އާންމުންގެ ތެރެއިން ޖޭއެސްސީ އަށް ކުރިމަތިލީ ތިން މީހުން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކުރިމަތިލި ތިން މީހެއްގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.


އާންމުންގެ ތެރެއިން ޖޭއެސްސީ އަށް ހޮވާނެ ބޭފުޅަކު ކަނޑައެޅުމަށް މަޖިލިހުން އިއުލާނުކުރީ އެ މަގާމުގައި މިހާރު ހުންނެވި އަބްދުލް ހަންނާންގެ ދައުރު ހަމަވާތީ އެވެ. އަބްދުލް ހަންނާން ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ގަ އެވެ.

ޖޭއެސްސީ އަށް ކުރިމަތިލީ؛

1. ހާލިދު ގާސިމް، ރޯޒީ، ކ. ތުލުސްދޫ

2. ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ

3. މިރުފަތު ފާއިޒް، މއ. ރަންފަހި

މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި، މުސްލިމަކު ކަމުގައިވުމާއި ދިވެހި ރައްޔިތަކަށްވުމާއި އުމުރުން 25 އަހަރުވުމާއި ކުށެއް ކުރި ކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވުމާއި ބުއްދި ސަލާމަތުން ހުރި މީހަކަށްވުން ހިމެނެ އެވެ.

މަގާމަށް މީހަކު ހޮވާނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ޖޭއެސްސީގައި ތިއްބަވަނީ އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.