ޖިނާއީ ކުށްތައް ހުއްޓުވަން އިންޑިއާގެ އެހީ ލިބޭ އެއްބަސްވުމެއްގައި ސޮއި ކުރަނީ

ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެ އާއި އިންޑިއާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.


ރައީސް އޮފީހުން ބުނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އެއްބަސްވުން ގާއިމު ކުރުމަށް ވަޒީރުންގެ މަޖިލިހުން ލަފާ ދެއްވާފައިވާތީ ރައްޔިތުންގެ މަޖިލިހުގެ ލަފައަކަށް ހުށަހެޅުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. މި އެއްބަސްވުމުގައި ރާއްޖެ އަށް ސޮއި ކުރެވޭނީ މަޖިލިހުގެ މެމްބަރުންގެ ރުހުން ލިބިއްޖެ ނަމަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެއްބަސްވުމުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކު، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުގެ އެއްބާރުލުން ދިނުމެވެ.

އެއްބަސްވުމުގައި ކޯޓަށް ހާޒިރުކުރުމާއި ކޯޓު އަމުރު ތަންފީޒުކުރުމާއި އެހެނިހެން ޝަރުއީ ކަންކަމުގައި އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ކުށް މަދުކުރުމަށާއި، ހުއްޓުވުމަށާއި އެފަދަ މައްސަލަތައް ތަހުގީގުކުރުމަށް ދެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދިނުމަށް އެއްބަސްވުމުގައި ބާރު އަޅާފައިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޓެރަރިޒަމާއި ޓެރަރިޒަމްގެ ހަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމާއި، އެހީތެރިވެދިނުމާއި އަދިވެސް އެހެނިހެން ޖިނާއީ ކުށްތައް ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވެ، ތަހުގީގުކުރުމާއި ޝަރީއަތްކުރުން ހަރުދަނާ ކުރުމުގެ ބޭނުމުގައި ދެ ގައުމުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އެއްބަސްވުމުގެ ވަރަށް ބޮޑު ބޭނުމެއް ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެއްބަސްވުމުގެ ދަށުން، އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނާއި އެއްބަސްވުމުގެ މާއްދާތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހޭނެ އެވެ. އޭގެ ތެރޭގައި މައްސަލަ ތަހްގީގު ކުރުމާއި ޝަރީއަތް ހިންގުމާއި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން ހިމެނެ އެވެ.

ރާއްޖެ އާއި އިންޑިއާ އިން ސޮއި ކުރަން ތައްޔާރުވާ އެއްބަސްވުމުގެ ދަށުން ހުށަހަޅާ މައްސަލަތައް ކުރިއަށް ގެންދާނީ އެ ގައުމެއްގައި ގާއިމްކޮށްފައިވާ ސެންޓްރަލް އޮތޯރިޓީން ކަމަށް ބަޔާންކޮށްފައިވެ އެވެ. ރާއްޖޭގައި ނަމަ، އެ މައްސަލަތައް ބެލުމުގެ ބާރު އޮތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.

ރައީސް އޮފީހުން ބުނީ އެއްބަސްވުމުގެ ސަބަބުން މިހާރު އާންމުވެފައިވާ ކުށްކުރުމާއި އަދި ހާއްސަކޮށް ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމާއި ކޮންޓްރޯލް ކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.

އަދި އެފަދަ މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށް ގެންދިއުމަށާއި އަދި މައްސަލައާ ގުޅޭ ގޮތުން ހޯދަންޖެހޭ ހެކި ހޯދުމުގައާއި ތަހުގީގު ކުރުމަށް ބޭނުންވާ މީހުންނާ ސުވާލުކުރުމުގެ ފުރުސަތު ވެސް މި އެއްބަސްވުމުގެ ދަށުން ފުޅާވެގެން ދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އިންޑިއާގެ އިތުރުން ސްރީލަންކާ، ޔޫއޭއީ، އަދި ރަޝިޔާ އާއެކު ވެސް މިފަދަ މުއާހަދާގައި ސޮއިކުރުމާ ބެހޭ މަޝްވަރާތައް ސަރުކާރުން ކުރިއަށް ގެންދާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.