އެމްޑީއެންގެ ރިޕޯޓާ ގުޅިގެން މަޖިލިހަށް ކުއްލި މައްސަލައެއް

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ލިޔުނު މައްސަލައިގައި ރައްޔިތުންގެ މަޖިލިހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަލައިގަނެ، މެމްބަރުންގެ މެދުގައި ވަނީ މިހާރު ބަހުސް ފަށައިފަ އެވެ.


ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި މައްސަލައިގައި ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓުގައި މާތް ﷲ ގެ ކުޅަދުންވަންތަކަމާއި އެކަލާނގެ ވަހީ ބަސްފުޅުތަކާއި ކީރިތި ގުރުއާނުން ސާބިތުވެފައިވާ ކަންކަމަށް ސުވާލު އުފައްދާފައިވާ ކަމަށެވެ.

ކީރިތި ރަސޫލާ އަށް އަބުރުފުޅުގެ ޝަހްސިއްޔަތުގެ ގަދަރާއި ކަރާމާތަށް އިހާނެތިކަން އަންނާނެ ފަދަ ވާހަކަތައް އެމްޑީއެންގެ ރިޕޯޓުގައި ހިމަނާފައިވާ ކަމަށް ވެސް ނަޝީދުގެ މައްސަލައިގައިވެ އެވެ.

މީގެ އިތުރުން، ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލު ކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫޖަހާފައިވާ ކަމަށް ވެސް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

މި މައްސަލަ މަޖިލިހަށް ބަލައިގަނެ، ބަހުސް ފެށީ 55 މެމްބަރުންގެ އިއްތިފާގުންނެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ލިޔުނު މައްސަލަ ބަލައި ފުރިހަމަ ތަހުގީގެއް ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން އެގޮތަށް ބުނީ އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓެއްގައި ލިޔެފައިވާ މައްސަލާގައި ސަރުކާރުން ހިމޭނުން އޮތް ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ.

އެމްޑީއެންއިން ވަނީ އެ ރިޕޯޓާ ގުޅިގެން މައާފަށް އެދިފަ އެވެ. ނަމަވެސް ފަހުންވެސް އަންނަނީ އެކަމުގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ. ރިޕޯޓާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އެމްޑީއެން އަށް ވަނީ އަމާޒުވެފަ އެވެ. އަދި އެ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އަޅަން އެތައް ބަޔަކު ވަނީ ގޮވާލައިފަ އެވެ.