ރައީސް ވެރިކަމުން ދުރުކުރަން މަސައްކަތް ކުރަނީ ނަޝީދު: ޕީޕީއެމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ކުރަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އިދިކޮޅު ޕީޕީއެމުން މިއަދު ބުނެފި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމާއި ކޮންގްރެސް ޕާޓީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ މި ސަރުކާރު ހިންގާ ކޯލިޝަންގައި އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއް މި ވަގުތު އޮތް ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ، މުޅި ސަރުކާރާއި އެމްޑީޕީ ވެސް ކޮންޓްރޯލް ކުރަނީ ނަޝީދު ކަމަށެވެ. ނަޝީދަކީ ގާނޫނީ ގޮތުން އެކަމުގެ އެއްވެސް ހައިސިއްޔަތެއް އޮތް ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނުގެ ބޭނުންފުޅަކީ ރައީސް އިބްރާހިމް ސޯލިހް ވެރިކަމުން ދުރުކުރުން ކަމަށް ނިހާން ވިދާޅުވި އެވެ.

"ޕީޕީއެމް އާއި ޕީއެންސީއަކުން ނޫން [ވެރިކަން ބަދަލުކުރަން އުޅެނީ]. މުހައްމަދު ނަޝީދާއި އޭނާ އަށް ތާއީދުކުރާ ބައެއްގެ ފަރާތުން ވެރިކަމަށް އަންނާނެ މަގުކޮށަން ބަރުލަމާނީ މަޖިލީހެއް އެކުލަވާލައި، އެ މަޖިލީހުގެ ތެރެއިން އިބްރާހިމް މުހައްމަދު ސޯލިހް ގޭގައި ބެހެއްޓުމުގެ ނުރައްކާތެރި އެޖެންޑާ ކުރިއަށް މިދަނީ،" ނިހާން ވިދާޅުވި އެވެ.

އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާ އަށް ނަޝީދު ކުރިމަތިލައްވާއިރު އަދި އެމްޑީޕީ އަށް އެ އިންތިޚާބުގައި އަޣުލަބިއްޔަތު ނަގަން އުޅެނީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަގުފަހި ކުރުމަށް ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ އިތުރުން ޕީޕީއެމުން ވެސް ބުނެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތާއީދު ކުރައްވައި، ނިހާން މިއަދު ވިދާޅުވީ ސަރުކާރު ދެމެހެއްޓުމުގެ މަސައްކަތްޕުޅު ކުރަނީ ގާސިމް ކަމަށެވެ. އަދި ގާސިމް މަސައްކަތްޕުޅު ކުރައްވަނީ ފަސް އަހަރުގެ ދައުރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރިހަމަ ކުރެއްވޭނެ މަގު ތަނަވަސް ކޮށްދޭން ކަމަށް ނިހާން ވިދާޅުި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ގާސިމްގެ އެ މަސައްކަތްޕުޅާ ދެކޮޅު ހައްދަވަނީ ނަޝީދެވެ.

"އަޅުގަނޑުމެންނާ އެކު ވެސް ޖުމްލަ ގޮތެއްގައި [ގާސިމް] އެ ކުރައްވާ ކަމަކީ އެ ކަންތައް. މާނަ އަކީ ފަސް އަހަރުގެ ވެރިކަމެއް ބޭއްވުމަކީ ރައްޔިތުންނަށް ލުއި ގޮތް ކަމުގައި ވާތީ. ނަމަވެސް ކެނެރީގެ މުހައްމަދު ނަޝީދު ބޭނުންފުޅެއް ނުވޭ އިބްރާހިމް މުހައްމަދު ސޯލިހް ފަސް އަހަރުގެ ދައުރު ހަމަ ކުރައްވާކަށް." ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވި އެވެ.

"ޕީޕީއެމް އާއި ޕީއެންސީއަކުން ނޫން [ވެރިކަން ބަދަލުކުރަން އުޅެނީ]. މުހައްމަދު ނަޝީދާއި އޭނާ އަށް ތާއީދުކުރާ ބައެއްގެ ފަރާތުން ވެރިކަމަށް އަންނާނެ މަގުކޮށަން ބަރުލަމާނީ މަޖިލީހެއް އެކުލަވާލައި، އެ މަޖިލީހުގެ ތެރެއިން އިބްރާހިމް މުހައްމަދު ސޯލިހް ގޭގައި ބެހެއްޓުމުގެ ނުރައްކާތެރި އެޖެންޑާ ކުރިއަށް މިދަނީ." ނިހާން

އޭނާ ވިދާޅުވީ، ޔާމީން ހައްޔަރުކުރީ، އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓުންނަށް ހުރަސް އެޅުމުގެ ގޮތުން ކަމަށާއި އެކަމުގެ އަޑީގައި ވެސް ހުންނެވީ ނަޝީދު ކަމަށެވެ. އަދި އެކަމަށް ސަރުކާރަށް އެންމެ ބޮޑަށް ބާރު އެޅީ ނަޝީދު ކަމަށް ނިހާން ވިދާޅުވި އެވެ. ނިހާން ވިދާޅުވި ގޮތުގައި، މިހާރު ކަންކަން ކުރިއަށް ދާ ގޮތުން މަޖިލިސް އިންތިޚާބު އިންސާފުވެރިވާނެ ކަމަކަށް ނުބެލެވެ އެވެ. އެހެންވެ، މަޖިލިސް އިންތިޚާބު ފަސްކުރަން އޭނާ ގޮވާލެއްވި އެވެ.

"ރައްޔިތުންގެ މަޖިލިސްގެ ވަގުތު އެބައޮތް. އަދި ވަގުތު އެކަށީގެންވާ މިންވަރަކަށް ލިބޭނެ މަގު އެބައޮތް." ނިހާން ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފިކުރަކީ އެމްޑީޕީގެ ފިކުރު ނޫން ކަމަށާއި ޕީޕީއެމާއި ކޮންގްރެސް ޕާޓީ ނުގުޅޭނެ ކަމަށް ބުނެ ވާހަކަ ދައްކަނީ ސަރުކާރުގައި ތިބި ޖުމްހޫރީ ޕާޓީގެ މަދު ވަޒީރުންތަކެއް އެކަނި ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާ ގިނަ ބޭފުޅުންނަކީ އެކި ފަހަރު އެކި ގޮތަށް ފިކުރު ބަދަލުވާ ބޭފުޅުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިސާލަކަށް ޓޫރިޒަމް މިނިސްޓަރު [ޖުމްހޫރީ ޕާޓީގެ ރައީސް] އަލީ ވަހީދު އެބައޮތް އެ ވާހަކަ ވިދާޅުވެފައި. އަލީ ވަހީދަކީ އަލީ ވަހީދުގެ އަސްލު ފިކުރު ވެސް ވިދާޅުވާން ދަތި ބޭފުޅެއް." ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.

ގާސިމަށް ތާއީދު ކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ ގާސިމް މަސައްކަތްޕުޅު ކުރައްވަނީ ގައުމުގެ ހައްގުގައި ކަމަށާއި އެކަމާ ދެކޮޅަށް ވާހަކަ ދައްކާ މަދު ބަޔަކީ ވަޒީފާއަށްޓަކައި ތިބި ބައެއް ކަމަށެވެ.