ޑޮކްޓަރުކަން ކިޔެވުމަށް ހަދާ ޕްރީ މެޑިސިން ކޯސްތައް ގަބޫލުކުރުން ރާއްޖެއިން ހުއްޓާލައިފި

ޑޮކްޓަރު ކަމުގެ ކޯހަށް ޝަރުތު ހަމަ ކުރުމަށްޓަކައި ހަދާ ޕްރީ މެޑިސިންގެ ކޯސްތަކާއި ސެޓްފިކެޓްތައް ގަބޫލުކުރުން މިއަދުން ފެށިގެން ހުއްޓާލަން މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ނިންމައިފި އެވެ.


ޕްރީ މެޑިސިންއަކީ ޑޮކްޓަރު ކަމުގެ ކޯސް (އެމްބީބީއެސް) ނުވަތަ ޑެންޓިސްޓް ކޯސް (ބީޑީއެސް) ކޯހަށް ޝަރުތު ހަމަ ކުރުމަށްޓަކައި ޖީސީއޭ އޭ ލެވެލްގެ ބަދަލުގައި ހަދާ އެއް އަހަރުގެ ކޯހެކެވެ. ޕްރީ މެޑިސިން ކޯސްތައް ރާއްޖެއިން ބޭރުގައި މިހާރު ވެސް ހިންގަ އެވެ.

މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ ޕްރީ މެޑިސިން ގަބޫލުކުރުން ހުއްޓާލަން ނިންމީ ބައެއް ގައުމުތަކުގެ ޕްރީ މެޑިސިން ކޯސްތައް ފަރުމާ ކޮށްފައިވާ ގޮތުން ދަރިވަރުންގެ ފެންވަރު ދަށްވާ ކަމަށް ފާހަގަ ކުރެވޭތީ ކަމަށެވެ. އަދިި އެއް އަހަރުގެ މުއްދަތަށް ޕްރީ މެޑިސިން ކޯސް ހިންގުމުގައި ނަމުގައި ބައެއް ގައުމުތަކުން ހަ މަސް ދުވަހުގެ މުއްދަތަށް ވެސް އެ ކޯސް ހިންގާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ވޭތުވެދިޔަ ތަނުގައި ދިވެހި ދަރިވަރުންނަށް އަމާޒު ކޮށްގެން ބޭރުގައި ކުރިއަށް ގެންދިޔަ ޕްރީ މެޑިސިން ކޯސްތަކުގެ ސަބަބުން ދަރިވަރުންނަށް ނަފްސާނީ ގޮތުންނާއި މާލީގޮތުންނާއި ގެއްލުން ލިބިފައިވާ ކަމުގެ ޝަކުވާ ވެސް އެ ކައުންސިލަށް ލިބިފައިވެ އެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެއް އަހަރުގެ ޕްރީ މެޑިސިން ކޯހެއް ނިންމިޔަސް، ޑޮކްޓަރު ކަމުގެ ނުވަތަ ޑެންޓިސްޓް ކަމުގެ ކޯހަށް ވަނުމުގެ ޝަރުތު ފުރިހަމަވީ ކަމަށް ނުބަލާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ޕްރީ މެޑިސިން ސެޓްފިކެޓްތައް ބަލައިގަތުން ހުއްޓާލިޔަސް، ބައެއް ފަރާތްތައް އެ އުސޫލުން އިސްތިސްނާވާނެ އެވެ. އެގޮތުން މިހާރު ޕްރީ މެޑިސިން ހަދަމުންދާ ފަރާތްތަކާއި މިއަހަރުގެ ޕްރީ މެޑިސިން ޕްރޮގްރާމަކުން ޖާގަ ލިބި، ފައިސާ ދައްކާފައިވާ ފަރާތްތައް އެ އުސޫލުން އިސްތިސްނާވާނެ އެވެ.

މީގެ އިތުރުން ޕްރީ މެޑިސިން ނިންމުމަށް ފަހު މިހާރު ޑޮކްޓަރު ކަން ނުވަތަ ޑެންޓިސްޓް ކަން ހަދަމުންދާ ފަރާތްތަކާއި ޕްރީ މެޑިސިން ނިންމުމަށް ފަހު، މެޑިކަލް ނުވަތަ ޑެންޓަލް ކޮލެޖަކުން މިހާރު ޖާގަ ހޯދަމުންދާ ފަރާތްތައް ވެސް އެ އުސޫލުން އިސްތިސްނާވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.