ޔާމީން އަޅުގަނޑަށް ދިން އަނިޔާ އަށް މާފެއް ނެތް: ޖާބިރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި އަނިޔާތަކަށް މާފު ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.


މި ސަރުކާރުން ހެދި އެއްބަސްވުންތައް "އެފުށް މިފުށަށް" ޖައްސަވާނެ ކަމަށް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ޔާމީން ވިދާޅުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ޖާބިރު ވިދާޅުވީ ކުރީގެ ސަރުކާރުގެ ކޮރަޕްޝަން މައްސަލަތައް ބަލަމުން ނުދާ ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ރައްޔިތުންގެ އެތައް ބަޔަކަށް އަނިޔާ ދިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އާއި ޔާމީނާ ދެމެދު ކުރު ލިޔުމެއް ނެތް ކަމެއް ނޭނގެ. އެހެން ނޫން ނަމަ އޭނާ އިންނަން ވާނީ ޖަލުގައިތާ. ހަމައެކަނި އަޅުގަނޑަށް ހީވަނީ ކުރި އަނިޔާ އިން އޭނާ އިންނަން ޖެހޭނީތާ އުމުރު ޖަލުގައި ހެން،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ ކުރީގެ ސަރުކާރުން އޭނާގެ ވިޔަފާރި ފުނޑާލައި، އޭނާއާ އެކު މަސައްކަތް ކުރެއްވި ވިޔަފާރިވެރިންގެ ވިޔަފާރިތައް ވެެސް ފުނޑާލާފައިވާ ކަމަށެވެ. އަދި ޔާމީން ހައްޔަރު ނުކޮށް، ދޫވެފައި ހުންނަނީ ކީއްވެގެންތޯ ޖާބިރުގެ ވާހަކައިގައި ވަނީ ސުވާލު އުފައްދަވައިފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި ޔާމީން ވާހަކަފުޅު ދައްކަވަނީ..--- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ކޮރަޕްޝަން މައްސަލަތައް މި ސަރުކާރުން ނުބަލާ ކަމުގެ މިސާލު ދައްކަވައި ޖާބިރު ވިދާޅުވީ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ޖަވާބުދާރީ ނުކުރުވައި އުޅެނީ އެހެން މީހުންގެ "ނެޓްވޯކް"ތަކާ ވަރަށް ބޮޑަށް ގުޅިވަޑައިގެން ހުންނެވީމަ ކަމަށެވެ.

ޖާބިރު ވިދާޅުވީ ދިވެހިންނަށް އަނިޔާކޮށް، ރާއްޖޭގެ ބައިލަތުލްމާލަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ޔާމީން ދޫކޮށްލާފައި ހުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ޔާމީންގެ ވެރިކަމުގައި އަނިޔާވެރިކަން ވަރަށް ބޮޑަށް ހައްދުފަހަނައަޅައިގެން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންވެ، މިހާރުން މިހާރަށް ޔާމީން ހައްޔަރު ކުރުމަށް ޖާބިރު ވަނީ ގޮވާލައްވައިފަ އެވެ.

"ކީއްވެތޯ މިހާ އަނިޔާ ކުރި މީހަކަށް ކަޑުކުރި އިސްމާއިލްފުޅުގެ ގެ ގަނެގެން އެތަން 22 ބުރިއަށް އަޅައިގެން އެހެން އުޅެވެންވީ؟ އެހެން އުޅެވިގެން ނުވާނެ،" ޔާމީންގެ ކުރީގެ ގެކޮޅު ގ. ދޫވެހި ވިއްކާލެއްވުމަށް ފަހު ހެންވޭރުކޮޅުން އެމަނިކުފާނު ބައްލަވައިގެން ހ. ދޫވެއްސަށް އިޝާރާތް ކުރައްވައި ޖާބިރު ވިދާޅުވި އެވެ.

"ގައުމު ހަލާކުކޮށް އަދިވެސް ޔާމީން އަރާ ފާޑުފާޑުގެ މިއުޒިކް ކުޅެނީ. އެހެން ފުރުސަތު ދީގެން ނުވާނެ. އެ ފުރުސަތު ނުދޭނެ ކަމަށް ބުނުމަކީ (މި ސަރުކާރުގެ) ވައުދެއް."