މަހްލޫފާއި އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން އަންގައިފި

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ވަން ސްކޯސް އޮފް ފްލެެއާ (އެސްއޯއެފް) ކުންފުންޏާ އެކު ކުރެއްވި ފައިސާގެ މުއާމަލާތާ ގުޅިގެން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އަންގަވައިފި އެވެ.


އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަފްސީލީ ރިޕޯޓު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިއަދު އާންމުކުރިއިރު، މަހުލޫފާއި އަކްރަމްގެ އެކައުންޓަށް ވެސް ފައިސާ ވަދެފައިވާ ކަމަށް ރިޕޯޓުން ދައްކަ އެވެ. އެގޮތުން މަހްލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައިވާ ކަމަށް އެ ރިޕޯޓުގައި ވެ އެވެ. އަކްރަމްގެ އެކައުންޓަށް ޖަމާވެފައި ވަނީ 30،000 ޑޮލަރު ކަމަށް ރިޕޯޓުގައި ބުނެ އެވެ.

އެނގިފައިވާ ގޮތުގައި، މަހްލޫފާއި އަކްރަމް ގޭގައި މަޑުކުރައްވަން ރައީސް އެންގެވީ މައްސަލަ ތަހުގީގުކޮށް ނިމެންދެނެވެ.

މަހްލޫފު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާގެ އެކައުންޓަށް ވަން ފައިސާގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ގޭގައި މަޑުކުރައްވަން ރައީސް އަންގަވައިފި ކަމަށެވެ.

މަހްލޫފް ވިދާޅުވީ ރައީސްގެ އެ ނިންމެވުމަށް އިހުތިރާމް ކުރައްވާ ކަމަށެވެ.

މަހްލޫފް ކުރިން ވިދާޅުވެފައި ވަނީ އެސްއޯއެފްއާ އެކު ހިންގާފައިވަނީ ސައްހަ މުއާމަލާތެއް ކަމަށާއި އެކަމުގައި އެއްވެސް މައްސަލައެއް އުޅޭ ނަމަ، އިސްތިއުފާ ދެއްވާނެ ކަމަށެވެ.

މަހްލޫފް ވިދާޅުވެފައިވާ ގޮތުގައި އެސްއޯއެފުން ޖަމާކުރި ފައިސާ އަކީ އޭނާގެ އާއިލާއިން ހިންގި ފިހާރައަކަށް ޑޮލަރު ހޯދުމަށްޓަކައި އޭނާގެ ކޮއްކޮ އަކު މެދުވެރިވެގެން، ނަގުދު ފައިސާ ދީގެން އެސްއޯއެފް އަތުން ޑޮލަރު ގަތުމަށް ހިންގި މުއާމަލާތެކެވެ. އަދި އެކަމުގެ މުއާމަލާތް ހިންގިއިރު ބަދަލުކުރި ލިޔުންތައް ވެސް އޭނާ ވަނީ އޭސީސީއާ ހިއްސާކޮށްފަ އެވެ.

އެ ރިޕޯޓުގައި މަހްލޫފްގެ އެކައުންޓަށް ފައިިސާ ޖަމާވި ކަމަށް އޮތުމުން ގިނަ ބައެއްގެ ފާޑު ކިޔުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ.

މަހްލޫފާއި އަކްރަމް މިވަގުތަށް ގޭގައި މަޑުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވިއިރު، ކޮރަޕްޝަނާ ގުޅޭ ކަންކަމުގައި މި ސަރުކާރުން ގެންގުޅޭނީ ޒީރޯ ޓޮލެރަންސް ކަމަށް އެމަނިކުފާނު ވަނީ މި ހަފުތާގައި ވިދާޅުވެފަ އެވެ.