ފެހެންދޫ ސްކޫލް ކުދިންގެ ފެރީ ވެސް އިންޑިއާގެ އެހީގައި

ބ. ފެހެންދޫ ސްކޫލް ކުދިން ކޮންމެ ދުވަހަކު ޑިންގީއެއްގައި ދަތުރުކުރަން ޖެހޭތީ އެކަން ހައްލު ކޮށްދިނުމަށްޓަކައި އެ ސްކޫލަށް ޚާއްސަ ފެރީއެއް އިންޑިއާ ސަރުކާރުގެ އެހީގައި ދިނުމަށް ނިންމައިފި އެވެ.


ފެހެންދޫ ސްކޫލުގައި 26 ކުދިން ކިޔަވަމުން އަންނައިރު، އެ ކުދިން ކިޔަވަން ދާން ޖެހެނީ އެ ރަށާ އެއް ފަޅެއްގައި އޮންނަ ގޮއިދުއަށެވެ. ރަށުގައި އާބާދީ ކުޑަވުމުން ފެހެންދޫގައި ސްކޫލުގައި ކިޔަވައެއް ނުދެ އެވެ.

ފެހެންދޫ ސްކޫލުގެ ކުދިން ދަތުރުކުރުމުގައި ދިމާވެފައިވާ ދަތިތައް އެ ރަށު ކައުންސިލުން މިދިޔަ އޭޕްރީލް މަހު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދީފައިވާ 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ފެހެންދޫ ސްކޫލްގެ ކުދިންނަށް ރަނގަޅު ފެންވަރުގެ ފެރީއެއް ހަމަޖެއްސުމަށް 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

ފެހެންދޫ ސްކޫލްގެ ކުދިން މިހާރު ދަތުރުކުރަނީ އެ ކުދިންގެ ބެލެނިވެރިންނާއި ރަށު ކައުންސިލުން ހަމަޖައްސާފައިވާ ޑިންގީއެއްގަ އެވެ. އެކަމަކު، އެ ޑިންގީ ހަލާކުވެ، ބާވުމުން ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

"މި ޕްރޮޖެކްޓުގެ ދަށުން މި މައްސަލަ އަށް ދާއިމީ ހައްލެއް ހޯދި، އެއްވެސް ހުރަހެއް ނެތި ފެހެންދޫގެ ކިޔަވާ ކުދިންނަށް ސްކޫލަށް ދެވޭނެ މަގު ފަހިވާނެ އެވެ،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި، ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީ އަށް ބޭނުންވާ މަޝްރޫއުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ހިލޭ އެހީދޭން އެއްބަސްވީ މިދިޔަ މާޗް މަހު އެ ގައުމުގެ އޭރުގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖު ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުގަ އެވެ.

ސުޝްމާގެ ދަތުރުގައި އެއްބަސްވި ހިލޭ އެހީ އެކި ދާއިރާތަކަށް ބަހަމުން އަންނައިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށް ފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުގައި އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާނެ އެވެ. ދެ ދުވަހުގެ މުއްދަތަށް މޯދީ ކުރައްވާ މި ދަތުރުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި ތަގުރީރު ކުރައްވާނެ އެވެ.

އާބާދީ މަދުވުމުގެ ސަބަބުން ފެހެންދޫ ސްކޫލު 2008 ވަނަ އަހަރު ވަނީ ބަންދުކޮށްފަ އެވެ. އޭގެ ފަހުން، މޫސުން ކިތަންމެ ގޯސްވި ނަމަވެސް ދަރިވަރުން ސްކޫލަށް ދާން ޖެހެނީ ކުޑަ ޑިންގީއެއްގަ އެވެ. އެކަން މި ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހެޅުމުން އެތަނުން ވަނީ ދަރިވަރުން ދަތުރުކުރުމަށް، ހިޔާކޮށްފައިވާ 20 ފޫޓުގެ ޑިންގީއެއް ދީފަ އެވެ. އެކަމަކު ޑިންގީގެ ސަތަރިގަނޑު ހަލާކުވުމުގެ ސަބަބުން، އަނެއްކާ ވެސް ދަރިވަރުންނަށް ވަނީ ތަކުލީފުތަކެއް އުފުލަން ޖެހިފަ އެވެ.