މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނީތީ ސަރުކާރުން މާފަށް އެދެންޖެހޭނެ: ޕީޕީއެމް

ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޯޒް އައިލެންޑްސް، މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމާ ދެކޮޅަށް ރާއްޖެ އިން ވޯޓު ދިން މައްސަލައިގައި ދިވެހި ސަރުކާރުން ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމުން ރޭ ބުނެފި އެވެ.


ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އެ ނިންމުމަކީ ދުނިޔޭގެ މައި ކޯޓާއި މޮރިޝަސްގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލޭ އަމަލެއް ކަމަށެވެ. އަދި އެ ބަޔާނުގައި ވަނީ ރާއްޖެ އިން ވޯޓު ދިން ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކޮށްފަ އެވެ.

އެކަމަކު، ޕީޕީއެމުން ވެރިކަން ކުރި ދުވަސްވަރު ވެސް ރާއްޖެ އިން ވޯޓު ދީފައި ވަނީ ޗާގޯޒް އައިލެންޑްސް، މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމާ ދެކޮޅަށެވެ.

އެކަމަކު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، ޕީޕީއެމުން މިހާރު ބުނަނީ މި ސަރުކާރުން އެގޮތަށް ނިންމީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ގެއްލިދާނެތީ ސަރަހައްދު ސަލާމަތް ކުރުމަށް ބުންޏަސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. އަދި އެ މައްސަލައިގެ ހަގީގަތް އޮޅުވައިނުލައި ސާފުކޮށް ދިނުމަށް ވެސް އެ ބަޔާނުގައި ގޮވާލި އެވެ.

އދ. ގެ އެތައް ސަތޭކަ ގައުމަކާ ދެކޮޅަށް އެންމެ ހަ ގައުމު ވޯޓު ދިންއިރު އެ ހަ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުނުކަމީ ދުނިޔޭގެ ތަރައްގީ އާއި ތަމައްދުނުގެ ވިސްނުންތަކާ ރާއްޖެ ދުރުވެފައިވާ މިންވަރު ދައްކައިދޭ، އިސްތިއުމާރަށް ކުރާ ތާއީދު ހާމަކޮށްދޭ އަމަލެއްގެ ގޮތުގައި ޕީޕީއެމުން ސިފަކުރި އެވެ.

އދ.ގެ އާއްމު މަޖިލީހުގައި ބުރާސްފަތި ދުވަހު ނެގި ވޯޓުގައި، ރާއްޖެ އިން ވޯޓު ދިނީ، ޗާގޯޒް އައިލެންޑްސް، އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި ބާއްވަން ތާއީދުކޮށެވެ.

ރާއްޖެއާ އެކު ހަ ގައުމަކުން އިނގިރޭސި ވިލާތާ އެއްކޮޅަށް ވޯޓު ދިން އިރު، 116 ގައުމަކުން ތާއީދުކުރީ ޗާގޯޒް މޮރިޝަސްގެ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. ގަރާރާ ދެކޮޅަށް ރާއްޖޭގެ އިތުރުން ދެން ވޯޓު ދިނީ އިނގިރޭސި ވިލާތް، އެމެރިކާ، އޮސްޓްރޭލިއާ، ހަންގޭރީ އަދި އިޒްރޭލެވެ.

އދ.ގެ އާއްމު މަޖިލީހަށް ގަރާރެއް ހުށަހަޅާފައި މިވަނީ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ޗާގޯޒް މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ލަފައެއް ނެރެފައި ވަނިކޮށެވެ. އދ.ގެ އާއްމު މަޖިލީހަށް ގަރާރެއް މި ހުށަހެޅީ، އެ ކޯޓުގެ ލަފާ ތަންފީޒުކުރަން މެމްބަރު ގައުމުތަކަށް ގޮވާލުމަށެވެ.

މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ހިމާޔަތްކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުން ލިބޭ ސަރަހައްދު ކަށަވަރު ކުރުމަށް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.