ސާކްގެ އާޓް ކޭމްޕްގައި ބައިވެރިވާން ހުޅުވާލައިފި

ސާކް ގައުމުތަކުގެ ފަންނުވެރިންނާ އެކު ބާއްވާ "ސާކް އާޓިސްޓް ކޭމްޕް އެންޑް ޕެއިންޓިން އެގްބިޒިޝަން" އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވަން ނިންމައި، ރާއްޖޭގެ ކުރެހުންތެރިންނަށް ފުރުސަތު ހުޅުވާލައިފި އެވެ.


ސާކް ކަލްޗްރަލް ސެންޓަރުން އިންތިޒާމުކޮށްގެން މި އަހަރު ބާއްވާ ދެ ވަނަ ކޭމްޕް ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 22-27 އަށެވެ.

މި ހަރަކާތުގައި ސާކްގެ 8 ގައުމުގެ ފަންނުވެރިން އެއްތަންވެ، ހާއްސަކޮށް ކުރެހުންތެރިން އެ މީހުންގެ ހުނަރު ހިއްސާކޮށް، އެކި ކަހަލަ ކުރެހުންތައް ތައްޔާރުކޮށް އެގްޒިބިޝަނެއްގައި ދައްކާލާނެ އެވެ.

އެގޮތުން ރާއްޖޭން ކޭމްޕްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ވަނީ ހުޅުވާލައިފަ އެވެ. އެތަނުން ބުނީ ރާއްޖޭން ކޭމްޕްގައި ބައިވެރިވާން ފުރުސަތު ދޭން ނިންމާފައި ވަނީ 10 ކުރެހުންތެރިއަކަށް ކަމަށެވެ.

އެންސީއޭ އިން ބުނި ގޮތުގައި ކުރެހުންތެރިން ހޮވާނީ އެކަމަށް ކުރިމަތިލާ މީހުންގެ ވަނަވަރަށް އިންސާފުކުރުމަށް ފަހު އެވެ.

މިއީ "ސާކް އާޓިސްޓް ކޭމްޕް އެންޑް ޕެއިންޓިން އެގްބިޒިޝަން" ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި ކޭމްޕް ބޭއްވީ 2013 ގަ އެވެ. އޭރު ކުޑަބަނޑޮހާއި ނެޝަނަލް އާޓް ގެލެރީގައި އިވެންޓްތަކެއް ބޭއްވި އެވެ.

މި އަހަރުގެ ފުރަތަމަ "ސާކް އާޓިސްޓް ކޭމްޕް އެންޑް ޕެއިންޓިން އެގްބިޒިޝަން" ބޭއްވީ ޖެނުއަރީ މަހުގެ 22-24 އަށް ސްރީ ލަންކާގަ އެވެ.