އަންހެނުންނަށް ފުރުސަތު ހޯދައިދޭން މަޖިލިސް އެކީގައި ތެދުވަން ޖެހޭ: ރޮޒެއިނާ

އަންހެނުންނަށް ފުރުސަތު ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލިސް އެކީގައި ތެދުވަންޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.


ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަންހެން ދެ ބޭފުޅަކު އައްޔަންކުރަން އުޅޭތީ އެކަމާ ދެކޮޅަށް މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ރޮޒެއިނާ ވިދާޅުވީ އަންހެން ފަނޑިޔާރުން އައްޔަންކުރުމާ ގުޅޭ ގޮތުން އިސްލާމް ދީނުގައި ހިލާފު އުފެދިފައި އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ކުރާން ޖެހޭ ކަމަކީ އޭގެ އެންމެ ފުޅާ ދާއިރާއެއްގައި އަންހެނުންނަށް ހައްގުތައް ހޯދުމަށް އޮތް ރައުޔެއް ހިފައިގެން ކުރިއަށް ދިއުން ނޫންތޯ؟" ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ދެ ބޭފުޅަކު އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވުމާ ގުޅިގެން އެކަމަށް ތައުރީފް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އަންހެން ދެ ފަނޑިޔާރުންގެ ނަން ހުށަހެޅުއްވުމަކީ "މުޅި ގައުމު އަތް ޖަހަން ޖެހޭ" ވަރުގެ ކަމެކެވެ.

ރޮޒެއިނާ ވިދާޅުވީ އަންހެނުންނަށް ފުރުސަތުތައް ހަނިކުރުމަށް "ހިފެން އޮތް އެއްޗެއްގައި ހިފައިގެން" އެ ވާހަކަ ދަމަން ނުޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ އިސްލާމީ އެހެން ގައުމުތަކާ ބަލާއިރު، އަންހެނުންނަށް ފުރުސަތު ހޯދައިދިނުމުގައި ރާއްޖެ އޮތީ ފަހަތުގައި ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަންހެން ދަރިން ޑޮކްޓްރޭޓާ ހަމަ އަށް ކިޔަވައިގެން އެތައް ދުވަސްތަކެއް ހޭދަކޮށްގެން މޮޅު ނަތީޖާތައް ދުނިޔޭގެ ލެވެލްގައި ހިފައިގެން އައީމަ، މިކަމެއް ނުކުރެވޭނެއޭ، އެކަމެއް ނުކުރެވޭނެއޭ ބުނާކަށް ނުޖެހޭ،" އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕްކަން ކުރައްވާ ރޮޒެއިނާ ވިދާޅުވި އެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުން މިސާލު ނަންގަވައި ރޮޒެއިނާ ވިދާޅުވީ މެލޭޝިއާ އާއި ޕާކިސްތާނުގައި އުއްތަމަ ފަނޑިޔާރަކަށް ހުންނެވީ އަންހެން ބޭފުޅެއް ކަމަށެވެ. ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބެވި އިރު، ޖޯޑަން، މިސްރު، ބަހްރެއިން، ޔޫއޭއީ، އިންޑޮނޭޝިއާ، ސީރިއާ ފަދަ ގައުމުތަކުގައި އަންހެން ފަނޑިޔާރުން އެބަ ތިއްބެވި ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި 1960 ވަނަ އަހަރުން ފެށިގެން ވެސް އިސްލާމީ ގައުމުތަކުގައި އަންހެން ފަނޑިޔާރުން އެބަތިއްބެވި އެވެ.

"ރައީސް، ދެ އަންހެން ފަނޑިޔާރުންގެ ނަން ހުށަހެޅީމަ، އަތް ޖަހަންވީ. މުޅި ގައުމު އަތް ޖަހަން ޖެހޭ. މުޅި މި ގައުމު މިކަމަށް ސާބަސް ދޭން ޖެހޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ނިންމެވި ދެ ބޭފުޅުންނަށް ތާއީދު އޮތްކަން ހާމަކުރައްވައި ރޮޒެއިނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި ތިބޭ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް ބަދަލުކުރުމާ އެކު އަލަށް ބެންޗަށް އިތުރުކުރަން ޖޭއެސްސީ އަށް ރައީސް ފޮނުއްވީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ނަމެވެ.