އިމްރާންގެ އިންޒާރަކީ ނާތަހުޒީބު، ފިނޑި އަމަަލެއް: އިދިކޮޅު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ އަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްވި ކަމަށް ބުނާ އިންޒާރަކީ ނާތަހުޒީބު ފިނޑި އަމަލެއް ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.


ރާއްޖެ އިން ބޭރުގައި މިވަގުތު ހުންނެވި ލުތުފީ، ސަންގު ޓީވީ އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ ފްރޭމްކޮށް، ހައްޔަރުކުރާނެ ކަމުގެ އިންޒާރު އިމްރާން ދެއްވި ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުންނަވަން ޖެހޭނީ ޖަލުގައި ކަމަށް ވިދާޅުވެ، އިމްރާން އެ ބޭފުޅުންނަށް ވެސް ފޯނުން އިންޒާރު ދެއްވި ކަމަށް ލުތުފީ ވިދާޅުވި އެވެ.

ލުތުފީގެ ބޮޑެތި ތުހުމަތުތަކާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާއާ ގުޅޭ ޝަރީއަތުގެ މުހިންމު ހެއްކެއް ކަމަށްވާ ލުތުފީ އަށް އިމްރާން އިންޒާރު ދެއްވި މައްސަލަ އެ ކޯލިޝަނުން ކުށްވެރި ކުރާ ކަމަށެވެ.

ޔާމީންގެ ޝަރީއަތުގައި ހިމެނޭ ހެކިންނަށް އިންޒާރު ދީ، ފްރޭމްކޮށް ވަކި ގޮތަކަށް ބަޔާން ދިނުމަށް މަޖުބޫރު ކުރުމުގެ ގޮތުން ބިރު ދެއްކުމަކީ ސިޔާސީ ވާދަވެރިން ނައްތާލުމަށް ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށާއި މި އަމަލަކީ ސަރުކާރުގެ ވިސްނުން ޝަރީއަތާ މެދު އޮތް ގޮތް ސާފުވާ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.

ޕީޕީއެމް/ޕީއެންސީން ބުނި ގޮތުގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިމްރާން ގުޅިވަޑައިގެން ގާނޫނާ ހިލާފަށް ޔާމީންގެ މައްޗަށް ސިޔާސީ ހުކުމެއް ކުރުމަށް ވަރަށް ބޮޑަށް ރޭވިގެން ކުރި ދައުވާއެކެވެ. އިމްރާންގެ އަމަލަކީ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވައި އެމަނިކުފާނުގެ މައްޗަށް ހުކުމެއް ކުރަން ކެތް މަދުވެފައިވާ ކަމުގެ ސާފު ދަލީލެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައި ބުނީ އިންސާފުވެރި ކަން ހޯދައި ދިނުމަށް ވަކާލާތުކޮށް، ވެރިކަމަށް އައިސް ނާއިންސާފުން ބާރުގެ ބޭނުންކޮށްގެން ވަކި ގޮތަކަށް ކަންކަން ނިންމުމަށް މަސައްކަތް ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އިމްރާންގެ އަމަލަކީ ވަރަށް ދަށު ދަރަޖައިގެ، ނާތަހުޒީބު ފިނޑި އަމަލެއް ކަމަށް ވެސް ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

މިދިޔަ އޭޕްރީލް މަހު ލުތުފީ ރަސްމީ ޗުއްޓީއެއް ނެންގެވުމަށް ފަހު، އޮފީހަށް ވަޑައިގެންފައި ނުވާއިރު، އޭނާގެ މައްޗަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި ލުތުފީ ޗުއްޓީ ނެންގެވި ގޮތަށް ދިރިއުޅުއްވަމުން ގެންދެވީ އާއިލާއާ އެކުގައި މެލޭޝިއާގަ އެވެ.

ލުތުފީ "ގެއްލިފައި" ވަނިކޮށް ސޯޝަލް މީޑިއާގައި މިހާރު ލީކުވެގެން އުޅޭ އޯޑިއޯގައި އޭނާގެ ރައްޓެއްސަކާ ފޯނުން ދެކެވުނު ވާހަކަތަކެއްގައި ލުތުފީ ވަނީ އޭނާ އަށް އެކި ގޮތް ގޮތުން އިންޒާރު ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.