ރާއްޖެ ސަލާމަތް ކުރަން މިހާރު އެންމެ މުހިންމީ ކުދިންގެ މުގައްރަރު އިސްލާހުކުރުން: ނަޝީދު

އިސްލާމްދީނުގެ ނަމުގައި ހިންގާ ކަންކަމަށް ބަލައި، ރާއްޖޭގެ މުސްތަގުބަލް ސަލާމަތް ކުރަން މި ވަގުތަށް އެންމެ މުހިންމު އެއް ކަމަކީ ސްކޫލްތަކުގެ މުގައްރަރު އިސްލާހު ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.


ސީރިއާގެ ހަނގުރާމަވެރި ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ކަމަށް ބެލެވޭ ދިވެހިންނާއި އެ ތަނުގައި އެ މީހުންނަށް ލިބިފައިވާ ދަރިން ކަމަށް ބުނާ ކުދިންތަކެއްގެ ލިސްޓެއް ސޯޝަލް މީޑިއާގައި އިއްޔެ އާންމުކޮށްފައި ވަނިކޮށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ޓެގު ކުރައްވައި ނަޝީދު ލިޔުއްވި ޓުވީޓެއްގައި ވިދާޅުވީ، ދަރިވަރުންގެ ފޮތްތަކުގައި ރުޅިވެރިކަމާއި ނަފުރަތު އުފައްދާ ވާހަކަތައް މިހާރު މާ ގިނަ ކަމަށެވެ.

ރާްއްޖޭގެ ސްކޫލްތަކުގެ އާ މުގައްރަރެއް 2015 ވަނަ އަހަރުން ފެށިގެން އަންނަނީ ތަފާތު ކީ ސްޓޭޖުތަކަކަށް ބަހާލައިގެން ތައާރަފު ކުރަމުންނެވެ. ތައުލީމީ ދާއިރާގެ ތަޖުރިބާކާރުންގެ އެހީތެރިކަމާ އެކު ތައްޔާރުކޮށްފައިވާ އާ މުގައްރަރުގެ ކޮންމެ ކީ ސްޓޭޖަކާ އެކު ކިޔަވައި ދިނުމުގެ އާ ގޮތްތަކާއި އާ ފޮތްތައް ތައާރަފު ކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އެއީ ކިޔަވައި ދިނުމުގެ މުޅި ނިޒާމު އެއްކޮށް ކަހަލަ ގޮތަކަށް ބަދަލުކޮށްލާ މަރުހަލާތަކެއް ކަމަށް އެ މިނިސްޓްރީން ކުރިން ބުނެފައި ވެ އެވެ.

އިސްލާމްދީނުގެ ނަމުގައި ސީރިއާ އަށް ދިވެހިންގެ ގިނަ ބަޔަކު ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އިތުރުވާ މައްސަލައިގައި އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަަމުންނެވެ.

ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ން މިދިޔަ ފެބުރުއަރީ މަހު ބުނެފައިވާ ގޮތުގައި، ހަނގުރާމައިގައި ބައިވެރިވާން 61 ފިރިހެނަކު ސީރިއާ އަށް ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ފުރީ އަނބިދަރިން ގޮވައިގެން ކަމަށް ބުންޏަސް ތަފްސީލު އަދަދެއް ހާމައެއް ނުކުރެ އެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ލިސްޓުން އެނގޭ ގޮތުގައި އުމުރުން އެއް މަހުން ފެށިގެން 10 އަހަރާ ދެމެދުގެ ކުދިން ސީރިއާގެ ހަނގުރާމަވެރި ކޭމްޕްތަކުގައި ވަނީ ހާލުގައި ޖެހިފަ އެވެ. ބައެއް ކުދިންގެ މަންމަގެ ނަން ލިސްޓުގައި ހިމަނާފައި ވިޔަސް ބައްޕަގެ ނަމެއް ނެތެވެ. އެ ލިސްޓުގައި ޖުމްލަ 33 ނަން ހިމެނެ އެވެ.