ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲދީދީ އާއި އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑް ކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.


ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން މިއަދުގެ އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމީ އަބްދުﷲ ދީދީއާ ގުޅޭގޮތުން ފުލުހުން ބަލަމުންދާ ޖިނާއީ މައްސަލަ އަކާ ގުޅިގެން ކަމަށެވެ. އަދި ފުލުހުން ބަލަމުން ދަނީ އަބްދުﷲ ދީދީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ ކޮމިޝަނަށް ހުށަހެޅުއްވި މައްސަލަ ކަމަށް ޒަހީން ވިދާޅުވި އެވެ.

"އެ މައްސަލައަކާ ގުޅިގެން އޮތް ކަމެއް މިއީ. އެ މައްސަލައާ ގުޅުންހުރި ކަމެއް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބަލަމުންދަނީ. އެހެންވެ، އެއް މައްސަލައެއް މިއީ." ޒަހީން ވިދާޅުވި އެވެ.

އަބްދުﷲ ދީދީއާ ގުޅޭގޮތުން ނަޝީދު ޖޭއެސްސީ އަށް ހުށަހަޅުއްވާފައިވަނީ އޭނާގެ އަނބިކަނބަލުންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާވި ކަމަށް ބުނެ އެވެ. އެކަމަކު އެ ތުހުމަތު ދޮގު ކުރައްވައި، ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވެފައިވަނީ ނުހައްގު އެއްވެސް ފައިސާއެއް އެމަނިކުފާނާ ގުޅުންހުރި އެކައުންޓެއްގައި ނުހުންނާނެ ކަމަށެވެ.

ޒަހީން ވިދާޅުވި ގޮތުގައި ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް ރިޔާސަތު ބެލެހެއްޓެވި އަދި މަޖިލީހުގެ ރައީސް ނަޝީދު ވެސް ބައިވެރިވެ ވަޑައިގަތް އެ ޖަލްސާގައި އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ކޮމިޝަނުން ނިންމީ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޒަހީން ވިދާޅުވި ގޮތުގައި އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑްކުރީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އޭނާ ސަސްޕެންޑްކުރަން އެ މައްސަލަ ބަލާ ކޮމެޓީން ހުށަހެޅުމާ ގުޅިގެން ކޮމިޝަނުން އެގޮތަށް މިއަދު ނިންމީ ކޮމިޝަންގެ މެމްބަރުންގެ އިއްތިފާގުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މައްސަލަ މިހާރު ގޮސްފައި އޮތް ހިސާބުން ތަހުގީގުކުރާ ކޮމެޓީގައި ތިއްބެވި ބޭފުޅުންނަށް ފާހަގަ ކުރެވުނީ އިތުރަށް ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އެ ބޭފުޅާ ސަސްޕެންޑް ކުރަން ޖެހޭ ކަމަށް. އެހެންވެ އެގޮތަށް ކޮމިޝަނަށް ހުށަހެޅި، ބަހުސް ކުރުމަށް ފަހު ވަނީ އެގޮތަށް ނިންމާފައި." ޒަހީން ވިދާޅުވި އެވެ.

ޒަހީން ވިދާޅުވި ގޮތުގައި ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭ ޝަކުވާއެއް ވެސް އެ ކޮމިޝަނުން ބަލަން މިހާރު ވަނީ ނިންމައިފަ އެވެ. އެކަމަކު އެ މައްސަލަ އޮތީ ފުރަތަމަ މަރުހަލާގައި ކަމަށްވާތީ އެ މައްސަލައާ ގުޅޭ ތަފްސީލެއް މިވަގުތު ހާމަ ނުކުރާނެ ކަމަށް ޒަހީން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އެ މަގާމަށް އައްޔަން ކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމެއް ހުސްވުމުން މިދިޔަ އަހަރު އެވެ. އޭގެކުރިން އަބްދުﷲ ދީދީ ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމާއި ކްރިމިނަލް ކޯޓުގެ ގާޒީ ކަން ވެސް ކުރައްވައިފަ އެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމިއިރު، ޖޭއެސްސީން ބެލި މައްސަލައަކާ ގުޅިގެން ކުރިން ވެސް އޭނާ ސަސްޕެންޑްކުރި އެވެ. އޭރު ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހު ޖޭއެސްސީން ފަހުން ވަނީ އެ ސަސްޕެންޝަން އުވާލައިފަ އެވެ.