ބިދޭސީންނަށް ބިން މިލްކުކުރެވޭ އިސްލާހު އުވާލަން މަޖިލިހުން ފާސްކޮށްފި

ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލްކުރުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.


ގާނޫނުއަސާސީއަށް ބަދަލެއް ގެނެވޭނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި ވޯޓު ލިބިގެންނެވެ. އެއީ މިހާރު ތިއްބެވި 85 މެމްބަރުންގެ ތެރެއިން 64 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ވޯޓު ގަޑީގައި ހާޒިރުވެ ވަޑައިގެން ތިއްބެވި 64 މެމްބަރުން ވެސް ވޯޓު ދެއްވީ އެ އިސްލާހު ބާތިލް ކުރުމަށެވެ.

ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ އިސްލާހު ބާތިލް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިދިޔަ ރިޔާސީ ކެމްޕެއިންގައި ވައުދުވެ ވަޑައިގެންފަ އެވެ. އޭރުގައި ބޭރު މީހުންނަށް ބިން މިލްކުރެ ކުރެވޭ ގޮތާ ދެކޮޅު ހެއްދެވި މަދު މެމްބަރުންގެ ތެރޭގައި ރައީސް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އޭރުގެ އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންގެ ވޯޓާ އެކު، ރާއްޖޭގައި ބިން ހިއްކައިގެން އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް ބިމުން ބައެއް މިލްކު ކުރެވޭ ގޮތަށް ކަނޑައަޅައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުށަހެޅުއްވި އިސްލާހު މަޖިލިހުން ފާސްކުރީ ޖުލައި 22، 2015 ގަ އެވެ. އެ އިސްލާހު ފާސްކުރީ 70 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅު ހެއްދެވީ އެންމެ 14 މެމްބަރުންނެވެ.

ބޭރު މީހުންނަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލް ކުރަން މިދިއަ އަހަރުގެ ނޮވެމްބަރުގައި ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. ބޮޗޭ ވިދާޅުވި ގޮތުގައި ބިން މިލްކުކުރެވޭ ގޮތަށް އޮތުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ބީވެގެންދާނެ ކަމެކެވެ.

ގާނޫނުއަސާސީގެ 251 ވަނަ މާއްދާގައި ކުރިން ބުނެފައި އޮންނަނީ "ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަަރާތަކަށް މިލްކުކޮށެއް ނުދެވޭނެ އެވެ،" މިހެންނެވެ.

ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތު، މަޖިލިހުގެ ރައީސް ގާސިމް ބަލަހައްޓަވަނީ. -- ފޮޓޯ: މަޖިލިސް

އެކަމަކު ޔާމީން ސަރުކާރުގައި ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކުކުރެވޭ ބާބު ގާނޫނުއަސާސީއަށް ލާން، އޭރު 251 ވަނަ މާއްދާ އިސްލާހުކުރީ "މި ގާނޫނުއަސާސީގެ 302 މާއްދާގައި ބަޔާންކޮށްފައި ހާލަތުގައި މެނުވީ، ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫން ގޮތަކަށް ވެސް ދެވޭނީ، އެންމެ ދިގުވެގެން ނުވަދިހަ ނުވަ އަހަރަށެވެ،" މި އިބާރާތުންނެވެ.

ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކުރެވޭނެ ގޮތްތައް ކަނޑައަޅާފައިވާ 15 ވަނަ ބާބު ގާނޫނުއަސާސީގައި ހިމެނެނީ 302 ވަނަ މާއްދާ އިން 309 ވަނަ މާއްދާއަށެވެ. ބޮޗޭގެ އިސްލާހު އޮތީ އެ ބާބު އުވާލާ ގޮތަށް ކަމަށްވީ އިރު، ގައުމީ ސަލާމަތުގެ ކޮމިޓީން ވަނީ ބިލް ހުށަހެޅި ގޮތަށް ފާސްކޮށްފަ އެވެ.

މަޖިލިހުގެ މެމްބަރުން މި މަސް ނިންމައި އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަންނަވާ އިރު، ދެން ދެ ވަނަ ދައުރުގެ މަސައްކަތްތައް އާ މެމްބަރުންނާ އެކު ފަށާނީ ޖޫން މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ. އަދި މަޖިލިހުގެ އާ މެމްބަރުން މޭ 28 ގައި މަގާމުގެ ހުވާކުރައްވާނެ އެވެ.