ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އޭޕްރީލް އިން ފެށިގެން އާސަންދަ ލިބޭނެ: ރައީސް

ލަންކާ ގައި ދިރިއުޅޭ ދިވެހިންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހަސަން އާމިރު/މިހާރު

ކޮލަމްބޯ އިން،  ހަސަން އާމިރު، މިހާރު

03 ފެބުރުއަރީ 2019 - 18:08

50 comments

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް އަންނަ އޭޕްރީލް މަހު 1 ވަނަ ދުވަހުން ފެށިގެން ލިބެން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް، މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު އެ ގައުމަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

"ތިޔަ ބޭފުޅުން މި ގައުމުގައި އުޅޭ އިރު މިހާރު އެންމެ ބޮޑަށް އުއްމީދު ކުރާނީ އާސަންދައިގެ ޚިދުމަތް ހަމަޖެހިގެން ދިއުމަށް. އިރާދަ ކުރެއްވިއްޔާ އެޕްރީލް 1 ގައި އެކަން ހަމަޖެހިގެންދާނެ،" ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮލަމްބޯގައި މިއަދު ދިވެހިންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:މިހާރު

ރައީސް ވިދާޅުވީ، ލަންކާގެ އިތުރުން އަވައްޓެރި އެހެން ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ވެސް، އާސަންދައިގެ ޚިދުމަތް ހަމަޖެއްސުމަށް، އެ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަވެ. އަދި މީގެ ކުރިން ސްރީ ލަންކާ އަށް ވަޑައިގެންނެވި ފަހަރު ވެސް، އެ ގައުމުގައި ދިރިއުޅޭ ދިވެހިންން ސްޓޫޑެންޓް ލޯނާ ގުޅިގެން އެދުނު ފަދައިން، އެކަމުގައި އުފުލަން ޖެހޭ ބުރަ ލުއި ކޮށްދެއްވާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ ރާއްޖޭގެ ގައުމީ ސިޔާދަތު ހިމާޔަތްކޮށް ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުންނަކީ މި ގައުމުގައި ރާއްޖެ ތަމްސީލް ކުރައްވާނެ މަންދޫބުން. އެހެންވީމާ ތިޔަ ބޭފުޅުންގެ އުޅުއްވުން ބަހައްޓަން ވާންވާނީ ދެ ގައުމުގެ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ގޮތަށް. މިފަަދަ ހުޅުވިފައިވާ މުޖްތަމައެއްގައި އުޅޭ އިރު އަޅުގަނޑުމެންނާ ވަކިވެގެން ނުދާނެ ދިވެހިވަންތަ ސިފަތަކަށް ސަމާލުކަން ދެއްވަންވާނެ. ދިވެހިންގެ ރީތި އަޚުލާގީ ސިފަތައް ދެމެހެއްޓުމަށް މަސައްކަތް ކުރަން ވާނެ،" ސްރީ ލަންކާގައި 12 ވަރަކަށް ހާސް ދިވެހިން ދިރިއުޅޭކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮލަމްބޯގައި މިއަދު ދިވެހިންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:މިހާރު

ރައީސް ވިދާޅުވީ، ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ އިންޓަރެސްޓް މިހާރު ތިން ޕަސެންޓަށް ކުޑަކޮށްދީފައިވާ ކަމަށެވެ. އަދި ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު ވެސް ކުރިއަށް ވުރެ 25 ޕަސެންޓް އިތުރު ކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

"އަދި މިހާރު ސްޓޫޑެންޓް ލޯނުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް ހަމަ މި ފަސޭހަތައް ވަރަށް އަވަހަށް ލިބިގެން ދާނެ. ސަރުކާރުން މި ހޯދައިދިން ލުއި ފަސޭހައިގެ ބޭނުން، ހުރިހާ ދަރިވަރުންނާއި ބެލެނިވެރިން ވެސް ޒިންމާދާރުކަމާ އެކީގައި ހިފުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސްރީ ލަންކާ އަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

ސްރީ ލަންކާގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވުމަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ލަންކާ އަކީ ރާއްޖޭގައި ޑިމޮކްރެސީގެ ރޫހު ދިރުވައި އާލާކުރުމުގައި ވަރަށް މުހިންމު ހިއްސާދާރެއް ކަމަށެވެ. އަދި މިދިޔަ ދުވަސްތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތީ ވަރަށް އެކުވެރި އެއްބަނޑުއެއްބަފާ ގުޅުމެއް ކަމަށް ވިދާޅުވި އެވެ.

ކޮލަމްބޯގައި ދިރިއުޅޭ ދިވެހިންނާ މުޚާތަބް ކުރައްވާ ރައީސް އިބްރާހިމް މުހަައްމަދު ސޯލިހް މިއަދު ވާހަކަ ދައްކަވަނީ. --ފޮޓޯ:ރައީސް އޮފީސް

"...ރާއްޖެ އަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯދުމަށް ކުރި މަސައްކަތުގައި، އެއީ މީގެ 53 އަހަރު ކުރިން، ދިވެހީންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީވެސް ސްރީ ލަންކާ އިން،" ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގާތްގުޅުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖެ އާއި ލަންކާގެ ގުޅުން ބަދަހިވަމުން އައި ގޮތް ތާރީޚީ ގޮތުން ވެސް ދިވެހިންނަށް ހަނދާން ކޮށްދެއްވައިފަ އެވެ.

"ރާއްޖެ އިން ބޭރުގައި ދިވެހި ދައުލަތް ތަމްސީލު ކުރާނެ ރަސްމީ އޮފީހެއް، އެންމެ ފުރަތަމަ ހުޅުވީ ވެސް ސްރީ ލަންކާ ގައި. އެއީ މީގެ 113 އަހަރު ކުރިން 1906 ވަނަ އަހަރު. ނަވާރަސަތޭކަ ފަސްދޮޅަސް ފަހެއް ގައި ރާއްޖެ އަށް ފުރިހަމަ މިނިވަންކަން ލިބުމާ އެކު، އެ އަހަރުގެ ޖުލައި 26 ވަނަ ދުވަހު، ސްރީ ލަންކާ އިން ރާއްޖެއާ އެކު ސިޔާސީ ގުޅުން ގާއިމް ކުރި. ހަމަ އެ ދުވަހު، ކޮޅުނބުގައި ރާއްޖޭގެ އެމްބަސީ ވެސް ހުޅުވިގެން ދިޔަ،" ދެ ގައުމުގެ ސިޔާސީ ގުޅުމުގެ ތާރީޚު އާ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

"ދެ ގައުމުގެ ގުޅުން އޭރު ވެސް އޮތީ އެހާ ގާތް ގޮތަކަށް. ރާއްޖޭގައި ޒަމާނީ ތައުލީމު ފެތުރުމުގައި، ވަކިން ޚާއްސަކޮށް، އިނގިރޭސި މީޑިއަމަށް ރާއްޖޭގެ ތައުލީމީ ނިޒާމު ބައްޓަން ކުރުމުގައި، ސްރީ ލަންކާ ސަރުކާރުން ވެދިން އެހީތެރިކަން އަޅުގަނޑުމެން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ރާއްޖޭ ގައި މަލްޓި ޕާޓީ ޑިމޮކްރެސީ ގާއިމް ކުރުމަށް، ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ދިވެހިންގެ ބަޔަކު ހަށިފޮޅާލާފައި ނުކުތް ކަމަށާއި އެ ފަހަރު ވެސް ވަރަށް ގިނަ ދަތިތައް ކުރިމަތިވެ، އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުންނަށް މަޖުބޫރުވީ ގާދޫކޮލުން ބޭރުވާން ކަމަށެވެ. އަދި އެ ފަހަރު ވެސް، ދިވެހިންނަށް ރައްކާތެރިކަން ލިބުނު އައްސޭރި އަކީ ސްރީ ލަންކާކަން ރައީސް ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު އެ އިޝާރާތް ކުރައްވަނީ ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެމްޑީޕީގެ ހަރަކާތްތައް ފެށުނު ދުވަސްވަރަށެވެ. ރާއްޖޭގައި އޭރު އެ ފުރުސަތު ނެތުމުން އެމްޑީޕީ ނުރަސްމީކޮށް ވުޖޫދަށް ގެނައީ ސްރީ ލަންކާގަ އެވެ.

ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ކޮލަމްބޯގައި މިއަދު ދިވެހިންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:މިހާރު

ރައީސް ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ވެސް ރާއްޖޭގެ ކަންކަން އިސްލާހު ކުރުމަށް ތެދުވި، ވަރަށް ގިނަ ސިޔާސީ ލީޑަރުން ކުރީގެ ތަޖުރިބާ ކުރަން ޖެހުނެވެ. އެހެންވެ، ރާއްޖޭގައި އޮތް ހުދުމުހުތާރު އަނިޔާވެރިކަމާ ދެކޮޅަށް، ބައިނަލްއަގްވާމީ ދުނިޔޭގެ ސަމާލުކަން ހޯދުމުގައި، ސްރީ ލަންކާ ސަރުކާރާއި ރައްޔިތުން ވެފައި ވަނީ އަގުނުކުރެވޭހާ ބޮޑު އެހީތެރިކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންކަމުން، މި ފުރުސަތުގައި، ސްރީ ލަންކާގެ ސަރުކާރާއި ސްރީ ލަންކާގެ ސިޔާސީ ލީޑަރުންނަށް، އަދި އާންމު ރައްޔިތުންނަށް ވެސް، ނުހަނު އިހުލާސްތެރިކަމާ އެކު އަޅުގަނޑު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ރައީސް ވަނީ ކޮލަމްބޯގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވާ ފޮޓޯ ނެންގެވުމުގައި ވަރަށް ގިނަ ވަގުތު ހޭދަ ކުރައްވައިފަ އެވެ.

50 ކޮމެންޓް, 72 ރިއެކްޝަންސް

icon happy icon happy 51%
icon sad icon sad 1%
icon angry icon angry 47%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިނާޖް ޝަރީފް

04 February 2019

އާސްނަދަ ލިބޭތާ ކޮންދުވަހެއް؟ އިބޫ އަޕްޑޭޓު ވެ ބަލަ ބުރޯ!

The name is already taken The name is available. Register?

ރުޅި

04 February 2019

ވެރިކަން ލިބުމުންވެސް އަދި ވެރިކަމަށް އަންނަންވެސް ވާންޖެހޭނީ އުފެއްދުންތެރި ގައުމަށްފައިދާހުރި ވައުދު. ތިޔައީ ސިޔާސީ ވައުދެއް. ދައުލަތަށް އާމްދަނީ ހޯދަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސްތަކުން. އެވަރުން ވެސް ނުވެގެން އަނެއްކާ ވެސް ތިޔައުޅެނީ އިތުރު ޓެކްސްނަގަން. މިހާރުވެސް މި ޤައުމުގައި ދިވެއްސަކަށް ޤަވާޢިދުގެ ތެރޭން ވިޔަފާރިއެއް ކުރުމަކީ ބޮޑުވޭނެއް. ވީމާ ތިޔަފަދަ ޚަރަދުތައް ކުރުމުގެ ކުރިން ކުދި ވިޔަފާރިތަކުން ޓެކްސްއުވާލާ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

04 February 2019

ބަލަ މިހާރުވެސް ތިކަންކުރޭ.

The name is already taken The name is available. Register?

ޕްލޭންމޯލްޑިވްސް-PM

04 February 2019

އާސަންދަ އަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރެވޭ ހަރަދެއް. ލަންކާ ރައްޔިތުން ޓެކްސް ދައްކަނީ ލަންކާއަށް. ކަންމިހެން ހަމަޖެހިއްޖެ ނަމަ ލަންކާއަށް ބޭހަށްދާ އެންމެނަށް އާސަންދަ އާއި އެންސްޕާ ލިބެންވާނެ. ދަރުމަވަންތަ އާއި އައިޖީއެމްއެޗް ޓްރީޓޮޕް އޭޑީކޭ ގައި ޒަމާނީ ސިއްހީ ހިދުމަތް ލިބެންހުރި މިކުރެވެނީ ރަގަޅުކަމެއްބާ؟ ވިސްނާލަންޖެހޭ. ރައްޔިތުމީހާގެ ޓެކްސް ލާރި ބޭރުގައުމަކަށް ލިބުމަކީ ވިސްނާލަންޖެހޭ ކަމެއް..

The name is already taken The name is available. Register?

ތެޔޮވަޅު

04 February 2019

އެބަ ރަނގަޅުވޭ ޚިދުމަތް ލިބޭނެ ދުވަސް ކަނޑައަޅާ ސާފު ބަހުން ވިދާޅުވާތީ އެއީ އަހަރެމެން އުފާ ކުރަންޖެހޭނެ އުފާވާ ކަމެއް އެޔޯމެން ވިއްޔާ ބުނަނީ އަންނަ އަހަރު ފަހުކޮޅު މިގޮތަށް މީ ކަމާދާ ގޮތެއް ނޫން ރަައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ވޯޓު ލާއިރުވެސް އެނގޭނެ މިވެނި ދުވަހަކުން ފެށިގެންކަން ރައީސަކަށް ވެވޭނީ

The name is already taken The name is available. Register?

ގޮޅާ

04 February 2019

ކުދިންނޭ ހަމަ ފޭކް ކާކުތަ ތިޔާތާ އުޅޭ ކުދިންނަށް ދިވެހި އިސްލާމް ޤްރުއާން ހިލޭ ކިޔަވައިދޭން ފެށީ އަސްލު ނުޖެހެނެދޯ

The name is already taken The name is available. Register?

ތިޔާ

04 February 2019

ބަލަ ލަންކާގައުޅޭ މީހުންނަށް އެކަނިތައް ހައްގު އޮންނަނީ. މެލޭގަ އުޅޭ މީހުންނަށް ކޮބާ. އަދި އެތާ ގިނަވާނީ ކިޔަވާކުދިން. ހުރި ހަލާކެއްގެ ބޮޑުކަމާއެ.

The name is already taken The name is available. Register?

ޕިޔާ

04 February 2019

ތިޔާ ނުތެޅި ބަލަ އެއޮތީ ބުނެފަ ނު “ލަންކާގެ އިތުރުން އަވައްޓެރި އެހެން ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ވެސް، އާސަންދައިގެ ޚިދުމަތް ހަމަޖެއްސުމަށް، އެ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް”ތީ ސުރުޚީ އެކަނި ކިޔާލާތީ ވާގޮތް

The name is already taken The name is available. Register?

ހޮޓްކިންގ

04 February 2019

ތީ ރަނގަޅު ގޮތެއްނޫން. ދިވެހިރާއްޖޭގައި ގަންނަ ކޮންމެ އެއްޗަކަށް ޓެކްސް ދައްކަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުން. އެމީހުންގެ އަތުން ޓެކްސް ނަގާފައި، މާލޭގައި ހުރި ގޯތި ގެދޮރު ބޮޑު އަގުގައި ކުއްޔަށް ދީފައި ލަންކާގައި ދިރިއުޅޭ މީހުންނަށް އާސަންދަ ހިލޭ. މީ ކޮން އިންސާފެއް. އެމީހުންނަކީ ރާއްޖެއަށް ޓެކްސް ދައްކާ ބައެއްނޫން.

The name is already taken The name is available. Register?

ދިނިއްޔާ

04 February 2019

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އޭޕްރީލް އިން ފެށިގެން އާސަންދަ ލިބޭނެ ކަމަށް އިބޫ ބުނަނީ އެއީ ވަރަށް ފަސޭހަ ކަމެއް ނޫންތޭ ތިޖޫރީ ގައި ހުރި ފައިސާ އެއް ނަގާ އެމްޑީޕީ މެމްބަރުންނަށް ބަހާލުމަކީ އެކަން އެކުރަނީ ހަގީގީ މާނައިގައި ދިވެހިރާއްޖޭގެ އިގްތިސާދަށް ފައިދާވާނެ ކަންކަން ކަމަށްވާ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތިއާއި އަދި މަތީ ފަންތީގެ ވަޒީފާ ތައް ދިވެހިންނަށް ދިނުމަށް ޓަކައި ރައީސް އޮފީހުން ކީއްތޭ ވާނީ ބޭރުމީހުންނަށް ބިޒްނެސް ވިސާ 3 މަހަށް

The name is already taken The name is available. Register?

ހަސަދު

04 February 2019

ދިވެހިރާއްޖޭގައި ދިރިއުޅޭމީހުން ދައްކާ ޓެކްސް ތަކުން ރާއްޖޭގައި ނޫޅެން ނިންމައިފައި ތިބޭމީހުންނަށް އާސަންދަ ދެވޭނީ ކޮންގޮތަކުންބާ!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454