ސަރުކާރަށް އެޖެންޑާ 19 އެއް ނޭނގޭ، އެކްޝަން ޕްލޭނަކު ނެތް: ޝިޔާމް

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް އެމްޑީޕީ ރައްޔިތުންނަށް ވިއްކި "އެޖެންޑާ 19" ގެ ސިޔާސަތުތައް މި ސަރުކާރުން އާންމުކުރި ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސްކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން ފަސް އަހަރަށް އެކުލަވާލި ޕްލޭންގައި ސަރުކާރު ވެރިކަމަށް އައުމަށާއި އެމްޑީޕީން ރާއްޖޭގެ ހުރިހާ ރަށްތަކަށް ދަތުރުކޮށް ރައްޔިތުންނާ ބައްދަލު ކުރުމަށް ފަހު ވިއްކި އެޖެންޑާ، ޕްލޭންގެ ތެރެއިން ހާސިލްވާ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"މިއަދު އޮތް ސަރުކާރަށް އެޖެންޑާ 19 ނޭނގެ. އެޖެންޑާ 19 ގެނެވުނު ގޮތް އަޅުގަނޑުމެންނަށް އެނގޭ، އެކަމަކު ހިތާމައަކީ އެޖެންޑާ 19 ގެނެވުނު ގޮތާއި އެއީ ކޮން އެއްޗެއް ކަން މިއަދު އޮތް ސަރުކާރަށް ނޭނގޭ ކަން،" ޕީޕީއެމްގެ ނައިބު ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތައުރީފް ކުރައްވައި ޝިޔާމް ވިދާޅުވި ގޮތުގައި އެޖެންޑާ 19 އަކީ ނަޝީދު "ރަށެއްގެ ގޮނޑުދޮށުގައި" އިންނަވައިގެން ގެނެސްދެއްވި ތަސައްވުރެކެވެ. އޭގައި ރައްޔިތުންނާ ގުޅުން ހުރި ރަނގަޅު ކަންކަން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"އެ ތަސައްވަރު ތަންފީޒުވެގެން ދާ ތަން ރައްޔިތުންނަކަށް ނުފެނޭ،" ޝިޔާމް ވިދާޅުވި އެވެ.

"ކަރުދާހުގައި ލިޔެވި، ނަންބަރު ތަރުތީބު ކުރެވިގެން ބައިވަރު ފޮތްތައް ނެރެވިދާނެ. ބައިވަރު ޕްލޭންތައް ނެރެވިދާނެ. އެކަމަކު އެކަންކަން ތަންފީޒު ކުރަން އެނގޭ ބަޔަކަށް ދެއްތޯ ރައްޔިތުންނަށް ކަމެއް ކޮށްދެވުނު ކަމަށް ވާނީ؟ މިއަދު އޮތް ސަރުކާރު ނުކުޅެދިފައި އޮތް ތަން މި ފެންނަނީ."

ޝިޔާމް ވިދާޅުވީ ސަރުކާރަށް އަހަރެއް ވާން ގާތްވެފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ސަރުކާރުން ނެއްޓެން އުޅޭ މަންޒަރު ނުފެންނަ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ގެނައީ ކުރީގެ ސަރުކާރުގެ ވާހަކަ ދައްކަންތޯ އޭނާ ސުވާލުކުރެއްވި އެވެ.

ޝިޔާމްގެ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުން އޭނާ އަށް ރައްދު ދެއްވި އެވެ. އެ މެމްބަރުން ވިދާޅުވީ ޝިޔާމްގެ ވާހަކަތައް ހުރީ ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް ކަމަށެވެ. އަދި އެކްޝަން ޕްލޭން ރަނގަޅަށް ބައްލަވާފައި ނުވާ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.