ލުތުފީ ގެންގުޅެނީ އެމްބަސީގެ ވީއައިޕީ ކޮޓަރިއެއްގައި، އެތަނުގައި ނުގެންގުޅެވޭނެ: އިދިކޮޅު

ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް ހުރީ ވީއައިޕީ ކޮޓަރިއެއްގައި ކަމަށާއި އެކަން ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.


ލުތުފީ ރާއްޖެ ނުގެނެވި ލަސްވާ މައްސަލާގައި، އިިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުޑީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މަޖިލީހުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މި ސަރުކާރުން ލުތުފީ ރާއްޖެ ގެނައުމުގައި ލަސްތަކެއްވެފައިވާތީ އެކަމާ މަޖިލިހުގެ ގިނަ މެމްބަރުން ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި ލުތުފީ ފިލި މައްސަލަ އަކީ ގައުމީ މައްސަލައެކެވެ. އަދި މިއީ ވަކި ޕާޓީއެއްގެ ނުވަތަ ވަކި ފިކުރެއްގެ މައްސަލައެއް ނޫން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހޮވުނީ ވަކި ކުލައަކަށް، ވަކި ޖަމާއަތަކަށް ވާތީ ގައުމީ ބޮޑު މައްސަލައެއް، ކުޑަ މައްސަލައެއްގެ ގޮތުގައި ދެއްކޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ސައީދު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންނަށް އެނގޭ ލުތުފީ ހުރީ އެމްބަސީގައި ކަން. އަދި ދެ މަސް ދުވަސްވެއްޖެ ކަން. ރައްޔިތުންގެ ކަންބޮޑުވުމަކީ ދެ މަސް ދުވަސް ވަންދެން ވީއައިޕީ ކޮޓަރިއެއްގައި ލުތުފީ ގެންގުޅޭ މައްސަލަ،"

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ (ކ) ސިފައިންގެ ބެލުމުގެ ދަށުގައި ބިޑި އަޅުވާފައި. އޭނާގެ މައްޗަށް މަރުގެ ހުކުމެއް ހައި ކޯޓުން އިއްވި. އެކަމަކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ލުތުފީ އަށް އިއްވި ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ވަނީ ބަދަލުކޮށްފައި.

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އެންމެ އިސް ރޯލެއް އަދާކުރި ލުތުފީގެ މައްޗަށް އޭރުގެ ހައި ކޯޓުން އިއްވީ މަރުގެ ހުކުމެވެ. އެކަމަކު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ލުތުފީގެ މައްޗަށް އިއްވި މަރުގެ ހުކުމް، އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރައްވައިފަ އެވެ.

ޖަލު ހުކުމަށް ފިލައިގެން އުޅުނު ބާޣީ ލުތުފީ ފިލީ ނަޝީދުގެ ވެރިކަމުގަ އެވެ. އެގޮތުން ބޭސްފަރުވާ އަށް ލުތުފީ އިންޑިއާ އަށް ފޮނުވުމުން ފިލައިގެން ވަނީ ލަންކާ އަށް ގޮސްފަ އެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި ގޮތުގައި، ލުތުފީ ފިލުވީ ނަޝީދުގެ ސަރުކާރުންނެވެ.

ކުށެއް ނެތް 19 ދިވެހިންގެ ލޭ އޮހޮރުވައިލުމުގައި އިސްކޮށް އުޅުނު ލުތުފީ އެމްބަސީ އަށް ގޮސް އަމާންދިނީ ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ މޭ 1 ގަ އެވެ. ފުލުހުން އެހެން ހާމަކުރުމުން ބޮޑަށް ބެލެވުނީ ލުތުފީ އަމާން ދިނީ ލަންކާގައި ދިން ބޮމުގެ ހަމަލައާ ގުޅިގެން އެ ގައުމުގައި އުޅުމުގައި ދަތިތަކެއް ދިމާވުމުންނެވެ.

ސައީދު ވިދާޅުވި ގޮތުގައި ސަރުކާރުން އަވަސް ވާން ވާންވީ ލުތުފީ ރާއްޖެ ގެނެސް، އޭނާ އަށް ހައްގުވާ އަދަބު ދިނުމަށެވެ. އެގޮތުން ޖަލު ހުކުމުގެ ބާކީ ބައި ފުރިހަމަ ވަންދެން ލުތުފީ "ދައުލަތުގެ ނިޒާމުގެ ތެރޭގައި" ގެންގުޅެން ޖެހޭ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަކީ މީހުން ހިމާޔަތް ކުރަން އޮންނަ ތަނެއް ނޫން ކަމަށެވެ. އެތަނުގައި މީހަކު ހައްޔަރު ކުރުމުގެ ބާރެއް ފުލުހުން ނުވަތަ ސިފައިންނަށް ވެސް ލިބިގެން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

"މި މައްސަލަތަކަކީ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ބަލާ އިރު، ކުރެވިގެން ވާނެ ކަމަކަށް ނުވާތީއާ އެކީގައި މި މައްސަލައަކީ އެތައް ބައެއްގެ އިހްސާސްތަކާ ގުޅިފައިވާ މައްސަލަތަކަށްވާތީ އޭނާ އަވަހަށް ރާއްޖެ ގެނައުމަކީ މުހިންމު ކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ލުތުފީއާ ދޭތެރޭގައި އަމަލު ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ލުތުފީ ރާއްޖެ ގެންނަ އިރު، ބޭރު ގައުމުތަކާ އެއްކޮށް މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ލަންކާ އާއި ރާއްޖެ އަކީ ކުށްވެރިން ބަދަލުކުރުމުގައި އެއްބަސްވެފައި އޮތް ގައުމެއް ކަމުން، އޭނަ (ލުތުފީ) ގެނައުމުގައި ބޮޑެތި މައްސަލަތަކެއް ހުންނާނެ ކަމަށް ނުފެނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ލުތުފީ ލަންކާ އެމްބަސީގައި ދިރިއުޅެމުން އަންނަ ކަން ހާމަ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އަދި ބާޣީ ލުތުފީ ލަންކާ އެމްބަސީ އަށް ގޮސް އަމާން ދިން ކަން ކަށަވަރުކޮށް ދިނީ އޭގެ ފަހުން ފުލުހުން ނެރުނު ބަޔާނެއްގަ އެވެ.

ނަމަވެސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ ލުތުފީ އެމްބަސީ އަށް ގޮސް އެތަނުގެ ބެލުމުގެ ދަށަށް ދިޔައީ ލަންކާ ގައި ބޮން ގޮއްވުމުގެ އެއް ދުވަސް ކުރިން އޭޕްރީލް 20 ގައި ކަމަށެވެ.

ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޮޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އިރު، އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.