ވެރިފަރާތުން ބުނަނީ ގުދަނުގައި ރޯވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް

ހ. ތިލަފުށިގޭގައި އަނދައިގެން ދިޔަ ކެމިކަލް ގުދަނަކީ ކަރަންޓް ވެސް ހުންނަ ތަނެއް ނޫން ކަމަށާއި އަދި އެތަނަކީ އަމިއްލަ ޒާތުން އަލިފާނުގެ ހާދިސާއެއް ހިނގައިގެން ވާނެ ތަނެއް ނޫން ކަމަށް އެ ގުދަނުގެ ވެރިފަރާތް، ގްރީންޕާތު ކުންފުނިން މިއަދު ބުނެފި އެވެ.


މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާ، މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގީ އެ ގުދަނުގައި ރޯވެގެން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. ބާރު ގޮވުންތަކަކާ އެކު އެތަނުގައި ރޯވެ، ފެތުރުނު އަލިފާން ނިންވާލެވުނު އިރު އެކަކު މަރުވެ، ހަތަރު ގުދަނާއި ހަ ގެއެއް ވަނީ އަނދައި ހުލިވެފަ އެވެ. ގެތަކުގައި ދިރިއުޅުނު 400 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.

އެ ހާދިސާގައި މަރުވީ ކެމިކަލް ގުދަން ކުރިމަތިން ހުރި ރަދުވާނިއާ ގޭގެ ތިން ވަނަ ފްލޯގައި ދިރިއުޅުނު ތ. ބުރުނީ، ފެންފިޔާޒުގޭ، އައިޝަތު ޝައުނާ، 47، އެވެ.

ތޮއްޖެހުން ބޮޑު އަބަދަށްފެހި މަގުގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު އެހާ ކުޑަ ސަރަހައްދެއްގައި އެކަނި ވެސް ހަތަރު ގުދަން ހިންގި އެވެ. އާއްމުން ދިރިއުޅޭ ތަންތަނުގައި ކެމިކަލް ގުދަންކުރާތީ ކަމާބެހޭ އިދާރާތަކަށް އަމާޒުވެފައިވާ ފާޑުކިއުންތަކާ އެކު، ރޯވި ގުދަން ހިންގާ ކުންފުންޏާ މެދު ވެސް ވަނީ ނުރުހުން އަމާޒުވެފަ އެވެ. އެ ހާދިސާގައި އެ ކުންފުނީގެ އިހުމާލު ބޮޑު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ފާޑުކިއަމުންނެވެ.

މާލޭ ސިޓީ ކައުންސިލުން ބުނިގޮތުގައި ކެމިކަލް ގުދަން ހިންގުމުގެ ހުއްދަ ގްރީންޕާތަށް ދޫކޮށްފައި ވަނީ 2016 ގަ އެވެ.

އަލިފާން ރޯވެ ގެތައް އަނދައި ހުލިވެފައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެ ކުންފުންޏަށް "މިހާރު" އިން ގުޅުމުން އެތަނުގެ އޮޕަރޭޝަންސް މެނޭޖަރު އިބްރާހިމް ނަޝީދު ވިދާޅުވީ އެ ގުދަނުގައި ރޯވަން ދިމާވި ސަބަބެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެތަނަކީ އަމިއްލަ ޒާތުގައި އަލިފާން ހިފާނެ ތަނެއް ނޫން ކަމަށާއި ކަރަންޓް ޝޯޓަކުން ވެސް އަލިފާން ރޯވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"ގުދަނަށް ކަރަންޓް ބޭނުން ވެއްޖެ ނަމަ ޖެހިގެން ހުރި ގުދަނުން ވާގަނޑަކުން ކަރަންޓް ގެންނަ ތަނެއް އެއީ،" އޭނާ ވިދާޅުވި އެވެ.

އެ ގުދަނުގައި ރޯވެ އެކަކު މަރުވެ، ގިނަ ބަޔަކަށް ގެއްލުވުމުން ހިތާމަކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހާދިސާގައި އެ ކުންފުންޏަށް ވެސް ލިބުނީ ވަރަށް ބޮޑު ގެއްލުމެކެވެ. އެކަމަކު އެއީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް އަދި ސާފުނުވާ ކަމަށް ވިދާޅުވި އެވެ.

ގުދަނުގައި ހުންނާނީ ޕޫލް ކެމިކަލާއި ޑިޓަޖެންޓާއި ސޮފްޓްނާ ފަދަ ތަކެތި.

ތިލަފުށިގެއާ ޖެހިގެން ހުންނަ މާޓިން ގޭގައި ހިންގާ ކޯލްޑް ސްޓޯރޭޖު ވެސް ވަނީ އަނދައި ހުލިވެފަ އެވެ. އެއީ ވެސް ގްރީންޕާތުގެ ވެރިފަރާތުގެ ހިއްސާ އޮންނަ ތަނެކެވެ. ފިނިކުރި ކުކުޅާއި ތަރުކާރީ ފަދަ ތަކެތި ބަހައްޓާ އެ ގުދަން ހިންގަނީ ފިނޯ ކުންފުނިންނެވެ. އޭގެ އިތުރުން ވެސް ގްރީންޕާތުގެ މެނޭޖްމަންޓުގެ ދަށުން އެހެން ދެ ކުންފުންޏެއް ހިންގަ އެވެ. އެއީ، އެންޝުއާ އާއި ވޯޓާޑިވިޝަނެވެ.

ސަރުކާރުގެ އިދާރާތަކުން ބުނިގޮތުގައި ތިލަފުށިގޭގައި ގްރީންޕާތުން ހިންގާ ގުދަނަށް ހުއްދަ ދިނީ ހައުސް ހޯލްޑް ނުވަތަ ގޭތެރޭގައި ބޭނުންކުރާ އެކި ޒާތުގެ ކެމިކަލް ރައްކާކުރާށެވެ. އޭގެތެރޭގައި އިންޑަސްޓްރިއަލް ކެމިކަލް ނުހިމެނެ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ ގުދަނުގައި ރައްކާކުރަނީ ޕޫލަށް އަޅާ ކެމިކަލާއި ލޯންޑްރީ ކެމިކަލްގެ ތެރޭގައި ހިމެނޭ ޑިޓަޖެންޓާއި ސޮފްޓްނާ ފަދަ ދިޔާ ތަކެއްޗެވެ.

"ކޮންމެ އަހަރަކު ހުއްދަ އާ ކުރާ ތަނެއް. ޑިފެންސް މިނިސްޓްރީން ގަވާއިދުން އިންސްޕެކްޓް ކުރާ ތަނެއް. އެންމެ ފަހުން ހުއްދަ އާ ކޮށްފައި ވާނީ މި އަހަރުގެ މެއި މަހުގެ ތެރޭގައި، އެ ހުއްދަ ހަމަވާނީ އަންނަ އަހަރުގެ މެއި މަހު،" ނަޝީދު ވިދާޅުވި އެވެ.

"ގަވައިދަށް ނުފެތޭ އެއްވެސް ކަމެއް ނުހުންނާނެ."

އޭނާ ވިދާޅުވި ގޮތުގައި ޑިފެންސް މިނިސްޓްރީން އެންމެ ފަހުން ޗެކްކުރި އިރު ވެސް ހުރިހާ ކަމެއް ހުންނާނީ ގަވާއިދާ އެއްގޮތަށެވެ. ގަވާއިދާ ޚިލާފަށް ނުވަތަ ހުއްދައާ ޚިލާފުވެގެން ވަކި ކަމެއް އިސްލާހުކުރާކަށް ވެސް އަންގާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި 2،000 އަކަ ފޫޓުގެ ގުދަނުގައި ރޯވި ފަހުން އެ ކުންފުންޏަށް ވެސް ގުދަނާ ކައިރިއެއް ނުވެވެ އެވެ. ހުއްދަ ލިބުނީ އެންމެ ފަހަރަކު، އިންޝުއަރެންސް ކުންފުންޏަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަބަދަށްފެހި މަގުގައި ހުރި އިމާރާތްތަކުގައި ރޯވެ އަނދަމުންދާ އިރު އަލިފާން ނިންވުމަށް ސިފައިން މަސައްކަތް ކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އާއްމުން ދިރިއުޅޭ ސަރަހައްދުގައި ގުދަންތައް ބެހެއްޓުމަކީ ނަޝީދު ވިދާޅުވި ގޮތުގައި އެ ކުންފުނިން ވެސް ކަންބޮޑުވާ ކަމެކެވެ. އެ ވާހަކަ، މި އަހަރުގެ ތެރޭގައި އެންމެ ފަހުން އެމްއެންޑީއެފްއާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް އެ ކުންފުނިން ބުނެފައިވާނެ ކަމަށާއި އޭރު ޕޮލިސީއެއް ކަނޑައަޅަމުން އަންނަ ކަމަށް އެތަނުން ބުނެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ތިލަފުށިން ބިމެއް ދޭން އެދި ސިޓީ ވެސް ހުށަހަޅާފައި އޮންނާނީ،" އޭނާ ވިދާޅުވި އެވެ.

ގުދަނުގައި ރޯވި ގޮތް ފުލުހުންނާއި އެމްއެންޑީއެފުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ޒިންމާވާން ޖެހޭ ފަރާތެއް އެނގޭނީ އެ ތަހުގީގުން ކަން ގްރީންޕާތުން ވެސް ފާހަގަކުރި އެވެ.

މި ހާދިސާއާ ގުޅިގެން ސަރުކާރުން ވަނީ ހުރިހާ ގުދަންތަކެއް މާލެ އިން ބޭރުކުރަން ނިންމައިފަ އެވެ. ކެމިކަލް ރައްކާކުރުމަށް ތިލަފުށިން އިމާރާތްތައް ދޫކުރާނެ ކަމަށް ތިލަފުށި ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.