އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވި މައްސަލާގައި ކުންފުނި ބައި މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ހުޅުމާލޭގައި ހަދަމުން އައި އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މިދިޔަ ފެބްރުއަރީ މަހު ބިދޭސީއަކު މަރުވި މައްސަލައާ ގުޅިގެން، އެ އިމާރާތް ހަދަމުން ދިޔަ ކޮންސްޓްރަކްޝަން ކުންފުނި 500،000ރ. އިން ޖޫރިމަނާކޮށްފި އެވެ.


އެ ހާދިސާއާ ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހު ޖޫރިމަނާކޮށްފައި ވަނީ ހުޅުމާލޭގެ ލޮޓް 10799 ގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އައި އައިއެންއެންއެފް ކޮންސްޓްރަކްޝަނެވެ. އެ ފައިސާ ދައްކަން މާލޭ ސިޓީ ކައުންސިލުން ދީފައި ވަނީ އެއް މަސް ދުވަހުގެ މުއްދަތެކެވެ. މި މައްސަލާގައި އެ ކުންފުންޏަށް އެހެން ފިޔަވަޅުތައް އަޅާނީ ކަމާ ބެހޭ ފަރާތުންނެވެ.

މި ހާދިސާ ހިނގީ ސަލާމަތީ ކަންކަމަށް ނުބަލައި، ކޮންސްޓްރަކްޝަން މަސައްކަތް ކުރީތީ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ހުސެއިން ޝަރީފް "މިހާރު" އަށް ވިދާޅުވި އެވެ. ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ހިނގި މި ހާދިސާގެ ރިޕޯޓް ހެދީ ޕްލޭނިން މިނިސްޓްރީންނެވެ. އެއާ ހަވާލާދީ ހުސެއިން ވިދާޅުވީ އެ ހާދިސާ ހިނގީ ދެ އިމާރާތް ދޭތެރޭގައި އެ ބިދޭސީ މީހާ މަސައްކަތް ކުރަނިކޮށް، މަތީ ބުރިއަކުން ގަލެއް ވެއްޓި އޭނާގެ މޭގައި ޖެހުމުންނެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން މީގެ ކުރިން ބުނެފައިވާ ގޮތުގައި 44 އަހަރުގެ ބަންގްލަދޭޝް މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ.

މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި އަށް އަހަރުގެ ރައުޝާން ޖިއާން މިދިޔަ ޑިސެމްބަރު މަހު މަރުވި ހާދިސާއާ ގުޅިގެން، ޑަބްލިއު ކޮންސްޓްރަކްޝަން ވެސް 500،000ރ. އިން ޖޫރިމަނާ ކުރި އެވެ. މިދިޔަ މަހު 14 ވަނަ ދުވަހު އެ ފައިސާ ސިޓީ ކައުންސިލަށް ވަނީ ދައްކައިފަ އެވެ.

ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހިނގި އެކްސިޑެންޓުތަކާ ގުޅިގެން މި އަހަރުގެ މިހާތަނަށް އިތުރު ހަތް ފަރާތެއް މާލޭ ސިޓީ ކައުންސިލުން ވަނީ ޖޫރިމަނާކޮށްފަ އެވެ. އެ ހަތް ތަނުގެ ތެރެއިން އެންމެ ބޮޑު ޖޫރިމަނާއެއް ކޮށްފައި ވަނީ 250،000ރ. އިން އޭބީސީ ކޮންސްޓްރަކްޝަނެވެ. އެ ތަން ޖޫރިމަނާކުރީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ މަސައްކަތްކުރުމުން، ރާނާފައި ހުރި ފާރުބުރިއެއް މަގުމައްޗަށް ވެއްޓުމުންނެވެ.

މީގެ އިތުރުން ނާސާލިންކް ޕްރައިވެޓް ލިމިޓެޑް 100،000ރ. އިން ޖޫރިމަނާކޮށްފައިވާ އިރު، އިންފިނިޓީ ބިލްޑާސް 15،000ރ. އިން ޖޫރިމަނާކޮށްފައި ވެ އެވެ. ދެން ހުރި ތަންތަން ޖޫރިމަނާކޮށްފައި ވަނީ 5،000ރ. އިންނެވެ.

ކޮންސްޓްރަކްޝަން ދާއިރާގައި ސަލާމަތީ ކަންތައް އިސްލާހު ކުރަން ސަރުކާރުން ވަނީ ބައިވަރު މަސައްކަތްތަކެެއް ކުރަން ފަށައިފަ އެވެ.