އަދީބު ފިލި މައްސަލާގައި ދިވެހި ފުލުހުން ހިމޭނުން!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގެންނެވި މައްސަލައިގައި މިވަގުތު އެއްވެސް މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.


އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރު ކޮށްފައި ވަނިކޮށް، ޓަގު ބޯޓެއްގައި ފިއްލަވައިގެން ރާއްޖެއިން ބޭރަށް ދަތުރު ކުރައްވަނިކޮށް އިންޑިއާގެ ޓުޓިކޮރިން ބޭރުން އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް އަދީބު ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހު މެންދުރެވެ. އަދި އޭގެ ފަހުން، އަދީބަށް ހިމާޔަތް ދިނުމަށް އެމަނިކުފާނުގެ ބައިނަލްއަގްވާމީ ވަކީލުން އެދިފައި ވަނިކޮށް، އެކަމަށް ފުރަގަސްދީ އިންޑިއާ އިން ރޭ ދަންވަރު ވަނީ އޭނާ ޑީޕޯޓުކޮށްލައިފަ އެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދު "މިހާރު" އަށް ވިދާޅުވީ އަދީބު ފިލި މައްސަލައިގައި މައުލޫމާތު ހާމަކުރަން ޖެހޭ ހިސާބަށް ދިއުމުން، އެކަމާ ގުޅޭ ގޮތުން މައުލޫމާތު ހާމަކުރައްވާނެ ކަމަށެވެ.

"މިވަގުތަށް އެއީ އަޅުގަނޑުމެންގެ ނިންމުމަކީ. މީޑިއާއާ މިކަމުގައި އެންގޭޖެއް ނުވާނަން. ހާމަކުރަން ޖެހޭ ވަގުތު އައިސް ޖެހުނީމާ، ހާމަ ކުރާނަން ހާމަ ކުރެވެން އޮތް މިންވަރަކުން،" ހަމީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ގަޑީގައި ތަންކޮޅެއް ބޮޑަށް މަޑުމައިތިރި ކަމާ އެކު މިތިބީ."

އަދީބު ފިލަން ކުރެއްވި މަސައްކަތް ފަޅާ އެރުމުން، ދިވެހި ފުލުހުން މިހާތަނަށް ނެރުނީ އެންމެ ބަޔާނެކެވެ. މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އެ ބަޔާނުގައި އަދީބު ފިލައިގެން އުޅެނިކޮށް ހިފަހައްޓާފައިވާ ކަމަށާއި އެމަނިކުފާނު ރާއްޖެ އަށް ގެނައުމުގެ ކަންކަން ބޭރުގެ ގައުމުތަކާ ގުޅިގެން ކުރިއަށް ދާ ކަމަށެވެ. އަދި ފުލުހުން ބުނެފައި ވަނީ އަދީބު ފިލުމަށް އެހީވި ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

މި ބަޔާނަށް ފަހު، އަދީބު ފިލި މައްސަލައިގައި ދިވެހި ފުލުހުން ތިބޭ ހިމޭނުންނެވެ.

އަދީބު ޓަގް ބޯޓުގައި

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން، އެ ގައުމަށް ދިޔަ ޓަގް ބޯޓެއްގައި ފިއްލަވަން މަސައްކަތްޕުޅު ކުރެއްވި އަދީބު ހަމަ އެ ބޯޓުގައި އަނބުރާ ރާއްޖެ އަށް ޑީޕޯޓުކޮށްލީ ދިވެހި ސަލާމަތީ ބާރުތަކާއި ސަރުކާރުގެ އޮފިޝަލުންނާ އެކީގައި ރޭ ދަންވަރެވެ.

ސުޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް، ޓަގް ބޯޓުގެ ފަޅުވެރިއަކަށް ވެގެން ފިއްލަވަން އުޅުއްވި އަދީބު، ޑީޕޯޓު ކޮށްލުމާ ހަމައަށް ވެސް ހުންނެވީ އެ ޓަގް ބޯޓުގައި ކަމަށް ވެ އެވެ. އިންޑިއާގެ ސިފައިންނާއި ކަމާ ގުޅުން ހުރި އެހެން އިދާރާތަކުގެ އޮފިޝަލުން އަދީބާ ސުވާލު ކުރީ ޓަގް ބޯޓުގަ އެވެ.

އަދީބު ރާއްޖެއިން ބޭރަށް ދަތުރު ކުރެއްވީ މޮންގޯލިއާގައި ރަޖިސްޓަރީ ކޮށްފައިވާ "ވާގޯ" ކިޔާ ޓަގު ބޯޓެއްގަ އެވެ. އެއީ އިންޑިއާއިން ހިލަ ހިފައިގެން އާންމުކޮށް ރާއްޖެ އަންނަ ޓަގް ބޯޓެކެވެ. އެ ޓަގް ބޯޓުގައި ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރަނީ އިންޑިއާގެ ފަޅުވެރިއަކާއި އިންޑޮނިޝިއާގެ އަށް މީހުންނެވެ. އަދީބާ އެކު އެ ހުރިހާ ފަޅުވެރިން ވެސް ރާއްޖެ ގެންނަ ކަމަށްވެ އެވެ.

އިންޑިއާގެ ކަނޑުމަތީ ސިފައިން، އަދީބު ހިފެހެއްޓުމާ އެކު، އެމަނިކުފާނުގެ ބައިނަލްއަގްވާމީ ވަކީލުން ވަނީ އެ ގައުމުން ހިމާޔަތް ދިނުމަށް އެދިވަޑައިގެންފަ އެވެ. އެކަމަކު، އަދީބު ރާއްޖެ އަށް އަނބުރާ މި ފޮނުވައިލީ އެ އެދުމަށް އިންޑިއާ އިން ވަނީ ފުރަގަސްދީފަ އެވެ.

އަދީބުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ވަނީ އިންޑިއާގެ ހިމާޔަތަށް އަދީބު އެދިވަޑައިގަތީ، ސިޔާސީ ބޭނުމެއްގައި ދައުވާ އުފުލުމުގެ ބިރު އޮތުމާއި، ދޮގު ބަޔާންތައް ދިނުމަށް ރާއްޖޭގެ ތަހުގީގީ އިދާރާތަކުން އެމަނިކުފާނަށް މަޖުބޫރު ކުރަމުންދާތީ ކަމަށެވެ.

އަދީބު ފިއްލަވައިގެން ދަތުރުކުރެއްވި ޓަގް ބޯޓު އިންޑިއާގެ ޓުޓިކޮރިން ބަނދަރުގައި.

އަދީބު ޓަގް ބޯޓުގައި ފިއްލަވައިގެން ފުރުއްވި ކަމަށް އެނގިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެކަމަކު، ޓަގް ބޯޓުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ފޯނުން އެކި މީހުންނާ އަދީބު މުއާލަމާތް ކުރެއްވި ކަމަށް ވެ އެވެ. އަދި ތަހުގީގުތަކަށް ބަޔާން ދެއްވާނެ ކަމަށް ވިދާޅުވެ މެސެޖް ކުރެއްވި ކަމަށްވެ އެވެ.

އަދީބު އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދީބު ފިއްލަވަން އެހީތެރިވި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަދީބުގެ މައްޗަށް ކުރިން އިއްވި ހުރިހާ ހުކުމްތަކެއް ބާތިލް ކޮށްފައި ވިިޔަސް، އޭގެ ތެރެއިން އެއް މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި އޮތުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އެ ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ. އަދީބު ފިލާފައި ވަނީ ބަންދުކޮށް ދިނުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައިވަނިކޮށް ކަމަށްވެ އެވެ.

އަދީބު ދާދިފަހުން ސަރުކާރުގެ ހުއްދައާ އެކު ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގަތުމަށް ފަހު، އެނބުރި ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.