ފްލައިޓްގެ ދަތުރުވެރިންގެ ވާހަކަ: ކެތްތެރިކަމާއި ބިރުވެރިކަމުގައި!

މާލެ އިން ސ. ގަމަށް ދަތުރު ކުރި މޯލްޑިވިއަންގެ މަތިންދާ ބޯޓު ނައްޓާލި އިރު، އެ ބޯޓުގައި އެއްވެސް މައްސަލައެއް އުޅޭ ކަން ފާހަގަވެފައެއް ނެތެވެ. ފުރަން އޮތް ގަޑިއަށް ބޯޓު ފުރި އިރު، ބައެއް ދަތުރުވެރިން އިންތިޒާރު ކުރީ ވީ އެންމެ އަވަހަށް ގަމަށް ގޮސް އާއިލާތަކާ ބައްދަލުވާނެ އިރަކަށެވެ.


އެކަމަކު، ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ތިބި ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ކުރީކޮޅުގެ ލޭންޑިން ގިޔަރު މަސައްކަތް ނުކުރާކަން އެނގުނީ ގަން އެއާޕޯޓަށް ޖައްސަން ދެ ތިން ފަހަރަކު މަސައްކަތްކޮށް ނާކާމިޔާބުވުމުންނެވެ. މިއީ، މިފަދަ ނުރައްކާތެރި ކަމެއް ރާއްޖޭގައި ހިނގައިދިޔަ ފުރަތަމަ ފަހަރެވެ.

ބޯޓު ނުޖެއްސި ގަޑިއަކަށް ވުރެ ގިނަ އިރު، އެ ސަރަހައްދުގެ މަތީގައި ބޯޓު އޮތުމަށް ފަހު ޖެއްސީ 1:35 ގަ އެވެ. އޭރު ލޭންޑިން ގިޔަރުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ، ބޯޓު ކުއްލި ހާލަތަކަށް އައިސްފައި އޮތް ކަން ވަނީ އިއުލާންކޮށްފަ އެވެ. ދަތުރުވެރިން "ކަނޑަށް ފުންމާލަން" ޖެހިދާނެ ކަމުގެ އިންޒާރު ވެސް އޮތީ ދީފަ އެވެ.

މޯލްޑިވިއަންގެ މަތިންދާބޯޓެއްގެ ލޭންޑިން ގިއަރު ތިރި ނުކުރެވި އިމަޖެންސީ ހާލަތުގައި ޖެއްސުމަށް ފަހު ފަސިންޖަރުން ޓާމިނަލުން ނިކުމެގެން އަންނައިރު، އާއިލާ އާއި އެކުވެރިން މަރުހަބާ ކިޔަނީ. -- ފޮޓޯ: ޒޫމްސް ފޮޓޯގްރަފީ

މޯލްޑިވިއަން މަތިންދާ ބޯޓުގެ ކެޕްޓަން އަބްދުލް ބާސިތް އިބްރާހީމާއި ފަސްޓް އޮފިސަރު ރިމާހު ރުޝްދީ އާއި ފްލައިޓް ސުޕަވައިޒަރު ހަސްނާ މުހައްމަދުގެ ބެލުމުގެ ދަށުން ބޯޓު ނައްޓާލީ އިއްޔެ މެންދުރު 11:05 ގަ އެވެ. ފްލައިޓް ޖެއްސުމަށް ހަމަޖެހިފައި އޮތީ މެންދުރު 12:20 ގަ އެވެ.

ބޯޓުން ދަތުރު ކުރި މީހަކު "މިހާރު" އަށް މިއަދު ބުނީ ބޯޓު ރަންވޭ މަތީގައި ޖައްސަން ހަތަރު ފަހަރަށް މަސައްކަތްކޮށް އެކަން ކާމިޔާބުނުވި ކަމަށެވެ. އެ ހިސާބުން ސަލާމަތްވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި ކަމަށް އޭނާ ބުންޏެވެ.

"ތިން ވަނަ ފަހަރަށް ބޯޓު ރަންވޭގައި ޖައްސަން އުޅެގެން އެކަން ފެއިލްވީމަ، ޕައިލެޓުންނާ ހަވާލާ ދީ ސުޕަވައިޒަރު އެންގީ ލައިފް ޖެކެޓް އެޅުމަށް. އެމަޖަންސީ ދޮރު ހުޅުވާ އިރަށް ފުންމާލަން ތައްޔާރުވެގެން ތިބެ، ފޯނާއި ލަގެޖްތައް ވެސް ދޫކޮށްލުމަށް އެދުނީ،" އެ މީހާ ކިޔައިދިނެވެ. "އެންމެން އެއްފަހަރާ ޝަހާދަތް ކިޔައިގެން ތިބީ."

"އަޅުގަނޑު ހަމަ ހުރީ އުންމީދު ކަނޑާލައިގެން ސަލާމަތްވާނެ ކަމުގެ. މިއީ އަޅުގަނޑުގެ ހަޔާތުގައި ކުރިން ތަޖުރިބާ ކުރި ހާދިސާއެއް ކަމަށް ނުވުމާ އެކީގައި ވަރަށް ބިރުގަނެފައި ހުރީ."

އޭނާ ބުނި ގޮތުގައި ބޯޓުގައި ތިބި ކުޑަކުދިންގެ ތެރެއިން އެންމެ ހަގަށް އިނީ އެއް އަހަރާއި ހަ މަހުގެ ފިރިހެން ކުއްޖެކެވެ. އަންހެނަކާ އެކު ދަތުރުކުރި އެ ކުއްޖާ އަށް ޕައިލެޓުން ވަކިން އިރުޝާދު ދީ، ފިރިހެނެއްގެ ރައްކާތެރިކަން ހޯދަން އެދުމާ އެކު އެ އަންހެންމީހާ އެކަމަށް ދެކޮޅު ވެސް ހެދި ކަމަށް އޭނާ ބުންޏެވެ.

"ލައިފް ޖެކެޓް އަޅައިގެން އެންމެން ތިބީ. އެކަމަކު ޕައިލެޓް ވަކިން އައިސް ކުޑަ ކުއްޖާ ކައިރީގައި ބުނީ ފިރިހެނެއްގެ ކައިރީގައި ހުރުމަށް. ފުންމާލަން ޖެހިއްޖެނަމަ، ދެ މީހުން އެކީގައި ފުންމާލެވޭނެ ގޮތަކަށް ތިބެން،" ބޯޓު އޮތް ގޮތުގެ ހާލަތު ސިފަކޮށްދެމުން އެ މީހާ ބުންޏެވެ.

މޯލްޑިވިއަންގެ ފްލައިޓްގެ ކެޕްޓަން އަބްދުލް ބާސިތު އިބްރާހިމް (މ)، ފަސްޓް އޮފިސަރު ރިމާހް ރުޝްދީ (ވ) އަދި ފްލައިޓް ސުޕަވައިޒާ ހަސްނާ މުހައްމަދު. --- ފޮޓޯ: މޯލްޑިވިއަން

ލޭންޑިން ގިޔަރުގައި މައްސަލައެއް ދިމާވެ، ބޯޓު ރަންވޭގައި ނުޖެއްސިގެން އުޅޭކަން އެނގުމާ ގުޅިގެން ބޯޓުގައި ތިބި އެންމެން ކަހަލަ ގޮތަކަށް ރޯން ފެށި ކަމަށް ފްލައިޓުން ދަތުރުކުރި އެހެން މީހަކު ބުންޏެވެ. ފްލައިޓުގައި ދިވެހިންގެ އިތުރުން ޓޫރިސްޓުން ވެސް ތިއްބެވެ.

"ބޯޓުގައި ތިބި އެންމެން ކަހަލަ ގޮތަކަށް ވަރަށް ގަދަ އަށް ރުއި. އެކަމަކު، ޕައިލެޓުންނާއި ކްރޫންގެ ފަރާތުން ހާސް ކަމެއް ނުދައްކާ. އެ މީހުން ވެސް ތިބޭނީ އަސްލު ހާސްވެފައި. އެއީ އެ މީހުން ފުރާނަ އަތް މައްޗަށް ލައިގެން އެ ދަތުރު ކުރަނީ،" އެ މީހާ ބުންޏެވެ.

ބޯޓުން ދަތުރު ކުރި މީހުން ވަނީ ކުއްލި ހާލަތެއް ދިމާވެފައި އޮއްވައި ޕައިލެޓާއި ބޯޓުގެ ކްރޫންގެ ފަރާތުން ވަރަށް ބޮޑެތި އެހީތެރިކަމެއް ލިބުނު ކަމަށް ބުނެ، އެ މީހުންނަށް ތައުރީފްކޮށްފަ އެވެ.

ބޯޓު ޖެއްސުމާ އެކު އާދަޔާހިލާފު އުފާވެރިކަމެއް

މޯލްޑިވިއަންގެ މަތިންދާ ބޯޓުގައި މައްސަލަ ޖެހިގެން ރަންވޭ ކައިރީގައި ގަޑިއަކަށް ވުރެ ގިނައިރު ވަންދެން އެނބުރުނެވެ. ހަތަރު ފަހަރެއްގެ މަތިން ރަންވޭ އަށް ޖައްސަން އުޅެ، އެކަން ކާމިޔާބެއް ނުވި އެވެ.

ފަސް ވަނަ ފަހަރަށް ބޯޓު ރަންވޭ މައްޗަށް ތިރިކޮށްލީ އެންމެ ފަހު ފަހަރު ކަމަށް ބަލައިގެންނެވެ. ސަލާމަތްތެރިކަމާ އެކު، ރަންވޭގައި ޖެއްސުނީ ބޯޓުގެ ކުރީ ފުރޮޅު ނުކުތުމުގެ ސަބަބުންނެވެ.

ލޭންޑިން ގިޔަރުގެ މައްސަލަ ޖެހުނު މަތިންދާ ބޯޓު އިއްޔެ ރަންވޭ މަތީގައި. - ފޮޓޯ: ޒޫމްސް ފޮޓޯގްރަފީ

"ފަސް ވަނަ ފަހަރު އެއީ އެންމެ ފަހު ފަހަރަށް ކުރާ މަސައްކަތެއްގެ ގޮތުގައި ބަލައިގެން، އެފަހަރު ކާމިޔާބުނުވެއްޖެ ނަމަ، ކްރޭޝް ލޭންޑިން އަށް ދާން ޖެހިދާނެ ކަމަށް ބުނީ. އެހެންވެ، ހަނި ފުރުސަތެއްގައި ބޯޓު ގޮސް ރަންވޭގައި ޖެއްސީ. އެއީ ލޭންޑިންގެ ތެރޭގައި ފުރޮޅު ގޮސް އެތެރެ އަށް ވަދެ ބޮޑު ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތީމަ. ސަލާމަތްވި ކަން އެއީ ހަމަ ނަސީބު،" އެ މީހާ ކިޔައިދިނެވެ.

"އަޅުގަނޑު ހަމަ ހުރީ އުންމީދު ކަނޑާލައިގެން ސަލާމަތްވާނެ ކަމުގެ. މިއީ އަޅުގަނޑުގެ ހަޔާތުގައި ކުރިން ތަޖުރިބާ ކުރި ހާދިސާއެއް ކަމަށް ނުވުމާ އެކީގައި ވަރަށް ބިރުގަނެފައި ހުރީ."

ބޯޓު ސަލާމަތްތެރިކަމާ އެކު ރަންވޭގައި ޖެއްސުމާ ގުޅިގެން ގިނަ ބައެއްގެ ތައުރީފް އޮހުނީ ޕައިލެޓާއި ކްރޫންނަށެވެ. ބައެއް މީހުން ބުނެފައިވަނީ މިއީ ކުއްލި ހާލަތެއްގައި އަވަހަށް ނިންމި ހިތްވަރުގަދަ މޮޅު ނިންމުމެއް ކަމަށާއި ޕައިލެޓުންނާއި ކްރޫންނަށް ސެލިއުޓް ކުރާ ކަމަށެވެ.

މަތިންދާބޯޓު ގަން އެއާޕޯޓަށް ޖައްސާ މަންޒަރު ފެންނަ ވީޑިއޯ

އެނގިފައިވާ ގޮތުގައި އެ ފްލައިޓު ނުޖެއްސި ވަގުތުތަކެއް ހޭދަވީ އޭގެ ލޭންޑިން ގިޔަރު ނުވެއްޓި ތާށިވުމުންނެވެ. އެ ބޯޓު ޖެއްސުމުގެ ކުރިން ތިރިން ދުއްވުމަށް ފަހު އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުން، އެ ގިޔަރު ތިރިވެފައި އިންތޯ ބެލި އެވެ. ފުރަތަމަ ފަހަރު ޓަވަރުން އެންގީ ގިޔަރު ތިރިނުވާ ކަމަށެވެ. އެ ފްލައިޓުގެ ކްރޫ އިން ދެން މަސައްކަތް ކުރީ އެ ގިޔަރު މެނުއަލްކޮށް ވައްޓާށެވެ.

ފްލައިޓު ޖެއްސީ މެނުއަލްކޮށް ކުރި މަސައްކަތް ކާމިޔާބު ވި ކަމަށް އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުން ކަށަވަރު ކޮށްދިނުމުންނެވެ. އެކަމަކު، ތަހުގީގުކުރާ މައްސަލައަކަށްވާތީ މޯލްޑިވިއަނުން އިތުރު މައުލޫމާތެއް ނުދެ އެވެ. ފްލައިޓުން ދަތުރު ކުރި މީހުން ބަލާ އާއިލާގެ މެމްބަރުން ވަނީ ގަން އެއާޕޯޓަށް ގޮސްފަ އެވެ.