިރުވެ ތިއްބެވީ އެންމެ 39 މެމްބަރުންނެވެ. އެއީ، ސަރުކާރު ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންނެވެ. ނަމަވެސް، ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން މިއަދު ޖަލްސާއަށް ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ.

ގާސިމް އެހެން ވިދާޅުވި އިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމް އަދި އެމްޑީއޭގެ މެމްބަރުން މަޖިލީހުގެ ޗެމްބަރުގެ ދޮރު ކައިރީގައި ތިއްބެވި އެވެ. އެ މެމްބަރުން މަޖިލީހަށް ނުވަންނަވައި ތިއްބެވީ ރިޔާސީ ކޮމިޝަންތަކުގެ ބިލާ މެދު އެ މެމްބަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުންނެވެ.

ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ އިސް މެމްބަރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި، މުހިއްމު ބިލްތަކަށް ވޯޓަށް ނާހައި، މަޖިލިސް ޗުއްޓީ އަށް ދިއުމުގެ ޒިންމާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ނަންގަވަން ޖެހޭނެ އެވެ. އެ މެމްބަރުން ޖަލްސާ އަށް ވަޑައިނުގަތުން ބަލައިނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސް ކުރިއިރު، އޮތީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް ވެސް ޕީޕީއެމްގެ މެމްބަރުން ވިދާޅުވި އެވެ. އެހެންވެ، ޕީޕީއެމް މެމްބަރުން މަޖިލީހަށް އެންމެ ފުރަތަމަ ވަޑައިގަތީ ދުންމާރި ހިފައިގެންނެވެ. އިދިކޮޅު މެމްބަރުން ޖަލްސާގައި އަޑުގަދަ ކުރައްވަން ފެއްޓެވުމުން ގާސިމް ދެ ފަހަރަކަށް މަޖިލިސް މެދުކަނޑާލެއްވި އެވެ.

އޭގެ ފަހުން، މަޖިލީހުގެ ޖަލްސާ އަލުން ފެއްޓެވިއިރު، އިދިކޮޅު މެމްބަރުން ތަޅުމަކަށް ނުވަންނަވަ އެވެ.

ފަހު ދައުރުގެ ޖަލްސާތަކަށް ފަހު، މެމްބަރުން ޗުއްޓީ އަށް ވަޑައިގެންނެވީ ރައްޔިތުންނާ ގުޅުން ހުރި ގިނަ ބިލްތަކެއް ފާސް ކުރުމަށް ފަހު އެވެ. އެހެންވެ، ފަހު ދައުރަކީ މަޖިލީހުގައި މި އަހަރުގެ ތެރޭގައި އެންމެ ގިނަ ބިލްތަކެއް އަދި މަސައްކަތްތަކެއް ވެސް ކުރި ދައުރެވެ.