ދަރުމަވަންތަ ހޮސްޕިޓަލުގެ އާ ޚިޔާނާތްތަކެއް، ރައީސް ކޯފާވެފައި!

"މިތާ ހުރެ ވާހަކަ ދައްކާ އިރު ދުރުން ފެންނަން ހުންނާނެ އުސް އިމާރާތެއް، ވައްކަމާއި ކޮރަޕްޝަން ދާއިމަށް ފެންނާނެ ގޮތަށް ބިނާކޮށްފައި ހުރި އިމާރާތެއް."


މިއީ، ތުޅާދޫ ދާއިރާ އަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ހިސާން ހުސެއިންގެ ކެމްޕޭން ހަފުލާގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ޚިޔާނާތުން ރައްޔިތުންނާއި ދައުލަތަށް ގެއްލުންވި މިންވަރު އެންމެ ތިލަކޮށް ސާފުކޮށްދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިސާލު ނެންގެވި ގޮތެވެ. ތޮއްޖެހިފައިވާ އިމާރާތްތަކުގެ ތެރޭގައި ހުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ހުރި ދިމާއަށް އިޝާރާތް ކުރައްވައި، ދެއްކެވި އެ މިސާލާ އެކު ރައީސްގެ ފަރާތްޕުޅުން ފެނުނީ، މިހާތަނަށް އެއްވެސް ޕޯޑިއަމެއްގައި ވާހަކަފުޅު ދައްކަވާފައި ނުވާ ގޮތަށް ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހުންނަވައި ވާހަކަފުޅު ދެއްކެވި މަންޒަރެވެ.

ވަރަށް ހަރުކަށި ރާގަކަށް ވާހަކަފުޅު ދައްކަވައި ރައީސް ވިދާޅުވީ ޚިޔާނާތް ހިންގާފައި ވަނީ އެތަން އިމާރާތް ކުރަން ހަވާލުކުރުމުގައި އެކަންޏެއް ނޫނެވެ. އެތަނަށް ސާމާނު ހޯދުމުގައި ވެސް ހިންގާފައި އޮތީ "ބޮޑު ވައްކަމެއް" ކަަމަށް ވިދާޅުވެ ތަފްސީލު ދެއްވި އެވެ.

އެ އިމާރާތަކީ 54 މިލިއަން ޑޮލަަރަށް އެޅޭ އިމާރަތަކަށް ވި ނަމަވެސް އޭގެ އެތައް ގުނައެއް އިތުރަށް 144 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަން ރައީސް ރޭ ވެސް ފާހަގަކުރެއްވި އެވެ.

"އެ ހިސާބުން އެކަން ނިމުނީކީއެއް ނޫނޭ. އަދި އެތަނަށް ބޭނުންވާ ފަރުނީޗަރާއި އިކުއިޕްމެންޓް ގަތުމަށްޓަކައި އިތުރު 80 މިލިއަން ޑޮލަރު ބަޖެޓުން ނަގައިފި. މުޅި އެކު 220 މިލިއަން ޑޮލަރު އެތަނަށް ޚަރަދުކޮށްފި،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ހޭދަކޮށްގެން މިހާތަނަށް ރާއްޖޭގައި ހެދި އެންމެ އަގު ބޮޑު އިމާރާތް، 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަންއާ ހަވާލުކުރީ ބިޑްކުރުމެއް ނެތި އެެވެ. އެ އަގަކީ، ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި، އެފަދަ އިމާރާތަކާ ބަލާއިރު ތިން ގުނަ ބޮޑު އަދަދެކެވެ.

އިމާރާތަށް ހޭދަވާނެ އަގު ދިރާސާކުރި ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެންމެ ބޮޑުވިޔަސް 40 މިލިއަން ޑޮލަރު (620 މިލިއަން ރުފިޔާ) އަށް އެފަދަ އިމާރާތެއް ނިންމޭނެ އެވެ. މި އަގުން ބަލާ ނަމަ، ދަރުމަވަންތަ ހޮސްޕިޓަލަށް ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާ ކަން "މިހާރު" އަށް ލިބުނު ލިއުންތަކެއްގައިވެ އެވެ.

އެތަނަށް ގެނައި އިކުއިޕްމެންޓްތައް މި އުޅެނީ ނުވެއްދިގެން. އެތަކެތި ކޮޓަރިތަކަށް ވެއްދީމާ އެތަނުގެ ދޮރެއް ނުހުޅުވޭ. ދެން އަނެއްކާ މި ޖެހުނީ އިތުރު ޚަރަދުކޮށްގެން ދޮރުތައް

ދައުލަތުގެ ބަޖެޓުން ބޮޑު "ވައްކަމެއް" ކޮށްގެން އިމާރާތް އަޅަން ހަވާލުކުރި ކުންފުނީގެ ބަޔަކާ ބައްދަލުވެވަޑައިގެންނެވި ކަމަށް ވިދާޅުވެ، އެ މީހުންގެ ވާހަކަތައް ވެސް ރައީސް ރޭ ވަނީ އާއްމުންނާ ހިއްސާކުރައްވައިފަ އެވެ. ކުޑަ އަގުތަކެއް ހުށަހެޅި ކުންފުނިތައް ހުއްޓައި އެ ތަން އިމާރާތް ކުރަން ހަވާލުކުރީ ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް: އެތަން އިމާރާތް ކުރަން ޝެންހުއާ ކުންފުންޏާ ހަވާލުކުރީ އެފަދަ އިމާރާތް އެޅޭ އަގަށް ވުރެން އެތައް ގުނައެއް ބޮޑުކޮށް..---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ރައީސް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރަން ހުށަހަޅާފައިވާ އަގު ބޮޑު ކަމާއި އެއަށް ވުރެ ހެޔޮ އަގުގައި އެކަން ކުރެވޭނެ ކަމަށް ތައްޔާރުކުރި ލިއުންތައް، ސިންގަޕޫރުން އެމަނިކުފާނާ ބައްދަލުވެވަޑައިގަތް ކޮންސަލްޓަންޓު ދެއްކެވި ކަމަށެވެ. ހޮސްޕިޓަލް އިމާރާތް ކުރަން ޝެންހުއާ އިން ހުށަހެޅި ބިޑް ގޯސްކަމާއި އެ އިމާރާތުގެ އަގަކީ ގާތްގަނޑަކަށް 54 މިލިއަން ޑޮލަރު ކަމަށް ހުށަހެޅި ކަމަށް ކޮންސަލްޓަންޓާ ހަވާލާ ދެއްވައި ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އަތުގައި އެބަހުރި އެ ހުރިހާ އެއްޗެއް [ލިއުންތައް] ފޯވާޑްކޮށްފައި،" ރައީސް ވިދާޅުވި އެވެ.

މާލޭގައި ރޭ ބޭއްވި ހިސާންގެ ކެމްޕެއިން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭގެ ފަހުން، ޝެންހުއާ ކުންފުނީގެ ބޭފުޅަކާ ބައްދަލުވެވަޑައިގަތުމުން ވެސް ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރި ގޮތާ ގުޅޭ ގޮތުން އެމަނިކުފާނު ޝަކުވާ ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ. އެތަނަށް ހޯދި އަގު ބޮޑެތި ސާމާނު ނުވެއްދިގެން ކަން ވެސް އޭނާގެ ގާތުގައި ވިދާޅުވި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާތޯ އެތަނަށް ގެނައި އިކުއިޕްމެންޓްތައް މި އުޅެނީ ނުވެއްދިގެން. އެތަކެތި ކޮޓަރިތަކަށް ވެއްދީމާ އެތަނުގެ ދޮރެއް ނުހުޅުވޭ. ދެން އަނެއްކާ މި ޖެހުނީ އިތުރު ޚަރަދުކޮށްގެން ދޮރުތައް ސްލައިޑިން ދޮރަށް ބަދަލުކޮށް އިތުރު ޚަރަދުކުރަން. އަޅުގަނޑު ބުނިން ކިހިނެއް ހަދާފަ ހުރި ތަނެއްހޭ އެއީ،" ރައީސް ވިދާޅުވި އެވެ.

"ބުނީމަ [ޝެންހުއާ ކުންފުނީގެ މީހާ] ބުނީ އެނގޭހޭ ވީގޮތެއް. ތިމަންނަމެން ޑިޒައިންކުރީ އެތަނަށް ގޯލްޑަން ސްޓޭންޑަޑް އިކުއިޕްމެންޓުގެ ގޮތުގައި ގަންނާށޭ. އެއީ އެންމެ މި ޒަމާނުގެ އެއްޗިއްސޭ، އެ ސާމާނަށް ވާ ބަޖެޓު ނަގާފައި އެތަނަށް ގަނެފައި ހުރީ 23 މިލިއަން ޑޮލަރޭ ޚަރަދުވެފައި ހުރީ،" ރައީސް ވިދާޅުވި އެވެ.

"ވީ ގޮތަކީ މާ ކުރީޒަމާނުގެ ބޮޑެތި ސައިޒުގެ މެޝިންތަކެއް އެތަނަށް ގެނެސް ވެއްދީ. ދެން އެތަނުގެ ދޮރެއް ހުޅުވޭ ގޮތެއް ނުވޭ."

ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިޔާނާތަށް ފަހު ރައީސް ދެން މިސާލު ނެންގެވީ ކުރީ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުންނެވެ. އެ މަޝްރޫއުގައި 7،000 ފްލެޓަށް ހުޅުވާލައި ޝަރުތު ހަމަވި މީހުންގެ ލިސްޓު ކުރީ ލިސްޓުން އިއުލާންކޮށްފައިވީ ނަމަވެސް އެ ފްލެޓްތައް ދީފައި ވަނީ ބޭއިންސާފުން ކަމަށް ތުހުމަތުކޮށް މައްސަލަ ވެސް އަންނަނީ ބަލަމުންނެވެ.

ކިހިނެއްތޯ އެތަނުގައި މީހުން ދިިރިއުޅޭނީ. އިހަށް ދުވަހު އިކޮނޮމިކް ކޮމިޓީގައި އަޅުގަނޑު ބުނިން ހިނގާށޭ އެތަން ތަޅާލަން. --ރައީސް

ހުޅުމާލޭގައި އިމާރާތް ކުރާ ހިޔާ މަޝްރޫއުގެ ފްލެޓަކަށް އެނދެއް ވައްދައިފި ނަމަ، ރައީސް ވިދާޅުވި ގޮތުގައި، އަލަމާރިއެއް ވައްދާނެ ޖާގައެއް ނެތެވެ.

"ކިހިނެއްތޯ އެތަނުގައި މީހުން ދިިރިއުޅޭނީ. އިހަށް ދުވަހު އިކޮނޮމިކް ކޮމިޓީގައި އަޅުގަނޑު ބުނިން ހިނގާށޭ އެތަން ތަޅާލަން. ބޭނުމެއް ކުރެވޭނެ ތަނެއް ނޫނޭ. އެއަށް ވުރެ ރަނގަޅޭ އެތަން ތަޅާލާފައި އެހެން ތަނެއް ހެދިއްޔާ.

އެމަނިކުފާނު ވިދާޅުވި ގޮތުގަިއ ސަރުކާރު ހަމަ ނޭވޭ ލެވެން އޮތީ އެހާ ބޮޑެތި ޚިޔާނާތާއި ވައްކަން ހިންގި މީހުން ޖަލަށް ލައިގެންނެވެ.

ތުޅާދޫ ދާއިރާ އަށް ވާދަ ކުރައްވާ ހިސާން ހުސެއިންގެ ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ ޔާމީންގެ ވެރިކަން ވޯޓުން ރައްޔިތުން ނިންމީ، އަނިޔާވެރިކަން ހުއްޓުވުމަށެވެ. ބޭއިންސާފާއި ކޮރަޕްޝަނާއި ޚިޔާނާތް އާއްމުކޮށް، އަސާސީ ހައްގުތައް ނިގުޅައިގަތުން ގަބޫލު ނުކުރާތީ ކަމަށް ވެސް ވިދާޅުވި އެވެ.

ރައްޔިތުންނަށް އަނިޔާވެރިވީ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ކޮރަޕްޝަން ނައްތާލާނެ ކަމުގެ ވައުދުވެވަޑައިގަތަސް އެކަން ކުރަން އެމަނިކުފާނަށް ގޮންޖެހުންތަކެއް ކުރިމަތިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބިގެން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވި އެވެ.