މަސްވެރިކަމުގެ ބިލަކީ މަސްވެރިންނާއި މަޖިލިހަށް ކުރި މަލާމާތެއް: ޝިޔާމް

ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި މަސްވެރިކަމުގެ ބިލަކީ މަސްވެރިންނާއި މަޖިލިހަށާއި މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރި މަލާމާތެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.


މަސްވެރިކަމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ނަޝީދުގެ އިސް ނެންގެވުމަކަށް، މަސްވެރިކަމާ ގުޅޭ ގޮތުން މަޖިލިހަށް ހުށަހެޅި ފަސް ގަރާރަކަށް 30 ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަ ކުރުމުން މަސްވެރިކަމުގެ ބިލޭ ކިއާފައި ސަރުކާރުން ފޮނުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތުގައި އެމަނިކުފާނު ޑްރާފްޓު ކުރެއްވި ބިލެއް ކަމަށެވެ. އެ ބިލަކީ ޒަމާނަށް ނުފެތޭ "ވަގުތު ހަމަވެފައި" އޮތް ފްރޭމްވޯކެއް ކަމަށް ސިފަކުރައްވައި ޝިޔާމް ފާޑުވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަނެއްގެ ތެރެއިން ކަމަށްވީ އިރު، އެމަނިކުފާނުގެ ސަރުކާރުގެ މިނިސްޓްރީތައް ވަނީ ކޯލިޝަން ޕާޓީތަކުގެ މެދުގައި ބަހާލައިފަ އެވެ. އެގޮތުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަކީ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ފަރާތުން ވަޒީރު ކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. ބެލެވޭ ގޮތުގައި ޝިޔާމް އެ ފާޑު ވިދާޅުވީ ޒަހާ އަށް ނިސްބަތް ކުރައްވަ އެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ބިލުން މަސްވެރިންނަށް ލިބޭ ފައިދާއެއް ނެތް ކަމަށެވެ. މަސްވެރިން ގއ. ކޫއްޑޫ ނުވަތަ ޅ. ފެލިވަރަށް ގޮސް ބައި ޓަނު ހަމަނުވާ މަސްކޮޅު ކިރާލީމަ ފައިސާ ނުލިބި އެއް މަސްވާ އިރު، އެކަން ރަނގަޅު ކުރާނެ ގޮތެއް ބިލްގައި ނެތް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"އެއް އަހަރު ދުވަސް ހޭދަކުރަން ޖެހޭތޯ މިކަންކަން ކުރަން؟ އަޅުގަނޑުމެން ހިތާމަ ކުރަން ރާއްޖޭގެ ދެ ވަނަ އަށް އޮތް އެންމެ ބޮޑު ސިނާއަތް އަނެއްކާ ހަލާކު ކުރުމުގެ ނިޔަތުގައި މަސައްކަތް ކުރަމުންދާ ތަން މި ފެންނަނީ. މިއީ އެތައް އާއިލާއެއް ބިކަވެގެން ދާނެ ކަމެއް،" ޝިޔާމް ވިދާޅުވި އެވެ.

މީގެއިތުރުން ބޭރުގެ ބޯޓުތައް ރާއްޖޭގެ ސަރަހައްދުތަކަށް ވެއްދުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ބޮޑު ޖަރީމާއެއްގެ ގޮތުގައި ޝިޔާމް ވަނީ ސިފަ ކުރައްވައިފަ އެވެ. އަދި ރާއްޖެ އެތެރެވާ އަދި ބޭރުވާ ބޯޓު ފަހަރުތައް މޮނިޓަ ކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"(ބޯޓު ފަހަރު) ވަންނަ އިރު އެބަ އަޅާ ދާ. ނުކުންނަ އިރު އެބަ އަޅާ ދާ. ކީއްކުރަންހޭ ނައިފަރު ބަންދަރުގައި އޮތް ބޯޓުގައި ހުރި 15 ޓަނުގެ މަސް ގަންނަން ބޭރު ބޯޓެއް އަންނަންވީ؟ މަސް ގަތުމުގެ މަގްސަދެއް ނޯންނާނެ އެ ބޯޓުގައި،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ސަރުކާރުން ކުރަންވީ ކަމަކީ މިހާރު އެކިކަންކޮޅުތަކުގައި ހުރި "ގޭދޮށު މަސް ފެކްޓަރީ"ތައް ރަނގަޅު ކުރުމެވެ. އަދި މިފްކޯގެ ހާލަތު ރަނގަޅު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަސްވެރިންގެ ހަގީގީ މައްސަލަތަކެއް ސަރުކާރަކަށް ނޭނގެ އެވެ.