ފެނަކަ އަށް ދޫކުރި އެއް މިލިއަން ޑޮލަރުގެ ޗެކްތަކުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ލޯންޗްގެ ހިދުމަތް ދޭ ކުންފުންޏަކުން ފެނަކަ ކޯޕަރޭޝަނަށް ދޫކުރި އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17 މިލިއަން ރުފިޔާ) ގެ ސައްހަ ނޫން ޗެކްތަކެއްގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.


އެ ކުންފުނި މެދުވެރިކޮށް ފެނަކަ އިން ޑޮލަރު ގަތް ޗެކްތަކަކީ ސައްހަ ނޫން ޗެކްތަކެއް ކަން އެނގުނީ އެ ޗެކްތައް ޖަމާކުރި ފަހުން، ޗެކްތައް ބައުންސްވެގެންނެވެ. އެ ޗެކްތައް ޖަމާކުރީ ކޮން ބޭންކަކަށް ކަން އަދި ކަށަވަރު ނުވި ނަމަވެސް ގެރެންޓީގެ ގޮތުގައި ޗެކްތަކުގެ ނުފުށުގައި ސްޓޭމްޕެއްގެ ގޮތުގައި ޖަހާފައި ވަނީ މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)ގެ ތައްގަނޑެވެ. އެކަމަކު އެ ބޭންކްގެ ނަމުގައި ކޮށްފައިވާ ސޮޔާއި ތައްގަނޑަކީ ވެސް ސައްހަ މައުލޫމާތުތަކެއް ނޫން ކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ "މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި ލޯންޗް ހިދުމަތް ދޭ ކުންފުނީގެ އިސް ބޭފުޅެކެވެ. އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ ދެ ފަހަރަށް އިތުރުކޮށްދީފަ އެވެ.

އޭނާ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރަން ފުރަތަމަ ފަހަރަށް ކޯޓުން ދިނީ ހަފުތާއެއްގެ މުއްދަތެވެ. އެ މުއްދަތު ހަމަވެ އަނެއްކާވެސް މުއްދަތަށް އެދުމުން މިދިޔަ ހަފުތާގައި 15 ދުވަސް ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ.

މި މައްސަލާގައި ފުލުހުން ވާހަކައެއް ނުދެއްކި އެވެ.

އެމްސީބީގެ ގެރެންޓީދީފައިވާ ކަމަށް ބުނެ ޗެކުގެ ނުފުށުގައި "ބޭންކް ގެރެންޓީ" ސްޓޭމްޕެއް ޖަހާފައިވާ އެ ބޭންކްގެ ޗެކްތަކެއް ދައުރުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށް ބުނެ އާއްމުން ސަމާލުވުމަށް އެދި ނެރެފައިވާ އިއުލާނެއް. --ފޮޓޯ: ފަޒީނާ އަހްމަދު

ސައްހަ ނޫން ޗެކްތަކުގެ މައްސަލާގައި ހައްޔަރުކޮށްފައި ހުރި މީހާގެ ނަމާއި ކުންފުނީގެ ނަން އަދި އެ މައްސަލާގައި ދެން ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ބައެއް ބޮޑެތި ބޭފުޅުންގެ ނަންތައް "މިހާރު" އަށް އެނގުނަސް ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ގޮތަށް ފާސްކޮށްފައިވާ ގާނޫނާ ހެދި އެ ތަފްސީލްތައް ހާމަކުރެވޭކަށް ނެތެވެ.

އެއްމިލިއަން ޑޮލަރުގެ ގާތްގަނޑަކަށް ތިން ޗެކު ފެނަކަ އަށް ދޫކުރި ކަމަށް ވެ އެވެ. އެ ތިން ޗެކަކީ ވެސް ސައްހަ ނޫން ޗެކުތަކެކެވެ. ފެނަކަ އިން ޑޮލަރު ގަތީ ސީދާ ކޮން ބޭނުމެއްގައި ކަން ސާފުނުވި ނަމަވެސް ދޭތެރެ ދޭތެރެ އިން އެ ކުންފުނިން ޑޮލަރު ގަންނަ ކަމަށްވެ އެވެ.

ތަހުގީގު ކުރިއަށްދާތީ އެމްސީބީން މިކަމާ ގުޅޭގޮތުން ވާހަކައެއް ނުދެއްކި އެވެ.

އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު ގިލްސް ވިދާޅުވީ ބޭންކުން މިހާތަނަށް ނެރެފައިވާ އިއުލާނުގެ އިތުރުން އެއްވެސް ވާހަކައެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ. ފުލުހުންގެ ތަހުގީގަށް އެ ބޭންކުން ފުރިހަމަ އަށް އެއްބާރުލުންދީ، އެކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ބޭންކްތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ، ރާއްޖޭގެ މަރުކަޒީ ބޭންކާ ހިއްސާކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅޭގޮތުން އެ ބޭންކުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެ ބޭންކުން ގެރެންޓީދީފައިވާ ކަމަށް ބުނެ ޗެކުގެ ނުފުށުގައި "ބޭންކް ގެރެންޓީ" ސްޓޭމްޕެއް ޖަހާފައިވާ އެމްސީބީ ރާއްޖެ ބްރާންޗްގެ ޗެކްތަކެއް ދައުރުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"...ޗެކްތަކުގައި ބޭނުންކޮށްފައިވާ 'ބޭންކް ގެރެންޓީ' ސްޓޭމްޕް ބޭނުންކުރުމަކީ މި ބޭންކްގެ ޕޮލިސީއެއް ކަމުގައި ނުވާތީ، މިފަދަ ޗެކެއް އޮތް ފަރާތެއްވާނަމަ، އެކަމަށް ސަމާލުވެވަޑައިގަތުމަށް ދަންނަވަމެވެ،" އެމްސީބީގެ އިއުލާނުގައިވެ އެވެ.

މި އިއުލާނުން ދޭހަ ވަނީ، އެ ބޭންކްގެ ނަމުގައި ނުބައި ތައްގަނޑެއް ޖަހާފައި ވަނީ ފެނަކަ އަށް ދޫކުރި ޗެކްތަކުގައި އެކަނި ނޫން ކަމަށެވެ.

ބޭންކްގެ ސައްހަ ނޫން ތައްގަނޑު ބޭނުންކޮށްފައިވާ ޗެކްތަކުގެ މައްސަލަ ފެންމަތިވުމުން، އެތަނުން މިހާރު އަންނަނީ އެތެރޭގެ ތަހުގީގެއް ހިންގަމުންނެވެ. އެ މައްސަލާގައި އެތަނުގެ އިސް މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާ ކަމަށް ފެތުރި ވާހަކަ ގިލްސް ދޮގުކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ.

ސައްހަ ނޫން ޗެކްތަކުގެ މައްސަލައާ ގުޅޭގޮތުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލަށް "މިހާރު"ން އިއްޔެ ގުޅުމުން ވިދާޅުވީ ބޭނުންވާ މައުލޫމާތު ލިޔުމުން ފޮނުވުމުން ޖަވާބު ދެއްވާނެ ކަމަށެވެ. އެ ކުންފުނިން އެދުނު ގޮތަށް ލިއުން ފޮނުވައި މިއަދު 11:00 ގެ ކުރިން މައުލޫމާތު ފޯރުކޮށްދޭން "މިހާރު"ން އެދިފައިވީ ނަމަވެސް އެތަނުން ޖަވާބެއް ނުދިނެވެ.