އިންޑިއާގެ އެމްބަސީގެ އާ އިމާރާތުގެ ބިންގާ އެޅުން ކެންސަލް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖެ އަށް މާދަމާ ފައްޓަވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން، ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީގެ އާ އިމާރާތުގެ ބިންގާ އެޅުއްވުން ކެންސަލް ކުރައްވައިފި އެވެ.


ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އިންޑިއާގެ އެމްބަސީ އަށް ބިން ދޫކުރަން ނިންމާފައިވާއިރު، މޯދީގެ މި ދަތުރުފުޅުގައި އެމްބަސީގެ އާ އިމާރާތުގެ ބިންގާ އެޅުމަށް ކުރިން އޮތީ ކަނޑައަޅުއްވައިފަ އެވެ. އަދި އެމަނިކުފާނު ހުޅުމާލެ އަށް ވަޑައިގަންނަވާ ގޮތަށް ވެސް ތާވަލް ކުރި އެވެ.

އެކަމަކު، ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލް ވިދާޅުވީ، އެމްބަސީތަކަށް ހުޅުމާލޭން ބިން ދޫކުރާ ސަރަހައްދު އަދި ބަހައި ނުނިމޭ ކަމަށެވެ. އެކަަމަކު، އެ ސަރަހައްދުން އެހެން ބައެއް ގައުމުތަކަށް ޖާގަ ދޭންޖެހޭއިރު، އެކަން އަދި ނުނިމޭތީ އިންޑިއާގެ އެމްބަސީ އިމާރާތްކުރާ ތަނުގެ ތަފުސީލް ލިބޭނީ ފަހުން ކަމަށް ޚަލީލް ވިދާޅުވި އެވެ.

ހުޅުމާލޭގައި ގާއިމް ކުރާ "ޑިޕްލޮމެޓިކް އެންކްލޭވް" އިން ރާއްޖޭގައި ހުރި އެކި ގައުމުތަކުގެ އެމްބަސީތަކަށް ޖާގަ ދޫކުރަނީ ޚަލީލް ވިދާޅުވި ގޮތުގައި، އެ ގައުމުތަކުން ރާއްޖެ އަށް ބިމެއް ދޫކުރުމުންނެވެ. އެގޮތުން، އިންޑިއާގެ ވެރިރަށް ނިއުދިއްލީން ރާއްޖެ އަށް މިހާރު ބިމެއް ދޫކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މޯދީގެ ދަތުރުފުޅާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޚަލީލް މިއަދު މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތަކަށް މިހާތަނަށް ބިން ދޫކުރަމުން އައީ މާލެެއިންނެވެ. އެގޮތުން އިންޑިއާގެ އެމްބަސީ އިމާރާތް ކުރަން ދިވެހި ސަރުކާރުން ބިމެއް ދޫކޮށްފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެކަމަކު، ސޯސަން މަގުގައި ކުރިން ނާސަރީ ހިންގި ބިމާ މެދު އިންޑިއާގެ ހިތްހަމަނުޖެހުންތަކެއް ހުރުމުން މިހާތަނަށް އޮތީ މަސައްކަތް ނުފަށަ އެވެ.

ޚަލީލް ވިދާޅުވި ގޮތުގައި އެމްބަސީތަކަށް ޚާއްސަ ސަރަހައްދެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކަނޑައަޅަނީ މާލޭގެ ބިން ފުރިފައިވާތީ ތޮއްޖެހުން ކުޑަކުރުމަށްޓަކަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ރާއްޖެ އަށް މާދަމާ ފައްޓަވާ ދަތުރުފުޅުގައި މޯދީ، ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާނެ އެވެ. އަދި އިންޑިއާގެ އެހީގައި ޅ. މާފިލާފުށީގައި ގާއިމްކުރި ކޮމްޕޮސިޓް ޓްރޭނިން ސެންޓަރާއި އެ ގައުމުގެ އެހީގައި ރާއްޖޭގައި ގާއިމް ކުރި ރާޑާ ސިސްޓަމް އެމަނިކުފާނު އިފްތިތާހު ކޮށްދެއްވާނެ އެވެ.

މިއީ، މޯދީ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށް ފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި، މޯދީ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ފަހުން ރާއްޖެ އަށް ވަޑައިގަންނަވާ ބޭރު ގައުމެއްގެ އެންމެ އިސްވެރިޔާ ވެސް މެ އެވެ. އެމަނިކުފާނު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް ވެސް ވަޑައިގެންފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވަޑައިގަތީ އިންޑިއާ އަށެވެ.