އަމިއްލަ ގޮތުން ވާދަކުރާ މެމްބަރުންނަށް ފިޔަވަޅު އަޅާނަން: އެމްޑީޕީ

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ މީހުން ކަނޑައަޅަން ބޭއްވި ޕްރައިމަރީން ބަލިވި މީހުން އަމިއްލަ ގޮތުން ވާދަކުރާނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ޕާޓީން މިއަދު ދީފި އެވެ.


އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އޮންނަ އާންމު އިންތިޚާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، އިންތިހާބުތަކުގައި ވާދަކުރާ އެ ޕާޓީގެ ކެންޑިޑޭޓުންނަށް ޕާޓީގެ މެމްބަރުން ތާއީދު ކުރަން ޖެހޭނެ ކަމަށް އަސާސީ ގަވައިދުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އެހެންވެ، އެމްޑީޕީގެ ރަސްމީ ކެންޑިޑޭޓަކު ކަނޑައަޅާފައި ހުއްޓާ، އަމިއްލަ ގޮތުން އެހެން މީހަކު އިންތިހާބަށް ކުރިމަތިލައިފި ނަމަ އެ މީހަކަށް ތާއީދު ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

"އޭނަ އަމިއްލަ ގޮތުން ވާދަކުރަނީ، ނުވަތަ، އެމީހަކު އެހެން މީހަކާ އެކު ހުންނަނީ. އެހެންވެއްޖެ ނަމަ، އެމީހަކާ ދޭތެރޭގައި އަޅަން ޖެހޭ ފިޔަވަޅެއް ޕާޓީން އަޅާނެ،" މި ފަހަރުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވާ ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއްވެސް މީހަކާ ދޭތެރޭ ފިޔަވަޅު އަޅާނީ އެމްޑީޕީގެ ތެރޭގައި މަޝްވަރާ ކުރުމަށް ފަހު އެވެ. އެކަމަކު، ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ސަބަބުން ޕާޓީގެ އެތެރޭގައި ބައިބައިވުންތަކެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މިއަދު އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާ ބައްދަލުކުރައްވަނީ. --- ފޮޓޯ: އީސީ

ހަސަން ވިދާޅުވީ ޕްރައިމަރީއާ ގުޅިގެން ކުރާ ޝަކުވާތައް ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުން، ޕްރައިމަރީގެ ނަތީޖާއާ އެކު ކުރިއަށް ދެވޭނެ ކަމަށެވެ. ޕްރައިމަރީއާ ގުޅިފައި ތަފާތު ކަންކަން ހުންނައިރު، އެ ހުރިހާ ކަމެއް ރަނގަޅަށް ކުރެވުނީމާ ނޫނީ ޕްރައިމަރީއެއް ބޭއްވިޔަސް ހައްލު ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ މީހުން ކަނޑައަޅަން ބޭއްވި ޕްރައިމަރީން ބަލިވި މީހުންނަށް ވެސް އެ އިންތިޚާބަށް ނުކުތުމަށް ފަހިވާ ގޮތަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކުރި ނަމަވެސް އިންތިޚާބަށް އެ މީހުން ކުރިމަތި ނުލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި، އެ ޕާޓީގެ މުހިންމު އަދި މިހާރުގެ ބައެއް މެމްބަރުން ކެޓިއިރު، ސުޕްރީމް ކޯޓުގެ މި ހުކުމާއެކު، މަޖިލިހުގެ އިންތިޚާބަށް އެބޭފުޅުން ކުރިމަތިލައްވާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. މިއީ، މިހާރު އެ ދާއިރާތަކަށް ޕްރައިމަރީން ހޮވިފައިވާ ކެންޑިޑޭޓުންނަށް ކުރިމަތިވާނެ ގޮންޖެހުމަކަށް ވެސް ވެެދާނެ އެވެ.

ޕްރައިމަރީން ބަލިވި މީހުންގެ ތެރެއިން، މި ފަހަރުގެ އާންމު އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު ފަހު 4:00 އާ ހަމަށް ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި އެ އަމުރާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ހަސަން ވިދާޅުވީ ގާނޫނީ ގޮތުން އިލެކްޝަނުން ކަނޑައަޅާފައިވާ އިންތިޚާބީ ތާރީޚުތަކަށް ސުޕްރީމް ކޯޓުން ބަދަލު ގެންނަމުންދާތީ، އެކަމުގެ ކަންބޮޑުވުންތައް ކޮމިޝަނާ ހިއްސާ ކުރެއްވި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުން 2013 ވަނަ އަހަރު އިންތިޚާބުގެ ތާރީހުތަކަށް ބަދަލު ގެނެސްގެން ވަކި ބަޔަކު ބޭނުންވާ ގޮތަށް އިންތިޚާބުގެ ކަންކަން "ފިކްސް" ކުރުމަށް ވަރަށް ބޮޑެތި ދައުރުތަކެއް އަދާކޮށްފަ އެވެ. އެހެންވެ، އަނެއްކާވެސް ކޯޓުން ފެށީ އެފަދަ މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ އެއްގޮތަކަށް ވެސް ސުޕްރީމް ކޯޓުން ކޮށްގެން ވާނެ ކަމެއް ނޫން،" ހަސަން ވިދާޅުވި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އިންތިޚާބީ ތާރީހުތަކަށް ސުޕްރީމް ކޯޓުން ބަދަލު ގެނައީ އެ ޕާޓީ އަށް އަމާޒުކޮށް، ގެއްލުން ދިނުމުގެ ގޮތުންނެވެ. އަދި މިއީ ވަކި ބަޔަކަށް ސިޔާސީ ގޮތުން މަންފާއެއް ހޯދައި ދިނުމަށް ސުޕްރީމް ކޯޓުން ކުރި ކަމެއް ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ގާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ތާރީހުތަކާ އެއްގޮތަށް އިންތިޚާބު ބޭއްވުމަކީ ކޮންމެހެން ލާޒިމުކަމަކަށްވާތީ، އެގޮތަށް އަމަލުކުރުމުގެ ބާރު ކޮމިޝަނަށް ލިބެން ޖެހޭ ކަމަށް އެމްޑީޕީން ބުންޏެވެ.